ހައްދު ފަހަނައަޅާ ދިއުމުގެ މަޡްހަރުތަކުގެ ތެރޭގައި އިންސާނާ އޭނާގެ މުޖުތަމަޢަކީ މިސާލީ މުޖުތަމަޢެއްކަމުގައި ޚިޔާލު ކުރުން ހިމެނެއެވެ. އެފަދަ މީހަކު ހީކުރަނީ މުސްލިމު މުޖުތަމަޢަކީ މަލާއިކަތުންގެ މުޖުތަމަޢެއް ފަދަ މުޖުތަމަޢެއް ކަމުގައެވެ. މުޖުތަމަޢުގައި އޮންނަންވާނީ ލޯތްބާއި އޯގާތެރިކަމާއި ކިޔަމަންތެރިކަމާއި މިކަންކަން ފުރިހަމައަށެވެ. މިހާރުގެ މުޖުތަމަޢަކީ މިފަދަ މުޖުތަމަޢެއްނަމަ މިއީ މިސާލީ މުޖުތަމަޢެކެވެ. މުޖުތަމަޢުން ކުށްފާފަ ފެންނަނަމަ އެމުޖުތަމަޢަކީ އިސްލާމީ މުޖުތަމަޢެއްނޫނެވެ. އެއީ ޖާހިލީ މުޖުތަމަޢެކެވެ. މިއީ ކަމެއް ސިފަކުރުމުގައި ހައްދު ފަހަނައަޅާ ދިއުމެވެ. އަދި ޙަޤީޤަތާ ދުރުވުމެކެވެ. ފަހެ އިންސާނާއަށް އިންސާނެކޭ ކިޔުނީ އޭނާ ހަނދާންނެތޭލެއް ގިނަކަމުންނެވެ.
) وَإنَّ كُلُّ ابن آدم خَطَّاء وخير الْخَطَّائِيْنِ التَّوَّابُوْنَ ) رواه الترمذي
މާނައަކީ: "އާދަމުގެ ދަރިންގެ ތެރެއިން ކޮންމެ މީހަކީ ކުށްކުރާނެ މީހެކެވެ. ކުށްކުރާ މީހުންގެ ތެރެއިން އެންމެ ރަގަޅުބަޔަކީ ތައުބާވާ މީހުންނެވެ. " އަދިވެސް ޙަދީޘް ކުރައްވާފައި ވެއެވެ.
(وَلولمْ يُذْنب الْبَشَر لَخَلَقَ اللّهُ بَشَرًا يُذْنبُوْن فَيَسْتَغْفِرُوْنَ فَيَغْفِر لَهُمْ ) رواه الترمذي
މާނައަކީ : "އިންސާނުން ފާފަ ނުކުރާނަމަ ފާފަކުރާނެ އިންސާނުންގެ ބަޔަކު ﷲ އުފައްދަވައި އެބައިމީހުން ފާފަކުރުމަށްފަހު ތައުބާވުމުން ﷲ އެބައިމީހުންނަށް ތައުބާލައްވަވާނެއެވެ." ފާފަ ކުރުމަކީ ހުރިހާ އުއްމަތެއްގައިވެސް އޮތް ކަމެކެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުޅުއްވި ޒަމާނުގައި އުޅުނު ބައެއް މީހުންވެސް ކުށްފާފަ ކުރިކަމަށް ޞައްޙަ މަގުން ވާރިދުވެފައި ވެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ.
( وَخُلِقَ الْأِنْسَانُ ضَعِيْفًا ) (سورة النساء 28 )
މާނައަކީ: "އެދުންތަކުގެ ކުރިމަތީގައި ނިކަމެތިވެގެންވާ މީހަކު ކަމުގައި އިންސާނާ ހެއްދެވިފައިވެއެވެ." ކުށްކުރުމަކީ އިންސާނުންގެ ކިބައިގައި ފިލައިނުގޮސް ހުންނަ ސިފައެކެވެ.
7- ހައްދުފަހަނައަޅާ ދިއުމުގެ މަޡްހަރުތަކުގެ ތެރެއިން މީސްތަކުން ކާފަރުކޮށް ނަރަކައަށް ލުމުގެ ބައި ހިމެނެއެވެ. މިކަން މިހެން ދިމާވަނީ އަނެކާގެ އަބުރަށް އަރައިގަނެވިގެންނެވެ. މިފަދަ ޙާލަތުގައި އެމީހުންގެ ލޭ އޮހޮރުވުން ހުއްދަވެގެން ދެއެވެ. މުދާ ހުއްދަ ވެއެވެ. އަދި އެފަދަ މީހެއްގެ ޙުރުމަތެއް ޒިންމާއެއް ނުއޮވެއެވެ. އެހެންކަމުން މީސްތަކުންކުރެ ގިނަބަޔަކު ކާފަރުކޮށް ދީނުން ބޭރުވެއްޖެ ކަމުގެ ތުހުމަތު ބޮލުގައި އަޅުވައެވެ. ނޫންނަމަ އެއްގޮތަކަށްވެސް އިސްލާމްދީނަށް ނުވަންނަ ބަޔެއްކަމުގައި ބުނެއުޅެއެވެ. މިއީ ހައްދުފަހަނައަޅާފައިވާ މީހަކު އޭނާގެ އެކުވެރިޔާ އެއްވާދީއަށް އަދި މުޅި އުއްމަތް އެހެންވާދީއަކަށް ވައްދާ ގޮތެވެ. މިކަންކަމަކީ އިސްލާމްދީނުގެ ކުރީކޮޅުގައި ޚަވާރިޖުންގެ ކިބައިންވެސް ފެނިފައިވާ ކަމެކެވެ. އެބައިމީހުންނަކީ ޤުރްއާން ކިޔެވުމާއި ރޭ އަޅުކަމާއި ރޯދަހިފުން ފަދަ ތަފާތު އަޅުކަމުގައި އެންމެ ބޮޑަށް ހިފަހައްޓައިގެން ތިބި މީހުންނެވެ. އެހެންނަމަވެސް އެބައިމީހުން ގެނައި ފިކުރަކީ ފަސާދައިގެ ފިކުރެކެވެ. ޝައިޠާނާ އެބައިމީހުންނަށް އެބައިމީހުންގެ ނުބައި ޢަމަލު ޒީނަތްތެރި ކޮށްދިނުމުން އެބައިމީހުންވެސް ދުށީ އެއީ ރީތި ޢަމަލެއް ކަމުގައެވެ. މިބައިމީހުންގެ އެންމެ ޚާއްޞަ އެއްސިފައަކީ " އިސްލާމްދީނުގެ އަހުލުވެރިންނާ ހަނގުރާމަ ކުރުމެވެ.