Wednesday, December 2, 2009


އުޙްތެއް ގެ ޝުޢޫރު

ދިވެހި އުޙްތެއް

އަޅުގަނޑުމެން އިންސާނުންގެ ބައްޕަ، އާދަމް އަލައިހިއްސަލާމް ހައްދަވައި، އެކަލޭގެފާނުގެ އަރިކަށިފުޅުގެ ކަށިކޮޅަކުން އަބިކަނބަލުން ހައްވާގެފާނު މާތް ﷲ ހެއްދެވިއެވެ. އަދި މަނާ ކުރެވުނު ގަހަކާއި ގާތްވުމުގެ ސަބަބުން (ވަކި ބޭފުޅަކަށް ވަކި ގޮތެއް ނުހައްދަވާ) ދެކަނބަލުން އެއްކޮށް މިދުނިޔެއަށް ފޮނުއްވުނެވެ. މިފުރަތަމަ އިންސާނީ ފެށުން އަންހެން އަދި ފިރިހެން ބޭފުޅުން ލިބިވަޑާއިގަތެވެ. އަދި މިބިމުގެ ޚަލީފާއިން ކަމުގައި ލައްވަވާ މާތް ކުރައްވާ ގިނަ ކުރެއްވިއެވެ. އިންސާނާ އިންސާނަކަށްވީ މިދުނިޔޭގައި ދިރިއުޅޭ ހައިވާނުންނާއި ޖަނަވާރުންނަށް ވުރެއް ބުއްދި އާއި ވިސްނުން މާތް ﷲ ގެ އޯގާވެވޮޑިގެން، ދެއްވާއިގެންނެވެ. އަދި އިންސާނުންގެ ތެރެއިންވެސް މާތް ކުރައްވާ މާތް ﷲ ރަސޫލުންނާއި ނަބީޔުން ފޮނުއްވިއެވެ. އެއީ އެކަލާނގެ ދީން ހިމާޔަތް ކުރައްވާ އިންސާނުން އުޅެންވީ ހެޔޮ ގޮތް އެނގެވުމައްޓަކައިއެވެ. އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ލެއްވި އެންމެ ފަހުގެ ސާހިބާ މުޙައްމަދު صلى الله عليه وسلم މެދުވެރި ކުރައްވާ އެންމެ ފަހުގެ ރިސާލަތް ކަމުގައިވާ އިސްލާމް ދީން ބާއްވާލައްވާ އެންމެ ފުރިހަމަ ދީންކަމުގައި ލައްވަވާ އެހެން ދީންތައް މަންސޫޙް ކުރެއްވިއެވެ.

ޖާހިލު ޒަމާނުގައި އަންހެނުންނަކީ އެއްވެސް އަގެއްނެތް ނަޖިސް ބައެއް ކަމުގައި ވިއެވެ. އަންހެން ދަރީން ލިބިއްޖެ ނަމަ މޫނު އަނދިރިވެ ލިބުނު ލަދުވެތިކަން ފޮރުވުމަށްޓަކައި ދިރިތިއްބާ ވަޅުލާ މަރާލައެވެ. އަދި އެއަންހެނުންނަކީ ފިރިހެނުންގެ މުނިފޫހިފިލުވާ ކުޅޭކުޅޭ އެއްޗަކަށް ހެދިއެވެ. މިމާތް ވެގެންވާ އިސްލާމް ދީން އައުމާއެކު އަންހެނުންނަށް، އެމީހުންގެ ހައްގުތަކާއި ރައްކާތެރިކަމާއި މިނިވަންކަން ވަނީ އެހެން ދީންތަކުގައި ދުވަހަކުވެސް ނުލިބޭ ވަރަށް މިނިވަންކަން ދެއްވާފައިއެވެ.

