Tuesday, December 22, 2009


ޢާޝޫރާދުވަހުގެ ރޯދަ

އައްޝައިޚް ޙަސަން މޫސާ ފިކުރީ

الحمد لله رب العالمين. الصلاة والسلام على محمد صلى الله عليه وعلى آله وصحبه أجمعين وبعد:

ޢާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. މިދުވަހަށް ޢާޝޫރާ މިނަން ދެވިފައިވަނީ ޢަރަބަހުގެ ޢަދަދު ތަކުގެ ތެރެއިން ޢަޝަރަ (ދިހައެއް) މިކަލިމައިންނެވެ. ހަމައެފަދައިން މުޙަރަމު މަހުގެ ނުވަނަ ދުވަހަށް ތާސޫޢާ ދުވަހޭވެސް ކިޔައެވެ. އެއީ ޢަރަބިބަހުގެ ޢަދަދުތަކުގެ ތެރެއިން ތިސްޢާ (ނުވަހެއް) މިކަލިމަޔާ ގުޅުވައިގެންނެވެ.

ތާސޫޢާ އާއި ޢާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތްވެގެން ވެއެވެ. އެހެނީ މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހުގައި ޢާޝޫރާދުވަހު ރޯދަހިފުމަށް މުސްލިމުތަކުންނަށް އަމުރު ކުރެއްވިއެވެ. އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. އެދުވަހަކީ ޔަހޫދީންނާއި ނަޞާރާއިން މާތްކޮށްއުޅޭ ދުވަހެކެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "فإذا كان العام المقبل إن شاء الله صمنا اليوم التاسع" "މާތް ﷲ އިރާދަ ކުރެއްވިއްޔާ، މިއަންނަ އަހަރު ތިމަންމެން (ޢާޝޫރާ ދުވަހާއެކުގައި) މުޙައްރަމު މަހުގެ ނުވަވަނަ ދުވަހުވެސް ރޯދަހިފާނަމެވެ." ދެން އަނެއް އަހަރުގެ މުޙަރަމު މަސް އައުމުގެ ކުރީގައި އެކަލޭގެފާނު ދުނިޔެ ދޫކުރައްވައިފިއެވެ.- (رواه مسلم )

މުޙައްރަމު މަހުގެ ދިވަހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހު ރޯދަހިފުން ސުންނަތްވެގެންވެއެވެ. އަދި އަލްއިމާމު އިބްނުލް ޤައްޔިމު ރަޙިމަހުއް ﷲ ވިދާޅުވެފައިވެއެވެ. "އެދުވަހުގެ ކުރިން އެއްދުވަސް ނުވަތަ ފަހުން އެއްދުވަސް ރޯދަހިފުން ސުންނަތް ވެގެންވެއެވެ." ވީމާ، މިސުންނަތް ޙާޞިލުކުރުމަށް އެދޭމީހާއަށް އޮތީ، މުޙައްރަމަހުގެ ދިހަވަނަ ދުވަހާއި އެދުވަހުގެ ކުރިން ނުވަތަ ފަހުން އެއްދުވަހު ރޯދަހިފުމެވެ.

ޢާޝޫރާ ދުވަހުގެ މާތްކަން
އިބްނު ޢައްބާސް ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވިއިރު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފަނިކޮށް ދެކެވަޑައިގެން ޙަދީޘްކުރެއްވިއެވެ. "ما هذا ؟" "މިއީ ކޮން ދުވަހެއް ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. މިއީ ހެޔޮވެގެންވާ ދުވަހެކެވެ. މިދުވަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ، ބަނީ އިސްރާއީލު ބާގައިގެ މީހުން، އެމީހުންގެ ޢަދުވުންގެ ކިބައިން ނަޖާކޮށްދެއްވި ދުވަހެވެ. މި ދުވަހު މޫސާގެފާނުވެސް ރޯދަ ހިއްޕެވިއެވެ. އެހިނދު ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. فأنا أحق بموسى منكم "ފަހެ މޫސާގެފާނަށް ދެއްވި އުފަލުގައި ބައިވެރިވުން ތިޔަބައިމީހުންނަށްވުރެ ތިމަންކަލޭގެފާނުގެ މައްޗަށް މާ ޙާއްޤުކަން ބޮޑުވެގެންވެއެވެ." ދެން އެދުވަހު އެކަލޭގެފާނު ރޯދަހިއްޕެވިއެވެ. - رواه البخاري

އަދިވެސް އިބްނު ޢައްބާސް ރަޟިޔައް ﷲ ޢަންހު ވިދާޅުވެފައިވެއެވެ. ما رأيت النبي صلى الله عليه وسلم يتحرى صيام يوم فضله على غيره إلا هذا اليوم يوم عاشوراء ، وهذا الشهر يعنى شهر رمضان "އެހެން ދުވަސްތަކެއްގެ މައްޗަށް މާތްވެގެންވާ މިދުވަހަށްވުރެ (އެބަހީ: ޢާޝޫރާ ދުވަހަށްވުރެ) ވަކީން ރޯދަހިއްޕެވުމަށް މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ފަރުވާތެރިވެލައްވާ ދުވަހެއް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ. އަދި މި މަސް (އެބަހީ: ރަމަޟާން މަހަށްވުރެ) ވަކީން އެހެން މަހެއްގައި ރޯދަ ހިއްޕެވުމަށް ފަރުވާތެރިވެލައްވާ މައްސަރެއްވެސް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ."

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެވެ. "صيام يوم عاشوراء ، إني احتسب على الله أن يكفر السنة التي قبله" "ޢާޝޫރާ ދުވަހުގެ ރޯދައަކީ، ފާއިތުވެދިޔަ އަހަރުގެ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ލެއްވުމަށް ތިމަންކަލޭފާނު އުންމީދު ކުރައްވަމެވެ."- (رواه مسلم )

ވީމާ މިފަދަ މާތް ދުވަހެއްގައި ރޯދަހިފުމުގެ ދަރުމަޔާއި ޘަވާބުން އެއްވެސް މީހަކު މަޙުރޫމުނުވުމަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑުގެ ދުޢާއަކީ މިމާތް ދުވަސްތަކުގެ ހެޔޮ ދަރުމަޔާއި ޘަވާބު އަޅުގަނޑުމެންނަށް ދެއްވުމެއެވެ.

No comments:

Post a Comment