އަދި ބުދުދީނުގެ އަހުލުވެރިންނަށް ދަޢުވަތު ދިނުމެވެ." މިދެންނެވި ޚަވާރިޖުންގެ ޢަމަލު މިޒަމާނުގައި ކުރާ މީހުންނަކީ ޖަމާޢަތުއްތަކްފީރު ވަލްހިޖްރައިގެ އަހުލުވެރިންނެވެ. އެބައިމީހުން ކާފަރުކުރަނީ ފާފައަކަށް އަރައިގަންނަ ކޮންމެ މީހެކެވެ. އެއީ ތައުބާވުމެއް ނެތި އެގޮތުގައި ހުންނަ ކަމަށްޓަކައެވެ. އެގޮތުން އެބައިމީހުން ކާފަރުކުރަނީ ޤައުމުގެ ވެރިންނާއި ރައްޔިތުންނެވެ. ޢިލްމުވެރިންނާއި ޢާއްމުންނެވެ. އަދި އެބައިމީހުންގެ ޚިޔާލުތަކާ ދެކޮޅު ހަދާ މީހުންނެވެ. އަދި އެބައިމީހުން އެވަންނަ ކޮންމެ ތާކަށް ނުވެންނަ ކޮންމެ މީހެކެވެ. އަދި އެބައިމީހުންގެ އުޞޫލުތަކާ ގޮތް ދޫކޮށްފިނަ އެމީހަކީ އެއީ މުރުތައްދުވެފައިވާ ލޭއޮހުރުވުން ހުއްދަ މީހެކެވެ. މިބައިމީހުން މީހުން ކާފަރުކުރުމުގައި މިގޮތަށް އިސްރާފު ކުރެއެވެ. މީސްތަކުން ދިރިތިބި ޙާލަތާއި މަރުވެފައިވާ ހާލަތުގައިވެސް މީސްތަކުން ކާފިރު ކުރެއެވެ. މުސްލިމެއްގެ ބޮލުގައި ކުފުރުގެ ތުހުމަތު އެޅުވުމާމެދު ވިސްނުމަށާއި އެކަމުން ދުރުވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންޒާރު ދެއްވާފައި ވެއެވެ. ޞަހީޙު ޙަދީޘެއްގައި ވެއެވެ. (مَنْ قَالَ لِأخِيْهِ يَا كَافِرُ فقد باء بها أحدهما ) މާނައަކީ: މީހަކު އޭނާގެ އަޚާއަށް ކާފިރެކޭ ބުނެފިނަމަ އެދެމީހުންގެ ކުރެ އެކެއްގައި އެސިފަތައް ވެއެވެ." ކާފަރެއްކަން ޔަޤީން ނުވެއްޖަނަމަ އެމީހެއްގެ ބޮލުގައި ތުހުމަތު އަޅުވައެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ
ދީނުގައި ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުތައް
ދީނުގައި ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުތަކެއްވެއެވެ.
1- ދީނުގެ ޙަޤީޤަތް ރަގަޅަށް އެގިފައިނެތުން :
ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ ޙަޤީޤަތް ރަގަޅަށް އޮޅުންފިލާފައި ނެތުން ހިމެނެއެވެ. އިސްލާމީ ފިޤްހާއި އޭގެ ސިއްރުތަކާއި މަޤްޞަދުތަކާއި އޭގެ ރޫޙު ރަގަޅަށް އޮޅުން ފިލާފައި ނެތުމެވެ. މިތާގައި މިމާނަ ކުރެވެނީ މުޅިން ޖާހިލަކަށް ވުމެއްވެސް ނޫނެވެ. މިތާގައި މިޤަޞްދު ކުރެވެނީ ޢިލްމެއްގެ ބައިކުޅަބައެއް ލިބިފައިވުމަށެވެ. މިހެންވެ އަލްއިމާމު އައްޝާޠިބީ އޭނާގެ ފޮތް " އަލްއިޢުތިޞާމު" ގައި ލިޔުއްވާފައިވެއެވެ. އިސްލާމީ އުއްމަތުގެ ތެރޭގައި އިޚްތިލާފުތަކާއި ބައިބައިވުން ފެށިގެން ދިޔައީ އިންސާނުން އޭނާ އަމިއްލައަށް ތިމާއަކީ މާމޮޅަށް ދަންނަ މީހަކު ކަމުގައި ދެކި ޢިލްމުގެ އަހުލުވެރިއެއް ކަމުގައިވެ ދީނުގެ ނަމުގައި އިޖްތިހާދު ކުރެވޭ މީހެއްކަމުގައި ވުމެވެ. އެކަމަކު އޭނާއަކީ ޙަޤީޤަތުގައި އެފެންވަރުގެ މީހެއްނޫނެވެ. އެހެންވެއްޖެނަމަ އޭނާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅު ހަދާންކޮށް ދޭން ޖެހެއެވެ.
(إن الله لا يقبض العلم انتزاعاً ينتزعه من العباد ، ولكن يقبض العلم يقبض
العلماء حتى إذا لم يبق عالم اتخذ الناس رءوساً جهالاً فسئِلوا فأفتوا بغير علمِ
فضلوا وأضلوا) رواه البخاري
މާނައަކީ: ހަމަކަށަވަރުން ﷲ ތަޢާލާ އަޅުތަކުންގެ ކިބައިން ޢިލްމު އުފުއްލަވަނީ ޢިލްމު ނެތިކުރެއްވުމަކުންނެއް ނޫނެވެ. އެހެންނަމަވެސް ޢިލްމު ނެތިކުރައްވަނީ ޢިލްމުވެރިން ނެތިކުރެއްވުމުންނެވެ. އެގޮތުންގޮސް މިބިންމަތީން ޢިލްމުވެރިން ނެތިގޮސް މީސްތަކުން ޖާހިލުވެ ދީނުގެކަންކަމުގައި ސުވާލުކުރުމުން އެއްވެސް ޢިލްމަކާއިނުލައި ފަތުވާދީ ހެދުމުން މީސްތަކުންނަށް މަގުއޮޅި މަގުފުރެދިގެން ދިއުމުންނެވެ." އެހެންވީމާ ޢިލްމުގެ އެތިކޮޅެއް ލިބި އެކަމާއިމެދު ޢަޖާއިބުވެ ބޮޑާވެ އޭނާއަކީ ޢިލްމުވެރިއެއްކަމަށް ހީކުރުމަކީ ޖާހިލުމުރައްކަބު ވުމެވެ.
ޖާހިލުކަމުގެ މަޡްހަރުތައް
ނައްޞުތައް ދެނެގަތުމުގައި ހަމައެކަނި އޭގެ ބޭރުފުށުގެ މާނައަށް ބެލުން : އިސްލާމީ ބައެއްޒުވާނުން މިހާރު ނައްޞުތައް ދެނެގަތުމުގައި ހިފަހައްޓަނީ ނައްޞުތަކުގެ އަކުރުތަކުގައެވެ. ނުވަތަ އެހެންގޮތަކަށް ދަންނަވާނަމަ ހަމައެކަނި އޭގެ ބޭރުފުށުގެ މާނައިގައެވެ. އެއްވެސް ޙާލެއްގައި އޭގައި އެކުލެވޭ މަޤްޞަދުތަކާއި މާނަތަކަށް ބެލުމެއްނެތިއެވެ. އެބައިމީހުން ޤިޔާސެއް ނުދަނެއެވެ. އަދި ޤިޔާސްގެ ބޭނުމެއްވެސް ނުކުރެއެވެ. އަދި ކަމެއް ޝަރުޢުކުރެއްވި ޙިކްމަތަކަށް ޢިއްލާއަކަށް ނުބަލައެވެ. މިސާލަކަށް ޞަޙީޙައިނިގައި އައިސްފައިވާ ޙަދީޘަކަށް ބަލާއިރު މިޙަދީޘްގައި ވަނީ ކާފަރުންގެ ޤައުމަކަށް ނުވަތަ ޢަދާވާތްތެރިންގެ ޤައުމަކަށް މުޞްޙަފު ގެންދިއުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މަނާކުރައްވާފައެވެ."