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އިސްލާމް ދީނާއިގެން ވަޑާއިގަތީއްސުރެއް ޔަހޫދީންނާއި ނަޞާރާއިން ވަނީ ވަރަށް ބޮޑަށް ހަސަދަވެރިވެފައިއެވެ. އަދި އެމީހުން ދަނީ އޭރުއްސުރެއް އެކިގޮތްގޮތަށް އިސްލާމް ދީނުގެ ނަން ހުތުރުކޮށް އަގުވައްޓާލަން މަސައްކަތް ކުރަމުންނެވެ. އެންމެ ބޮޑު އެއްސަބަބަކީ އިސްލާމް ދީނުގައި އަންހެނުންނަށް ވަނީ ދުވަހަކުވެސް އެހެން ދީންތަކުގައި ނުދޭ ޙާއްސަ ހައްޤުތަކެއް ދެއްވާފައިއެވެ. ކޮންމެ އަންހެނަކީ އެމީހަކު ނިސްބަތްވާ ޢާއިލާއެއްގެ ލޮބުވެތި މަންމައެއް، ދައްތައެއް، ކޮއްކޮއެއް، ދަރިފުޅެއް، ބޮޑުދައިތައެއް، މާމައެއް ނުވަތަ އަނބެކެވެ. މުސްލިމް ޢާއިލާތަކު ގައި މިދެންނެވި އަންހެނުން ގެންގުޅެނީ އިއްފައިތެރިކަމާއި ޝަރަފުވެރިކަމާއި އިއްޒަތްތެރިކަމުވެ. މިސަބަބުތަކާއި ވެސް އެކު މިއަދާ ހަމައަށް އިސްލާމްދީނުގެ އަދުއްވުން ވަނީ އެކިއެކި ގޮތްގޮތަށް މުސްލިމުންނަށް ފުރައްސާރަކޮށް އަނިޔާވެރިވެފައިއެވެ. މިގޮތުން ބައެއް މުސްލިމް ޤައުމުތަކާއި ޖަމާޢަތްތައް ވަނީ އެމީހުންގެ ހީލަތްތެރި ރޭވުންތަކުން ބައިބައިކޮށް ފައިއެވެ. ދުނިޔޭގެ ދަހިވެތިކަމުގެމަޅީގައި ޖެހި ބައެއް މުސްލިމުން ވަނީ ގެއްލި ހަލާކުވެފައިއެވެ. އަދި ޙާއްސަކޮށް މިމަޅީގައި ޖެހިފައިވަނީ އަޅުގަނޑުމެންގެ އުޙުތުންނެވެ. އެއީ އެމީހުންގެ އުކުޅުތައް ބޮޑަށް އަމާޒުކުރެވިފައި ވަނީ މުސްލިމް އަންހެނުންނަށެވެ. އަންހެނުންގެ ހައްޤުތަކޭ ކިޔައިގެން މީޑިއާތެރޭގައި ފާޑުފާޑުގެ އާޓިކަލްތަކާއި ޓީވީ ޝޯތަކުގައި ޝައިޠާނީ ހެއްލުންތެރި އުކުޅުތައް ބޭނުންކޮށްގެނެވެ. ދުނިޔޭގެ ރީތީގެ ރާނީ ހޮވުމާއި ލަވަކިއުމުގެ ހުނަރު ދެއްކުމާއި މޮޑެލް ކުރުން ފަދަ ކަންތައްތަކެވެ. މިއީ އެމެރިކާ އަދި ޔޫރަޕް ގެ 'މިނިވަން' އަންހެނުންނަށް ލިބިފައިވާ މިނިވަންކަން ދައްކާގެންނެވެ. އެކަމަކު އެމެރިކާ އަދި ޔޫރަޕް އަންހެނުންގެ ޙާލަކީ ކޮބައިތޯ؟ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. އެމީހުން އަދާކުރާ ވަޒީފާގައި އެއް މަޤާމެއްގައި ވަޒީފާ އަދާކުރާ ފިރިހެނަކަށް މުސާރަ މާ ބޮޑެވެ. އެކަމަކު އެއް މަޤާމެކެވެ. ވަޒީފާ ގެ ޒިންމާ އެއްވަރަށް ނަގަންޖެހޭއެވެ. މި މިނިވަންކަން އޮތް ކަމަށް ދައުވާ ކުރާމީހުން ބުނާ ގޮތުގައި މުސްލިމް އަންހެނާގެ މިނިވަންކަން ވަނީ ހިޖާބުގެތެރޭގައި ބަނދެވި ގޭގައި ބަނދުކޮށް ނިގުޅާއިގެންފައިއެވެ. ވީމާ މުސްލިމުންގެ އަދުއްވުން ވަކާލާތުކުރަނީ މުސްލިމް އަންހެނުންނަށް މިނިވަންކަން ހޯދުމަށް، ޙައްޤު ހޯދުމަށް ނިކުތުމަށެވެ.