( عن عبد الله بن عمر رضي الله تعالى عنهما أن رسول الله صلى الله عليه وسلم : نهى أن يسافر بالقرآن إلى أرض العدو) رواه البخاري
މާނައީ: މާތްﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲ ގެ އަރިހުން ރިވާވެފައި ވެއެވެ. " ޢަދުއްވުންގެ ޤައުމުތަކަށް ކީރިތިޤުރްއާން ގެންދިއުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ." މިކަން މަނާކުރެއްވުމުގެ ޢިއްލާއަށް ބަލައިފިނަމަ ބަޔާންވެ އެގިގެންދަނީ ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިކަން މަނާކުރެއްވީ މުޞްހަފަށް ކާފަރުން ދީފާނެ ގެއްލުމަކަށްޓަކައެވެ. ނުވަތަ ހިތާފާނެ އިހާނެތިކަމަކަށްޓަކައެވެ. އެހެންނަމަވެސް ފެންނަނީ މިފަދަ ޒުވާނުން މިކަން ނަހީ ކުރެއްވި ސަބަބަށް ބެލުމެއްނެތި މުޞްޙަފެއް ހިފައިގެން ކާފަރުންގެ ޤައުމަކަށް ދިއުން ނަހީކުރާތީއެވެ. އޭރު އެތާގައި ދިރިއުޅޭ މުސްލިމުންނަށްވެސް އަދި އެނޫން މުސްލިމުންނަށްވެސް ކީރިތި ޤުރްއާން ވަރަށް ބޮޑަށް ބޭނުންވެފައެވެ. ކިޔެވުމަށާއި ހިތުދަސްކުރުމަށާއި ކުޑަކުދިންނަށް އުގަންނައިދިނުމަށާއި ކާފަރުންނަށް އިސްލާމްދީނަށް ދަޢުވަތުދިނުމަށާއި މިކަންކަމަށެވެ. މިހެންވެ ފިޤްހުޢިލްމުވެރިން ފަތުވާދެއްވަނީ އެގޮތަށް ކީރިތިޤުރްއާނެއް ކާފަރުންގެ ޤައުމަކަށް މިޒަމާނުގައި ގެންދއުމަކީ އެކަމުގައި މަނާކުރާނެ އެއްވެސް ޢިއްލަތެއް ނުވާތީ ( އިހާނެތިކޮށް ހިތުން ، ގެއްލުން ދިނުން ) ހުއްދަކަމުގައެވެ. ޢިއްލާއަކީ އެކަމެއްކުރުން ނުވަތަ ނުކުރުމަށް ކުރިމަތިވާނެ ކަމެކެވެ. ޢިއްލާއެއް ފެނިއްޖެނަމަ ޙުކުމް ކަނޑައެޅޭނެއެވެ. އެކަމުގައި ޢިއްލާ ނެތިއްޖެނަމަ ކަންވެސް ނަފީވާނެއެވެ. ނުވަތަ ކުރީގެ ޙުކުމް ނަފީވާނެއެވެ. މިއީ މިޒަމާނުގައި އެންމެހާ މުސްލިމުންގެ ތެރޭގައި ޢަމަލު ކުރެވެމުންދާ ގޮތްކަން އެއްވެސް އިންކާރަކާއި ނުލައި އެންމެން ޤަބޫލުކުރެއެވެ.
މިފަދަ އަނެއް މިސާލު: ދުރުދަތުރުކޮށްފައި އަންނަ މީހުންނަށް ރޭގަނޑު ގެއަށްވަނުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރެއްވިއެވެ.
(نهى رسول الله صلى الله عليه وسلم أن يطرق أهله ليلاً) رواه البخاري ومسلم
މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދުރުދަތުރުވެރިޔާއަށް ރޭގަނޑު އޭނާގެ ގެޔަށް އައުން މަނާކުރައްވާފައެވެ."
(إذا أطال أحد كم الغيبة فلا يطرق أهله ليلا) رواه البخاري
މާނައަކީ: ތިޔަބައިމީހުންކުރެ މީހަކު ގެއިން ބޭރުގައި ދިގު މުއްދަތެއް ހޭދަކުރުމަށްފަހު ރޭގަނޑު ގެއަށް ނާންނަ ހުށިކަމެވެ." މިކަމުގައި ދެޢިއްލާއެއް ވެއެވެ. އޭނާގެ ގޭގެ މީހުންނަށް ނުވަތަ އަހުލުންގެ މީހަކަށް ޝައްކުވާ ފަދަ ގޮތެއްގައި ފިރިހެނަކު ފެނުމުން ސަލާމަތްވުމެވެ. ނުވަތަ އަނބިމީހާގެ ޚިޔާނާތްވުމުން ސަލާމަތް ވުމަށެވެ. ފަހަރެއްގައި އޭނާ ރޭގަނޑު ކުއްލި ގޮތެއްގައި އައުމުން ބިރުވެރި ކަމެއް ފެނިދާނެތީއެވެ. ނޫންނަމަ ނޭދެވޭ މަންޒަރެއް ފެނިދާނެތީއެވެ. މިއީ ކުށްހީއެކެވެ. ދެމަފިރިއެއްގެ ޢަމަލުތަކުގައި މިފަދަ ގޮތެއް ހުރުމަކީ ނުވަތަ މިފަދަ ގުޅުމެއް އޮތުމަކީ އިސްލާމްދީނުގައި ޢާއިލާއަށް ދެވިފައިވާ މަޤާމާ އެކަށީގެންވާ ފަދަ ކަމެއްނޫނެވެ. ދެވަނަ ކަމަކީ: އަނބިމީހާއަށްވެސް އޭނާގެ ފިރިމީހާ އަންނާނެ ވަގުތު އެގިފައި އޮތުމަކީ އޭނާއަށްޓަކައި ޒީނަތްތެރިވެ ތައްޔާރުވާން ލިބޭނެ ފުރުޞަތެކެވެ. މިސާލަކަށް މިޒަމާނުގައި ފޯނުކޮށްފައި މިވެނި ގަޑިއެއްގައި އަންނާނަމޭ ބުނިނަމަވެސް ޢިއްލާ ނެތިގެންދާނެއެވެ. އެހެންވީމާ މިކަމުގެ ޢިއްލާ އެގިފައި އޮތުމަކީ ޝަރުޢީ މަޤާޞިދު ދެނެގަތުމަށް މުހިންމު ކަމެކެވެ. އަދި މިނައްޞުގެ ރޫޙުވެސް އެގިގެންދާނެ ކަމެކެވެ. އެހެންކަމުން މީގެ ޞައްޙަ ފަތުވާއަކަށްދާން ފަސޭހަވާނެ ކަމެކެވެ. އެހެންނަމަވެސް އެއިން ކުޑަކުޑަ މިންވަރެއް އޮޅުންފިލާފައިވާ މީހާ ޝަރުޢީ މަޤާޞިދާ ގާތަށް ދިއުމަށް ޢުޒުރުވެރިވާނެއެވެ.
2- ބޮޑެތި މައްސަލަތައް ދޫކޮށް ކުދިކުދި މައްސަލަތަކުގައި މަޝްޣޫލުވުން ؛
ޢިލްމުގެ ރޮގުގައި މިފަދަ މީހުން ރަގަޅަށް ސާބިތުވެފައި ނުވާތީ ދީނުގެ މުހިންމު މައްސަލަތައް ދޫކޮށް ފަރުޢީ ކުދިކުދި މައްސަލަތަކުގައި ވާހަކަދެއްކުމުގައި މަޝްޣޫލުވެ އުޅެއެވެ. މިދެންނެވި މައްސަލަތަކަކީ އުއްމަތުގެ ސަލަފުންނާ ޚަލަފުންވެސް އިޚްތިލާފުވެފައިވާ ފަރުޢީ މައްސަލަތަކެވެ. އަދި މިމައްސަލަތަކުގައި އެބައިމީހުން އިއްތިފާޤު ނުވާނެ މައްސަލަތަކެވެ. ﷲގެ ހެއު ރަޙްމަތް މިކަންކަމުގައި ހިމެނިފައިވާ މިންވަރަކީ މައްސަލައިގެ އަހައްމިއްޔަތު ބޮޑުވިވަރަކަށް އިޚްތިލާފުވުން ކުޑަވާނެއެވެ. އަދި މައްސަލައިގެ އަހައްމިއްޔަތު ކުޑަވި ވަރަކަށް އިޚްތިލާފު ބޮޑުވާނެއެވެ. މިސާލަކަށް ދީނުގެ އެންމެ އުސް ކުރި ބޯއްޓަކީ ދީނުގެ ފަސްރުކުނެވެ. މިކަމުގައި އެއްވެސް މުސްލިމެއްގެ މެދުގައި އިޚްތިލާފެއް ނުވެއެވެ. މިހެން ދަށަށް ދިޔަވަރަކަށް އިޚްތިލާފު ބޮޑުވެފައި ވެއެވެ. މިގޮތުން އިޚްތިލާފު ވުން ބޮޑުވަނީ އިސްލާމީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވުން އުފެދިފައިވާ ފަރުޢީ މައްސަލަތަކުގައެވެ. އެކަމުގައި ދީނުގައި އަހައްމިއްޔަތުކަން ބޮޑުވެފައެއް ނުވެއެވެ. މިސާލަކަށް ނަމާދުގައި ހަރަމް ބަނުމުގައި އަތްބާއްވާނެ ތަނެއްގެ މައްސަލަ އަތް ބާއްވާއްވާނީ މޭމަތީގައިތޯ ؟ ނުވަތަ ފޫޅުން ތިރީގައިތޯ؟ ނުވަތަ ހަށިގަޑުގެ ދެފަރާތަށް އަތްދޫކޮށް ތިރިއަށް އަތް އެލުވާލާނީތޯ؟ މީގައި ބޭނުންވަނީ ކޮން އުޞޫލެއްތޯ؟ މިއީ އިޚްތިލާފުތަކެވެ.
މިއިޚްތިލާފުތަކުގައި އަޅުގަނޑުމެންގެ ހުރިހާ ވަގުތެއް ބޭކާރު ކުރާނީތޯ ނޫންނަމަ އެނޫން ބޮޑެތި މައްސަލަތަކަށް ވިސްނުން ބަދަލުކޮށް ޙައްލު ކުރާނީތޯއެވެ؟ މިވަގުތު އަޅުގަނޑުމެންގެ އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އިސްލާމީ އުއްމަތުގެ މައްޗަށް ޢަލްމާނީ ޙަރަކާތްވެރިވެ ގަތުމާއި ކޮމިއުނިޒަމްގެ އުޞޫލުތައް ފެތުރިފައިވުމާއި މުސްލިމުން ނަޞާރާ ކުރުމުގެ ޙަމަލާތައް ކުރިމަތިވެފައި ވުމާއި މިކަންކަން ހިމެނެއެވެ. މިކަންކަމަކީ އުއްމަތުން އިސްލާމީ ޝަޚްޞިއްޔަތު ފޮހެލާނެ ކަންކަމެވެ. އަދި ހަމަ މިދަނޑިވަޅަކީ މުޅި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މުސްލިމުން ކަތިލަމުން ގެންދާ ދަނޑިވަޅެކެވެ. އެހެންނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ ފަރުޢީ މިފަދަ މައްސަލަތަކުގެ އިޚްތިލާފުތަކުގައި އުޅޭމީހުން ޢިލްމު އުނގެނުމަށްޓަކައި ޔޫރަޕަށާއި އެމެރިކާއަށް ދަތުރުކޮށް އެތަންތާގައިވެސް އިސްލާމް ދީނުގެ ފަރުޢުތަކުގެ އިޚްތިލާފީ ވާހަކަތައް ޖަދަލު ކުރުމުގައި ޙައްދު ފަހަނައަޅާ ދިޔައެވެ. ޙަޤީޤަތުގައި އެމީހުންނަށް ބޭނުން ވެފައިވަނީ އިސްލާމީ ޢަޤީދާ ރައްކާތެރި ކުރުމާއި އެޢަޤީދާގެ މަތީގައި ދެމިހުރުމާއެކު ފަރުޟުތަކާއި ވާޖިބުތައް އަދާކުރުމާއި ބޮޑެތި ފާފަތަކާއި ދުރުހެލިވުމެވެ.
އޭގެ ސަބަބުތަކާއި ޢަލާމާތްތަކާއި ފަރުވާ
ޑރ. ޠާރިޤު މުޙައްމަދުއް ޠަވާރީ
(ކުވައިތު ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާގެ އެސިސްޓަންޓް ޕްރޮފެސަރެއް، ކުވައިތުގެ ވުޒާރަތުލް އައުޤާފުގެ އިމާމެއް، އެ ވުޒާރާގެ ޚަޠީބެއް، އަދި އިސްލާމްފޮރއޯލް ވެބްސައިޓުގެ މުޝްރިފު ޢާއްމު)
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މިކަރުދާސް ތައްޔާރުކުރަން ޖެހުނީ، މާތްވެގެންވާ އިސްލާމްދީން، ހައްދުފަހަނަޅައިދިއުމާ ދެކޮޅު ހަދާކަން ބަޔާންކުރުމަށެވެ.
ހައްދުފަހަނަޅައިދިއުމަށް ފަރުވާކުރާއިރު، އޭގެ ސަބަބުތަކާއި އޭގެ ޢަލާމާތްތަކަށް ބަލައިނުލައި އެކަން ނުކުރެވޭނެއެވެ. މިހެންވެ، މިދަންނަވާ ބައިތައް މިކަރުދާހުގައި ހިމެނީމެވެ.
ފުރަތަމަ ފިޔަވަޅު
މަފުހޫމުތަކާއި ލަފުޒުތަކުގެ މާނަ ދޭހަކުރުން.
ދެވަނަ ފިޔަވަޅު
ހައްދުފަހަނަޅައިދިއުމާ ބެހޭގޮތުން ވާހަކަ ދައްކަނީ ކީއްވެ؟
ތިންވަނަ ފިޔަވަޅު
ހައްދުފަހަނަޅައި ދިއުމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ހަނދާން ނައްތާލައިގެން ނުވާނެ ކަންތައްތައް.