މިހާރު މިމޮޑަރން ވިސްނުން ވަނީ މިކުޑަކުޑަ ރާއްޖެގައި ވެސް އަށަގަނެފައިއެވެ. ނަތީޖާއަކަށް ވެގެން ދިއައީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ޙައްޤުތައް ހޯދުމަށޭ ކިޔާގެން ހަށިފޮޅާލާ ތެދުވުމެވެ. ދީނީ ޙައްޤު، މިނިވަން ކަމުގެ ޙައްޤު، ޑިމޮކްރަސީގެ ޙައްޤު،ވާހަކަ ދެއްކުމުގެ ޙައްޤު، އަންހެނުންގެ ޙައްޤު ... މިފަދަ އެތަކެއް ޙައްޤުތަކެއް ހޯދުމަށް ދުއްވައިގަނެ މުޅި ރާއްޖޭ ހަލަބޮލިކޮއްލައިފިއެވެ. ބައެއް ފަހަރު ބައެއްގެ އަބުރާ ޢިއްޒަތަށް އަރާގަނޭވޭ އިރުވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީވެސް އެ ޢަމަލު ކުރާ މީހަކަށް ލިބިފައިވާ ޙައްޤެކެވެ.

އަޅުގަނޑު މިލިއުން އަމާޒުކޮއްލަނީ އަޅުގަނޑުގެ ހިތުގައިވާ ޝުޢޫރު ފާޅުކޮއްލުމަށެވެ. މިދޭތެރެއިން މުޅި ރާއްޖެ ސިއްސުވާލި ޖާރިޔާއެއްގެ ވާހަކައެވެ.

މީޑިއާތެރޭގައި ޖާރިޔާއެއްގެ ގޮތުގައި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކު އޭނާގެ ސާހިބުމީހާއަށް ބަލިވެއިން ވާހަކަ ދެކެވުނެވެ. މިޚަބަރާ ގުޅިގެން މުޅި މާލެތެރެ ހަލަބޮލިވެ ކަންބޮޑުވެ، އެންމެންގެ ދޫ މަތިން ތަފާތު އެކިއެކި ގޮތްގޮތަށް ވާހަކަތައް ދެކެވި، އެކުއްޖަކު ހޯދުމަށް ސަރުކާރާއި ފުލުހުންނާއި ސިޔާސި މީހުންނާއި އަދި އާންމުންގެ މީހުން ކުރި މަސައްކަތްތަކަށް ފަހު ނަތީޖާ ލިބުނު އިރު ހިތާމައިގެ ކޮޅެއް ނެތެވެ. އެތަކެއް ވާހަކަތަކެއް އެކި ގޮތްގޮތަށް ދެކެވި، ވަރަށް ހުތުރު ބަސްތައް ރައްދުކޮށް ބައެއް އަންހެނުން ބަދުނާމު ކުރުމުގެ އިނގިލި ދިއްކުރެވިފައެވެ. ވަރަށް ވެސް ހިތި ތަޖުރިބާތަކެއް ވަނީ ވަރަށް ގިނަ އަންހެނުންނަށް މިކަމުން ކުރިމަތިވެފައިއެވެ. އެއީ ކޮންބަޔެއްކަން އިނގިލައްވާތޯ؟ އާދެ، ކަޅުހެދުންލާއިގެން ބޮޑު ބުރުގާ އަޅާއިގެން ތިބޭ އަންހެނުންނާއި އަދި މޫނު ބުރުގާ އަޅާގެން ތިބޭ އަންހެނުންނަށެވެ. މިގޮތަށް ހެދުން އަޅާއިގެން ތިބޭ އަންހެނުންނަކީ އެމީހުންގެ ފިރީންނަށް 'ޖާރިޔާ' ކުޑަ އަންހެން ކުދީން ހޯދައިދޭބައެއްކަމުގައި ލޭބަލްވިއެވެ. އެއީ އެއަންހެނުންގެ ޙައިޟުގެ ދުވަސްވަރު ފިރީންގެ އެދުންފުއްދުމަށެވެ. އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީނުގައި އަނގަވާފައި ވަނީ ކުޑަ ޅަ އަންހެން ކުދިން ހޯދައިގެން ޒިނޭކުރާ ކަށެއްނޫނެވެ. ކުޅަދާނަވެގެންވާ އަދި ހުރިހާ އަނބީންނަށް ހަމަހަމައަށް ކަންތައް ކޮއްދެވޭނެ ކޮންމެ ފިރިހެނަކަށް ދޭއް، ތިނެއް ނުވަތަ ހަތަރު އަނބީންނާއި ކައިވެނިކޮއްގެން ހަލާލުގޮތުގައި އުޅުމެވެ. އަޅުގަނޑުގެ ހިތަށް އަރަނީ މިވާހަކަދެކެވުނު ކުއްޖާއަށް ލިބުނު ނަފްސާނީ ގެއްލުމާއި އަދި އޭނާގެ ކަރާމާތަށާއި އަބުރަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ؟ އެ އުޙުތާއަށް ލިބުނު އަނިޔާގެ ކޮޅެއްވެސް ނެތެވެ. ހަމަ ގައިމުވެސް އެމީހެއްގެ ކޮއްކޮ، ދައްތަ ނުވަތަ އަނބެއް، ބަލިވެއިނދެއްޖެ ނަމަ އޭނާއަށް ޙާއްސަ އަޅާލުމެއް ދެވެއެވެ. މާބަނޑުދުވަސްވަރު ދިމާވާ ވަރުބަލިވުމާއި އުނދަގޫތަކަށް ޢާއިލާގެފަރާތުން ވަރަށް ބޮޑަށް އެހީތެރިކަންލިބެއެވެ. އަދި ޢާއިލާއަށް އިތުރުވާ ތުއްތު ތުއްތު މެހުމާނަށްޓަކާއި ޢާއިލާއިން ކުރާ އިންތިޒާރާއިން މަރުހަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުވެއެވެ. ވީމާ ކޮންމެ އަންހެނަކުވެސް އިންނާނީ މަންމަ އަކަށް ވާ އުފާވެރި ދުވަހަށް އިންތިޒާރުގައެވެ. އަޅުގަނޑުމެންގެ ތެރެއިން އަމިއްލަ އެދުމައްޓަކާއި އަދި އެހެން ނިޔަތެއްގައި ވިޔަސް މިކުރެވުނީ ކޮންފަދަ ނުބައި ހަޑިހުތުރު ޢަމަލެއްތޯ؟ ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އަންހެނަކަށް ލިބިގެންދާނެ އެންމެ ބޮޑު އުފާ ވަނީ އެކުށެއް ނެތް އުޙްތާގެ ކިބައިން ނިގުޅާއިގެންފައިއެވެ.