ފުރަތަމަ ފިޔަވަޅު
ހައްދުފަހަނަޅައި ދިއުމުގެ މާނަ
ޢަރަބި ބަހުން ހައްދުފަހަނަޅައިދިއުމަށް ކިޔަނީ، "ތަޠައްރުފު" އެވެ. މި ލަފުޒު އައިސްފައިވަނީ "ޠަރަފު" އިންނެވެ. ޠަރަފަކީ، އެއްޗެއްގެ ކޮޅެވެ. ނުވަތަ އެއްޗެއްގެ ނިމުމެވެ. އެހެންވީމާ، ތަޠައްރުފު އައިސްފައި ވަނީ، މެދުމިން ފަހަނަޅައި ގޮސް، ކޮންމެވެސް އެއްކޮޅަކަށް ޖެހުމުންކަން އެބަ އެނގެ އެވެ.
ތަޠައްރުފުގެ އަސްލު ލަފުޒު ސާފުކޮށް އެނގެން އޮތީ ޙިއްސީގޮތުންނެވެ. މާނަވީ ގޮތުން މިލަފުޒު ބޭނުންކުރާއިރު، މީގެ މާނަ ސާފުކޮށް އޮޅުމެއް ނުފިލަ އެވެ. ތަޠައްރުފަކީ، ކީރިތި ޤުރުއާނާއި ސުންނަތުގައި، ހައްދުފަހަނަޅައިދިއުމުގެ މާނައިގައި ވާރިދުވެފައިވާ ލަފުޒެއް ނޫނެވެ. އެކަމަކު އެއީ، ނޫސްވެރިކަމުގެ މައިދާނުގައި ބޭނުންކުރަން ފެށުނު ލަފުޒެކެވެ.
ގިނައިން މި ލަފުޒު ބޭނުންކޮށް އުޅެނީ، ޢަލްމާނީންނެވެ. އެބައިމީހުން މިލަފުޒު ބޭނުންކުރަނީ، މި ލަފުޒުގެ އަސްލު މާނައާމެދު މާބޮޑު ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. ތަޠައްރުފާއި އޭގެ މާނައަކީ ކޮބައިކަން އެބައިމީހުންނަކު ކަނޑައެއް ނާޅައެވެ. އޮޅުން ނުފިލާ ގޮތެއްގައި އެބައިމީހުން މި ލަފުޒު ބޭނުންކުރަނީ، އެބައިމީހުންނާ ދެބަސްވާ މީހުން ސިފަކުރުމަށެވެ. ދެބަސްވަނީ، ސިޔާސީ، ނުވަތަ ފިކުރީ، ނުވަތަ ދީނީ، ނުވަތަ ދުންޔަވީ ކަމެއްގައި ކަމަށްވިޔަސް، އެބަޔަކު ސިފަކުރުމަށް އެބައިމީހުން މި ލަފުޒު ބޭނުންކުރެ އެވެ.
މިސާލަކަށް އިސްރާއީލާ ދެކޮޅުވެރިވާ ކޮންމެ މީހަކު ސިފަކުރާއިރު ބުނަނީ، އޭނާއަކީ މުތަޠައްރިފެކެވެ. އެމީހަކު ދެކޮޅުވެރިވަނީ، ކިތަންމެ ޢަދުލުވެރިކަމާއެކުގައި ކަމަށް ވިޔަސް އެމީހަކު ވަނީ މުތަޠައްރިފަކަށެވެ.
ބައެއް ޢަލްމާނީންގެ ނަޒަރުގައި، ނިވާކަން ކުޑަ ކުރުހެދުން ނުލުމަށް ބާރުއެޅުމާއި ރިބާކެއުމާ ދެކޮޅަށް ވާހަކަ ދެއްކުމާއި އިސްލާމީ ނިޒާމުން ޢަލަމުކުރުމަށް ގޮވާލުމަކީ، ތަޠައްރުފެވެ. ނުވަތަ ފާޙިޝްކަންތައްތަކާ ދުރުހެލިވުމާއި މިނިވަންކަން ވަކި ޙުދޫދެއްގެ ތެރޭގައި ބޭއްވުމަށާއި ދީނުގެ އިމުގެ ތެރޭގައި ދިރިއުޅުމަށް ގޮވާލުމަކީ ވެސް ބައެއް މީހުންގެ ނަޒަރުގައި ތަޠައްރުފެވެ.
މިކަންކަން މިހެން އޮތުމާއެކު، "ތަޠައްރުފު" މާނަކުރަނީ، އެމީހަކު ބޭނުންގޮތަކަށް ކަން އެނގެ އެވެ. އެހެންކަމުން އެއާ ބައްދަލުވާ ޝަރުޢީ ލަފުޒަށް ބަލާލަން ޖެހެ އެވެ.
ތަޠައްރުފާ ބައްދަލުވާ ޝަރުޢީ ލަފުޒަކީ، "ޣުލުއްވު" އެވެ.
ޣުލުއްވަކީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވާރިދުވެފައިވާ ލަފުޒެކެވެ.
މި ލަފުޒު އައިސްފައިވަނީ، ޢަރަބި ބަހުގެ ޣަލާ އިންނެވެ. މި ލަފުޒުގައި އެކުލެވޭ މާނަތަކަކީ، އިތުރުވެއްޖެ، މައްޗަށް އަރައިފި، ހައްދުފަހަނަޅައިހިނގައްޖެ، މިއެވެ. އެހެންވީމާ، އިސްލާމްދީނުގައި މާނަ އޮޅުންފިލާނެހެން ވާރިދުވެފައިވާ ލަފުޒުގެ ބޭނުންކުރުން މޮޅުއިތުރެވެ.
ޣުލުއްވަކީ، ހައްދުފަހަނަޅައިދިއުމެވެ. ހައްދަކީ، ޝަރުޢީ ނައްޞުގެ މަފުހޫމެވެ. އެއީ، ޝަރީޢަތުގެ މަޤުޞަދުތަކާ ޚިލާފުނުވާ މަފުހޫމުކަމުގައި ވާން ޖެހެ އެވެ.
ޣުލުއްވުގެ ދެ ވައްތަރެއް ވެއެވެ.
އެއްވައްތަރަކީ، ޢަޤީދާގެ "ޣުލުއްވު" އެވެ. އޭގެ މިސާލަކީ، ނަޞާރާއިން ޢީސާގެފާނަކީ ކަލާނގެ ކަމުގައި ބުނެ، އެކަލޭގެފާނުގެ ދަރަޖަ މަތިވެރި ކުރުމުގައި ހައްދުފަހަނަޅައިދިއުމެވެ. ނުވަތަ ވަލީވެރިން މަތިވެރިކުރުމުގައި ޞޫފީން ހައްދުފަހަނަޅައިދިއުމެވެ.
އަނެއްވައްތަރަކީ، ޢަމަލީ "ޣުލުއްވު" އެވެ. އެއީ، ޢަޤީދާއާ ގުޅުމެއް ނެތް ކަންކަމުގައި، ޢަމަލާއި ބަހުން ހައްދުފަހަނަޅައިދިއުމެވެ. އޭގެ މިސާލަކީ، ޖަމްރާއަށް ހިލައުކާއިރު ބޮޑެތި ހިލަގަނޑުތައް އުކުމެވެ. ނުވަތަ ހުއްޓާނުލައި ކޮންމެ ދުވަހަކު ރޯދަހިފައި އިތުރަށް އަޅުކަން ކުރުމެވެ. ނުވަތަ އަޅުކަންކުރުމުގައި މަޝްޣޫލުވެ، މީހަކާ ނީދެ ހުރުމެވެ.
ހައްދުފަހަނަޅައިދިއުމާ ގުޅުންހުރި ބައެއް ލަފުޒުތައް
އުޞޫލިއްޔާ ނުވަތަ ފަންޑަމެންޓަލިޒަމް އަދި ޓެރަރިޒަމް
ފަންޑަމެންޓަލިޒަމަކީ، ވިހިވަނަ ޤަރުނުގައި ފާޅުވި، ނަޞާރާ ދީނުގެ އިޙުތިޖާޖީ ޙަރަކާތަކަށް ކިޔުނު ނަމެކެވެ. އެ ޙަރަކާތުގެ އަހުލުން ދެކޭގޮތުގައި، ތައުރާތުގެ ކޮންމެ ލަފުޒެއްވެސް މާނަކުރަން ޖެހޭނީ، އޭގެ ލަފުޒީ މާނައިންނެވެ. އެބައިމީހުންގެ ނަޒަރުގައި، ރަނގަށް ދީނާ ތަބާވެވޭނީ އޭރުންނެވެ.
ނަޞާރާ ދީނުގެ ފަންޑަމެންޓަލިސްޓުންނާ، ދީނުގައި ހިފަހައްޓަން ގޮވާލާ މުސްލިމުންނާ އެއްގޮތް ކުރަން ބައެއް މީހުން މަސައްކަތްކުރެ އެވެ. ނަމަވެސް، އެއީ ހުޅަނގުގެ ޤައުމުތަކަށް އައި ވަކި ޒަމާނެއްގައި، ވަކި ޙާލަތެއްގައި، ވަކި ކަހަލަ ކަންތައްތަކެއްގެ ތެރޭގައި ފާޅުވި ޙަރަކާތެކެވެ.
ބައެއްފަހަރު، ހައްދުފަހަނަޅައިފައިދިއުމޭ ބުނެވެއެވެ. ބައެއް ފަހަރު، ފަންޑަމެންޓަލިޒަމޭ ބުނެވެއެވެ. ބައެއް ފަހަރު، ޓެރަރިޒަމޭ ބުނެވެއެވެ. މި ލަފުޒުތައް ބޭނުންކުރަމުންދާއިރު، އޭގެ މަފުހޫމަކީ ކޮބައިކަމާމެދު އެއްބަސްވުމެއް ނެތެވެ. މިހެންވެ، މިކަރުދާހުގައި އަޅުގަނޑު ބޭނުންކުރާނީ "ޣުލުއްވު" އެވެ. އެއީ އުޅުމާއިގުޅުން، ޢަޤީދާ އަދި އަޅުކަންކުރުމުގައި ހައްދުފަހަނަޅައި ދިއުމެވެ.
ހައްދުފަހަޅައިދިއުމަކީ، މެދުމިނުން އެއްކިބާވެ ވަކިއަތަކަށް ދިއުން ކަމަށްވަނީނަމަ، އެއީ:
(ހ) ކަން ބޮޑުކުރުމާއި ގޮތް ބޮޑުކުރުމުގައި ހައްދުފަހަނަޅައިދިއުމެވެ.
(ށ) ނުވަތަ އަޅާނުލުމާއި ފަރުވާކުޑަކުރުމުގައި ހައްދުފަހަނަޅައިދިއުމެވެ.
ދެވަނަ ފިޔަވަޅު
ޣުލުއްވު ނުވަތަ ހައްދުފަހަނަޅައިދިއުމާ ބެހޭގޮތުން ވާހަކަ ދައްކަނީ ކީއްވެ؟
ދީނީ ކަންކަމުގައި ހައްދުފަހަނަޅައިދިއުމަކީ، މިއަދު އުފެދިގެން އުޅޭ ކަމެއް ނޫނެވެ. އެއީ، މާއިހުއްސުރެ، ޔަހޫދީންގެ ޙިބުރުންގެ ތެރޭގައި އޮތް ކަމެކެވެ. އަދި ނަޞާރާއިންގެ ރާހިބުންގެ ތެރޭގައި ވެސް އޮތް ކަމެކެވެ. އިސްލާމީ ތާރީޚުގައި އެކަން ފާޅުވީ ޚަވާރިޖުންގެ ތެރެއިންނާއި ޞޫފީންގެ ތެރެއިންނެވެ. އަދި އިސްލާމްދީނަށް ނިސްބަތްވި (ދީނުން ބޭރުވެފައިވާ) ޖަމާޢަތްތަކުގެ ތެރެއިންނެވެ.
މިހެންވެ، މިވާހަކަ ދައްކަންޖެހެނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
1- ހައްދުފަހަނަޅައިދިއުމަކީ، އޮތް ކަމެކެވެ. އެކަމަށް ފަރުވާކުރުމަކީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އެކަމަކު ކަންބޮޑުވާން ޖެހެނީ، އެކަމާމެދު އަޅާނުލާނަމަ އެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އުންމަތަށް އިރުޝާދު ދެއްވާފައިވަނީ ނަޞީޙަތްތެރިވުމަށެވެ.
2- ހައްދުފަހަނަޅައިދިއުމާ ބެހޭގޮތުން ޢަލްމާނީންނާއި ހުޅަނގުގެ ވަރަށް ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފަ އެވެ. އެބައިމީހުންވަނީ، ފަންޑަމެންޓަލިޒަމާއި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުން މައްސުނިކޮށްފަ އެވެ. އަދި އެބައިމީހުންގެ ތެރޭގައި މި މައުޟޫޢުގެ މައްޗަށް އިންޞާފުނުކުރެވޭނެ، ކަމަށް ޤާބިލު ނޫން ކިތަންމެ ބަޔަކު ވެސް ހިމެނެ އެވެ. ވީއިރު، ދީނީ ޢިލްމުވެރިން މި މައުޟޫޢުގެ މައްޗަށް ބަލައި ދިރާސާކޮށް ވާހަކަ ދެއްކުން މާ އައުލާކަން ބޮޑެވެ.
3- މިއީ އަބަދުވެސް އާކުރެވެމުންދާ މައުޟޫޢެކެވެ. ކޮންމެ ނޭދެވޭ ހާދިސާއަކާ ގުޅިގެން މި މައުޟޫޢު އާކުރެވެ އެވެ. މިސާލަކަށް، ސެޕްޓެމްބަރ 11 ގެ ހާދިސާ އެވެ. އެ ހާދިސާއަށްފަހު މުޅި ދުނިޔެ ހޫނުކޮށްފައިވަނީ، ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ މައުޟޫޢުންނެވެ. އެއަށްފަހު، މެޑްރިޑްގެ ހާދިސާއާ ވިދިގެން އާކުރެވުނެވެ. ޝަރަމުއް ޝައިޚުގެ ހާދިސާއާ ވިދިގެން އާކުރެވުނެވެ. މިޞްރުގެ ޠާބާގެ ހާދިސާއާ ވިދިގެން އާކުރެވުނެވެ. އަދި އެންމެ ފަހުން، ލަންޑަންގައި ހިނގި ހާދިސާއާ ވިދިގެން ވެސް އާކުރެވުނެވެ. (އޭގެފަހުން ހިނގާފައިވާ ހާދިސާތަކާ ގުޅުވައިގެން ވެސް އާކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.)