މާބަނޑުވުމަކީ ކިހާ ބޮޑު ވޭނެއްކަން ތިޔާއިގެ ތެރޭއިން ކޮންމެ އަންހެން ބޭފުޅަކަށް އިނގިވަޑާއި ގަންނަވާނެއެވެ. އެއްހަށިގަނޑެއްގައި 2 ފުރާނައެވެ. މަންމަ ވިހެއުމުގެ ތެރޭގައި މަރުވެއްޖެނަމަ އެއީ އަޅުގަނޑުމެން ގެ މާތް ވެގެންވާ އިސްލާމް ދީނުގައި އެއަންހެނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އާދެ، އެއީ ޝަހީދެކެވެ. އަޅުގަނޑުމެން ގެ ތެރެއިން ކިޔަވާވިދާޅުވެގެން ތިއްބެވި ކަމުވޮށިވެގެންވާ ހުރިހާ ބޭފުޅުން ޤަބޫލުފުޅުކުރައްވާނެ މާބަނޑުދުވަސްވަރު މާބަނޑުމީހާއަށް އޯގާތެރިވެ، އެވާން އުޅޭ މަންމަ އުފަލުގައި ބެހެއްޓުމަކީ އެމައިމީހާ އަށް ކޮށް ދެވޭނެ އަދި ލިބިގެންދާނެ އެންމެ ބޮޑު ޝިފާކަން، އެހެން ކަމަށްވާނަމަ އެނިކަމެތި އަންހެން ކުއްޖާގެ ޙާލަކީ ކޮބާއިތޯ؟ މިރާއްޖޭގައި ކިތައް ކުދީންތޯ ނަހަލާލަ ބަލިވެއިނދެ ވިހަނީ ނުވަތަ އިންޑިޔާ ލަންކާ އަށް ގޮސް އެބޯޝަން ހަދަނީ.... މިވާހަކަ ތަކެއް ނޫސްތަކުގެ ފަލަ ސުރުހީތަކަަށް ނާރައެވެ. އެކަމަކު ޙަލާލު ގޮތުގައި ކައިވެނި ކޮށް މަންމައަކަށްވުމުގެ އުފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބެނީސް މިވަނީ މުޖުތަމަޢު ތެރެއަށް ގިނަވެ ބަނޑުގައި ހެދި ބޮޑުވަމުން އަންނަ މަޢުސޫމު ދަރިފުޅާ ދިމާލަށް އިނގިލި ދިއްކޮށް 'ޖާރިޔާ އަކަށް، އޭނާގެ ސާހިބުމީހާގެ ފަރާތުން ލިބޭ ދަރިއެއް ކަމަށް' ނިސްބަތް ކޮއްފައެވެ. ކޮންމެ ފަހަރަކުވެސް މީހަކު ކުށެއް ކޮއްފިނަމަ ބަލަންޖެހެނީ އެމީހަކު ހެދުން އަޅާ ގޮތަށްތޯ؟ ނޫނީ އެންމެ އިންސާފުވެރި ގޮތަކީ އެމީހަކު ކުރި ކުށް ބެލުންތޯ؟