4- ހައްދުފަހަނަޅައިދިއުމާއި ޓެރަރިޒަމްގެ މަފުހޫމު ފުޅާކުރެވިފައިވާތީ، އޭގެ ތެރެއަށް ވަނީ އެތައް ޢަދުލުވެރި މައްސަލަތަކެއް ވެސް ވެއްދިފަ އެވެ. އޭގެ މިސާލަކީ، ފަލަސްޠީނުގެ މައްސަލަ އެވެ. ހައްދުފަހަނަޅައިދިއުމާއި ޓެރަރިޒަމް ނައްތާލުމަށްޓަކައި، ލަޝްކަރުތަކާއި ސަލާމަތީ ބާރުތައް ވަނީ، އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުންކުރެވިފަ އެވެ. އެގޮތަށް އެކަން ކުރެވިފައިވަނީ، އަސްލު މައްސަލައިގެ މޫތަކަށާއި އޭގެ ސަބަބުތަކަށް ބަލައިލުމެއް ނެތި އެވެ.
5- ގިނަބަޔަކު މަޢުލޫމާތު ހޯދަނީ މީޑިޔާއިންނެވެ. މައިގަނޑު ގޮތެއްގައި މީޑިއާއަކީ، ކޮންމެވެސް އޮއިވަރެއްގައި ޖެހިފައިވާ އެއްޗެކެވެ. މީޑިއާއިން ހާމަކުރަމުންދާ ގޮތުގައި، ހައްދުފަނަޅައިދިއުން، ފަންޑަމެންޓަލިޒަމް، އަދި ޓެރަރިޒަމް، މި ލަފުޒުތަކަކީ، އިސްލާމްދީނާއި މުސްލިމުންނާ ގުޅި ލާމެހިފައިވާ ލަފުޒުތަކެކެވެ. މީޑިއާ ދެކޭ ގޮތުގައި، އަނެކުންގެ ރަށްތަކަށް އަރައި، ފޭރި، އަނިޔާވެރިވަމުންދާ މީހުންނާ މި ލަފުޒުތަކާ ގުޅުމެއް ނެތެވެ. އެފަދަ އަނިޔާވެރިންގެ މިސާލަކީ، ފަލަސްޠީނަށް އަރައިގެން އުޅޭ ޔަހޫދީންނެވެ.
ތިންވަނަ ފިޔަވަޅު
ހައްދުފަހަނަޅައި ދިއުމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ހަނދާން ނައްތާލައިގެން ނުވާނެ ކަންތައްތައް.
ހައްދުފަހަނަޅައިދިއުމާއި ޓެރަރިޒަމާއި ފަންޑަމެންޓަލިޒަމުގެ ނުރައްކާތެރިކަން ހާމަކުރުމަށްޓަކައި ވާހަކަ ދައްކާ މީހުންވަނީ، އޮޅުވާލާފައިކަން ހަނދާންކުރަން ޖެހެ އެވެ. އެބައިމީހުންވަނީ، ދީނުގެ މެދުމިނުގައި ހިފަހައްޓައިގެން ތިބޭ މުސްލިމުންނާއި ހަރުކަށިވެގެން އުޅޭ މުސްލިމުން ހަމަހަމަކޮށްފަ އެވެ.
ދީނުގެ މެދުމިނުގައި ހިފަހައްޓައިގެން ތިބޭ މީހުންނާ ދިމާއަށް އިނގިލި ދިއްކުރުމުގެ ބޭނުމަކީ، އިސްލާމްދީނާމެދު މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމެވެ. އިސްލާމްދީން ފެތުރެމުން ދިއުން ހުއްޓުވުމެވެ. ޙަޤީޤަތުގައި އެބައިމީހުން އެ ހަނގުރާމަކުރަނީ، ދީނުގައި ހައްދުފަހަނަޅައިދާ މީހުންނަކާ ނޫނެވެ. އެކަމަކު، ދީނުގައި އަންގަވާފައިވާ މެދުމިނުގައި ހިފަހައްޓައިގެން އުޅޭ މީހުންނާ އެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އެބައިމީހުން އެ ދެކޮޅުވެރިވަނީ، ސީދާ އިސްލާމްދީނާ އެވެ.
މިތަނުގައި ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ، މުސްލިމުންގެ ތެރޭގައި، ހައްދުފަހަނަޅާފައިވާ ޒުވާނުން މަދުކަމެވެ. ބިރުދައްކާ މީހުން ބުނާ ވަރަށްވުރެ، މުސްލިމުންގެ ތެރޭގައިވާ ހައްދުފަހަނަޅާފައިވާ ޒުވާނުންގެ ޢަދަދު މާ މަދެވެ. އެހެންވީމާ، ހައްދުފަހަނަޅައިދިއުމުގެ މައްސަލައަށް ފަރުވާކުރަން ޖެހޭނީ، ޢިލްމީ ހަމަތަކެއްގެ މަތިން ބަލައި، މައުޟޫޢީ ގޮތެއްގައި މައްސަލަ ދިރާސާކޮށްފަ އެވެ. އެހެން ނޫންނަމަ، ދީނީ ޢިލްމުވެރިންނަށް، ދީނާ ދެކޮޅަށް މަސައްކަތްކުރެވޭތަން އަތުވެދާނެ އެވެ.
މިފިޔަވަޅުގެ މަތީގައި، ބަލައިލާނެ ނުކުތާތަކަކީ:
· ހައްދުފަހަނައަޅައިދިއުމުގެ ސަބަބުތައް.
· ހައްދުފަހަނަޅައިދިއުމުގެ ޢަލާމާތްތައް.
· ހައްދުފަހަނަޅައިދިއުމުގެ ފަރުވާ. މިއެވެ.
· ހައްދުފަހަނަޅައިދިއުމުގެ ސަބަބުތައް
ދިރާސާކުރާ ހުރިހައި ފަރާތްތަކެއް އެއްބަސްވާގޮތުގައި، ހައްދުފަހަނަޅައިދިއުމުގެ ސަބަބުތައް ވަނީ، ދީނުގެ ޙުކުމްތައް ނޭނގުމާއި ނުދަތުމުގެ އިމުގެ ތެރޭގައެއް ނޫނެވެ. އެކަމަކު، އޭގެ:
ބައެއް ސަބަބުތައް ގުޅިފައިވަނީ، ސިޔާސަތާ އެވެ.
ބައެއް ސަބަބުތައް ގުޅިފައިވަނީ، ތަރުބިއްޔަތާ އެވެ.
ބައެއް ސަބަބުތައް ގުޅިފައިވަނީ، ނަފުސާނީ ކަންތައްތަކާ އެވެ.
ބައެއް ސަބަބުތައް ގުޅިފައިވަނީ، އިޤުތިޞާދާ އެވެ.
ބައެއް ސަބަބުތައް ގުޅިފައިވަނީ، ސަގާފަތާ އެވެ.
ބައެއް ސަބަބުތައް ގުޅިފައިވަނީ، މުޖުތަމަޢާ އެވެ.
ހައްދުފަހަނަޅައިދިއުމުގެ އަލިފާންގަނޑަށް ދަރުއަޅަނީ:
ބައެއް ފަހަރު ވަކިވަކި ފަރުދުންނެވެ.
ބައެއް ފަހަރު ޖަމާޢަތްތަކުންނެވެ.
ބައެއް ފަހަރު މުއައްސަސާތަކުންނެވެ.
ބައެއްފަހަރު ސަރުކާރުންނެވެ.
ބައެއްފަހަރު ކޯޓުތަކުންނެވެ.