ފުރަތަމަ ޖާރިޔާ މިބަސް މިބޭނުން ކުރެވެނީ ކިހިނެއްތޯ؟ ޢަރަބި ބަހުގައި ޖާރިޔާ މިކިޔަނީ ކުޑަ އަންހެން ކުއްޖަކަށެވެ. އަދި ދެން އޮންނަނީ މުސްލިމުންނާއި ކާފިރުންގެ ދެމެދު ކުރެވޭ ހަނގުރާމާއިން ކާފިރުންގެ ތެރޭން ރަހީނު ކުރެވޭ ފިރިހެނުންނަކީ އަޅުންނެވެ. އަދި އަންހެނުންނަކީ ޖާރިޔާއިންނެއެވެ. މިހާރު ޖާރިޔާ، މިބަސް އަޅުގަނޑުމެންގެ މިދިވެހި މުޖުތަމަޢުތެރެއަށް ތަޢާރަފުމިވީ ނުވަތަ ދަސްވީ ވަކި ގޮތަކަށް ހެދުން އަޅާއި ތުނބުޅި ބަހައްޓާއި ދީނުގައި ވަކި ގޮތަކަށް އުޅޭ ބަޔަކު "ސެކްސް ސްލޭވްސް" ގެ ގޮތުގައި ގެންގުޅޭ ކުޑައަންހެންކުދިންނަށެވެ... ޖާރިޔާއިން މިރާއްޖޭގައި ގެންގުޅުނު ކަމެއް އަޅުގަނޑެއް ނުދެނަހުރީމެވެ. މިރާއްޖެ އަކީ ދުވަހަކު ވެސް އަޅުން ގެ ބާޒާރެއް ނުވަތަ އަޅުން ގަނެވިއްކި ތަނެއް ނޫނެވެ. ކޮންމެ ދިވެހި ރައްޔިތަކީ މިނިވަން ފަރުދެކެވެ. ވީމާ ދިވެހި މިނިވަން ދެމަފިރިއަކަށް އަޅުކުއްޖެއް ނުވަތަ ޖާރިޔާ އެއް ލިބޭނީ ކިހިއްނެއްތޯއެވެ.

މިރާއްޖޭގައި އެބަޔަކު ހެދުން އެޅުމުގެ މިނިވަކަން އެބައޮތެވެ. އެމީހެއްގެ ހަށިގަނޑު ކަޝްފު ކުރަންވީ ވަރަކަށް ކަޝްފު ކުރުމުގެ ޙައްޤު އެބައޮތެވެ. ނުވަތަ ޔޫރަޕް ސްޓައިލް އަށް ހެދުން އެޅުމުގެ މިނިވަންކަން ވެސް އެބައޮތެވެ. ބައެއް އަންހެން ކުދިން ލާ ހެދުންތަކުގައި އަތެއް ނުހުރޭއެވެ. ކޮނޑު އޮންނަނީ ހާމަ އަށް ފެންނާށެވެ. ނުވަތަ ސައިކަލެއްގެ މަތީ އިނދެއްޖެ ނަމަ ފަހަތުން ބުރަކަށި އޮންނަނީ ކުޑަ ފޮތިކޮޅަކުން ކިރިޔާ ނިވާވެފައިއެވެ. ބަފައިން އަންހެންދަރީން ގޮވައިގެން މަގުމައްޗަށް ނިކުމެވޭވަރެއްނުވެއެވެ. ނުވަތަ މައިން އެމީހުންގެ ފިރިހެންދަރީން ގޮވައިގެން ބޭރަށް ދެވޭކަށް ނެތެވެ. މިފެންނަ ލަދުވެތި މަންޒަރުތަކުންނެވެ. އަދި ރާއްޖެއަށް ނިސްބަތްވާ ޓީ.ވީ ޗެނަލް އެއް ހުޅުވައިގެން ސިޓިންރޫމް ގައި ޢާއިލާ އާއެކު ޓީ.ވީ ބަލަން ނުތިބެވެއެވެ. ފެންނަ ލަދުވެތި މަންޒަރު ތަކުންނެވެ. ހަމަ ހީވަނީ ބޮލީވުޑް ނުވަތަ ހޮލީވުޑްގެ މަންޒަރުތަކެއްހެންނެވެ. މިހާރު ދައްކާ ޗޮކްލެޓް އިސްތިހާރެއްގައި ވެސް ފެންނަނީ ބެންޗެއްގައި އިންނަ އަންހެން ކުއްޖަކު، ފިރިހެންް ކުއްޖަކު އައިސް އިށީ ނުމުން އެ ކުއްޖާއަށް ނުރުހުމުން ބަލާލާ ތަނެވެ. އެކަމަކު އެފިރިހެން ކުއްޖާ ޗޮކްލެޓެއް ޖީބުން ނަގާއިރަށް ހަމަ ވަގުން އެފިރިހެން ކުއްޖާގެ ގައިގާ އޮޅުލައި ގަނެ ކޮނޑުމަތީ ގައި ބޯއަޅާލާތަނެވެ. މި އިސްތިހާރުން އަޅުގަނޑަށް ނެގޭ މާނަ އަކީ އަންހެނުންނަކީ އެއްވެސް އަގެއްނެތް ' ޗީޕް' ކުޑަ ޗޮކްލެޓަކަށް ހެއްލޭ ބައެއް ކަމަށެވެ. ހަމަ ޖާހިލު ޒަމާނުގައި ގެންގުޅުނު ކުޅޭކުޅޭ ގޮތް މިބުނާ ތަހުޒީބު ޒަމާނަށް ވެސް އައީއެވެ. އަދި ދަންނަވަންތޯ، ތަނެއް ހުޅުވިޔަސް ނުވަތަ ޖަލްސާއެއް ބޭއްވިޔަސް އެތަނަކަށް ވަޑާއިންނަވާ މެޙްމާނުންނަށްޓަކާއި ޙާއްސަ މުނިފޫހިފުލުވުމުގެ އައިޓަމްއެއް ކިޔާފައި އަޅުގަނޑުމެންގެ އުޙުތުންގެ ނެށުމެއް ދެއްކުމެއް އޮންނާނެއެވެ.

މައްސަލައަކަށް ވަނީ އަޅުގަނޑުމެންގެ ބައެއް އުޙުތުން އަބުރުވެރިކަމާއި އެކު ހިޖާބުން ނުވަތަ ނިޤާބުން ނިވާވީމައެވެ. އަޅުގަނޑުމެން ކޮންމެ މުސްލިމް އަންހެނަކު ނަމާދަށް އަރާއިރު ހުންނަނީ ކިހިނެއްތޯ؟ ދެއަތާއި މޫނު ނޫން ހުރިހާ ތަނެއް ނިވާކޮއްގެންނެވެ. އެކަމަކު އަޅުގަނޑު ނުދަންނަވަން ބުރުގާ ނާޅާ ތިބޭ ކޮންމެ އަންހެނަކީ ނުބައި ކަންތައް ކުރާނެ ބައެކެވެ. އަޅުގަނޑުމެންގެ މިކުޑަކަޑަ މުޖުތަޢުގައި ވަކި ގޮތަކަށް ހެދުން އަޅާ އަންހެން ކުދީންނާއި ބުރުގާ އަޅާއިގެން ނިވާވެގެން ތިބޭ ކުދީންނާ، އިނގިގެން ނުވަތަ ނޭނގި ނަމަވެސް ތަފާތު ކުރޭއެވެ. ބުރުގާ އަޅާއިގެން ނިވާވީމާ އެއީ ވަރަށް ކަޓު ނާތަހުޒީބު ޑީގްރޭޑް ބަޔަކަށް ހަދައެވެ. ވަޒީފާ އާއި ޕްރޮމޯޝަން ވެސް މިލިބެނީ ޔޫރަޕް ސްޓައިލް އަށް ހެދުން އަޅާ ކުދީންނަށެވެ. ދެން އަންގަނީ މިއޮފީހުގެ ޔުނީފޯމުގައި ނުވަތަ ޑްރެސް ކޯޑުގައި ބުރުގާއެއް ނުހިމެނޭކަމަށެވެ. ނުވަތަ ވަޒީފާ ބޭނުންނަމަ ބުރުގާ ބޭލުމަށެވެ. މީތޯ އަންހެނުންގެ ޙައްޤުތައް ހަމަހަމަ އަށް ދޭ ގޮތަކީ؟ މިއީ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދި މިއީ ބުރުގާ އަޅާއިގެން ނިވާވެގެން ތިބޭ އަންހެން ކުދިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. މިދަންނަވަނީ އަޅުގަނޑުމެންގެ ސައްތައިންސައްތަ މުސްލިމް ދިވެހި ޤައުމުގެ ވާހަކައެވެ. ބޭރުގެ ލާދީނީ ޤައުމެއް ނުވަތަ ބީރައްޓެހި ޤައުމެއްގައި ވިސާ ޖަހައިގެން ދިރިއުޅޭ ބައެއްގެ ވާހަކައެއް ނޫނެވެ. ހަމަ އެއްބަހަކުން ވާހަކަ ދައްކާ އެއްނަސްލަކަށް ނިސްބަތްވާ އަމިއްލަ ވަޡަނުގައި ދިރި އުޅޭ ބައެއްގެ ވާހަކައެވެ.

ނިންމާލަމުން ދަންނަވާނީ 25 ނޮވެމްބަރު 2009 އަކީ އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވުމަށް އ.ދ އިން ކުރައްވާ މަސައްކަތަށް 10 އަހަރު ފުރުން ފާހަގަކުރި ދުވަހެވެ. އަޅުގަނޑު ގޮވާލަނީ، ހުރީހާ އަންހެނުންނަށް ވެސް ހަމަހަމަ އަށް ކަންތައްކުރެއްވުމަށެވެ. ވަކި މީހަކު ހެދުން އަޅާ ގޮތަކަށް ނުވަތަ ނިސްބަތްވާ ޢާއިލާއަކަށް ނުބައްލާށެވެ. ކަޅުހެދުމާއި އެކު ބުރުގާ އަޅާއިގެން ތިބޭ އަންހެނުންނަކީ ވެސް ހަމަ މިމުޖުތަމައުގެ ބައެއްކަމަށް ދެކެވަޑާއިގަންނަވާށެވެ. އެއީ ދީނުގައި އެކްސްޓްރީމިސްޓުންނެއް ނޫނެވެ. ނުވަތަ ޖާރިޔާ އިން ގެންގުޅޭ ބައެއް ނޫނެވެ. އަޅުގަނޑުމެން، އަންހެނުންނަކީ މިރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަން ތިބި މީހުންނެވެ. އަދި މިޤައުމު ކުރިއެރުވުމައްޓަކާއި ވަރަށް އިސް މަޤާމުތަކެއް ފުރަމުންދާ ހީވާގިބަޔެކެވެ. ގޭތެރެއަށް ބެއްލެވިއަސް ،ހޮސްޕިޓަލެއް، ކްލާސް ރޫމް އެއް ނުވަތަ އޮފީހެއްގެ ތެރެއަށް ބެއްލެވިއަސް ފެނިވަޑާއިގަންނަވާނީ ހަމަ ކުރަން ޖެހޭ ކޮންމެ ކަމެއް ޖެހިލުމެއްނެތި ވަރަށް ޝައުގުވެރިކަމާއި ކެތްތެރިކަމާއި އަދި ކަމަށް ކަމޭ ހިތާއިގެން ކުރާތަނެވެ. ވީމާ މިރާއްޖޭގެ މުސްތަގުބަލުގައި ހެޔޮ ޖީލެއް ނެރެވޭނީ މިރާއްޖޭގައި އަޙްލާގު ރަނގަޅު އެހެން މީހުންނަށް އިޙްތިރާމް ކުރާނެ ބަޔަކު އުފެދިގެންނެވެ. ދީނަށާއި ޤައުމަށް ލޯބިދެވިގެންނެވެ. މިރާއްޖޭގައި ދިރި އުޅޭ ހުރިހާ އަންހެނުންނަށް ހަމަހަމަ ކުރެވުމުންނެވެ. އަންހެނުންނަށް ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއްލިބިގެންނެވެ. އަނިޔާ ކުރުން ހުއްޓާލައިގެނެވެ.

No comments:

Post a Comment