މިހެންވެ، ހައްދުފަހަނަޅައިދިއުމަށް މިކަރުދާހުގައި ފަރުވާދޭނީ، އޭގެ މުހިންމު ސަބަބުތައް ނައްތާލުމަށެވެ. އެއީ:
1. މާތްﷲ އަށް ބިރުވެތިވެ، ދީނަށް ލޯބިކުރާ ޙާލު، އެކަލާނގެ ޙުކުމްފުޅުގައި އޮތް ގޮތް އޮޅުން ފިލާފައި ނެތުން. މިފަދަ މީހުންގެ ވިސްނުމުގައި ވަނީ، އެއްވެސް މުސްލިމަކު ބޮޑު ފާފައެއް ކޮށްގެން ނުވާނެ ކަމަށެވެ. މުސްލިމަކަށް ބޮޑު ފާފައެއް ކުރެވިއްޖެނަމަ، އަވަހަށް އެމީހަކީ ދީނުން ބޭރުވެފައިވާ ކާފިރެއް ކަމަށް ނިންމުމަކީ، މި ގިންތީގެ އަހުލުންގެ ގޮތެކެވެ.
މި ގިންތީގެ އަހުލުންގެ ބައްޔަކީ، ދީނީ ހޭލުންތެރިކަން ކުޑަ ކަމެވެ. ދީނުގެ ނައްޞުތައް ފުންކޮށް އޮޅުންފިލާފައި ނެތުމެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު، މި ގިންތީގެ އަހުލުން ޝަރުޢީ ޙުކުމްތައް ބަޔާންކުރުމުގެ މައިދާނަށް ނުކުމެ ފަތުވާ ދެއެވެ. އަލަށް ކުރިމަތިވާ ކަންކަމުގައި، އެކަންކަމާ ގުޅޭ ޝަރުޢީ ނައްޞުތައް ރަނގަޅަށް އޮޅުން ނުފިލާ ޙާލުގައިތިބެ، އަދި ޙުކުމްތަކުގެ ޝަރުޢީ މަޤުޞަދުތައް ވެސް ނުދަންނަ ޙާލުގައި ތިބެމެ، އެކަންކަމަށް ފަރުވާދެ އެވެ. މިގޮތަށް ކަންކުރާ މީހުންނަށް ރަނގަޅަށް ޢަރަބި ބަސް ވެސް އޮޅުމެއް ނުފިލަ އެވެ.
މިއީ ޖާހިލުންގެ ގިންތިއެވެ. މި ގިންތީގެ އަހުލުންނަށް ފަރުވާދޭންވާނީ، އެބައިމީހުންގެ ޖާހިލުކަން ސާބިތުކޮށްދީގެންނެވެ. އަދި ޞައްޙަ ގޮތަކީ ކޮބައިކަން އެބައިމީހުންނަށް އޮޅުންފިލުވާދީގެންނެވެ. މިކަންކުރެވޭނީ، މިކަމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިހުރި މީހަކަށެވެ. މުނާޒަރާކޮށް ނަޞީޙަތްތެރިވާން ދަންނަ މީހަކަށެވެ. ޢަލީގެފާނު ވިދާޅުވެގެން، އިބްނު ޢައްބާސް، ޚަވާރިޖުންނާ މުނާޒަރާކުރެއްވި އެވެ. އެމުނާޒަރާގެ ސަބަބުން އެބައިމީހުންގެ ތެރެއިން ހަތަރުހާސް މީހުން ދީނުގެ މެދުމިނުގެ އަހުލުންގެ ތެރެއަށް އެނބުރި އަޔެވެ.
ޚަވާރިޖުންނާ މުނާޒަރާކުރައްވާނެ ޢިލްމުވެރިޔަކު، ޢުމަރުބިން ޢަބްދުލް ޢަޒީޒުގެ ޒަމާނުގައި އެކަލޭގެފާނު ވެސް ފޮނުއްވެވި އެވެ. އެ ޢިލްމުވެރިޔާ ކުރެއްވި މުނާޒަރާގެ ނަތީޖާއަކަށްވީ، ޚަވާރިޖުންގެ ތެރެއިން ދެހާސް މީހުން، ދީނުގެ މެދުމިނުގެ އަހުލުންގެ ތެރެއަށް އެނބުރި އައުމެވެ.
ޖާހިލުންނާ މުނާޒަރާކޮށް ވާހަކަދައްކަންދާ ޢިލްމުވެރިންނަކީ، ރުޅިމަޑު، ކެތްތެރި، ތޫނުފިލި ބަޔަކަށް ވާންޖެހެ އެވެ. ޖާހިލުންގެ ސުވާލުތަކަކީ ކޮބައިތޯ ބަލައި، އެ އަޑުއަހައި، އެއަށް އެދެވޭ ޖަވާބެއް ދެވޭވަރުގެ ބަޔަކަށް ވާންޖެހެ އެވެ. އަދި އެބައިމީހުންނާ ރައްޓެހިވެ، ރަޙުމަތްތެރިވެ، އިތުބާރު ކަށަވަރު ކޮށްދެވޭވަރުގެ ބަޔަކަށް ވާންޖެހެ އެވެ. އެއީ، އެބައިމީހުންގެ ބޯތަކަށް ޖަހާލަތުގެ ވިސްނުމާއި ފިކުރު އަޅަމުންގެންދާ ތަނެއް ދޮރެއް ދޮރާއްޓެއް ނުދަންނަ މަރުމޯލުންނާ އެބައިމީހުންނާ ގުޅުން ކަނޑުވާލުމަށްޓަކަ އެވެ.
2. ތިމާގެ މޮޅުކަން ދެއްކުމަށްޓަކައި ހަވާނަފުސަށް ހެއްލޭ މީހުން. މިފަދަ މީހުން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްތައް މާނަކޮށް ތައުވީލުކުރަނީ، އެމީހުންގެ ހަވާނަފުސު އެދޭ ގޮތަށެވެ. އެބައިމީހުންގެ ހިތް އެދޭ ގޮތަކީ، ހަރުކަށިވުން ކަމަށްވާތީ، އެބައިމީހުން އެތަކެތި މާނަކުރަނީ ހަރުކަށިވުމަށް މަގުދައްކާ ގޮތަށެވެ. އެބައިމީހުންނަކީ ނަފުސާނީ ގޮތުން ބަލިކަށި، އަދި މަގުފުރެދިފައިވާ ބަޔެކެވެ. ދީނުގެ ނައްޞުތައް (އާޔަތްތަކާއި ޙަދީޘްތައް) އެބައިމީހުން އެގޮތަށް މާނަކޮށް ހެދުމުން، އެކަމުގެ ނޭދެވޭ އަސަރު، މުސްލިމުންގެ މުޢުތަބަރު ޢިލްމުވެރިންނަށް ވެސް ކުރެ އެވެ. އެހެނީ، އެބައިމީހުން އެކުރާ ނޭދެވޭ ޢަމަލުގެ ސަބަބުން، ބައެއް މީހުންގެ ގާތުގައި، މުޢުތަބަރު ޢިލްމުވެރިންގެ އިތުބާރު ގެއްލިދެ އެވެ. އެއާއެކު، އެމީހަކަށް ފެނުނު ގޮތަކަށް ދީނުގެ ނައްޞުތައް މާނަކުރާތަން އާދެ އެވެ.
3. މުޖުތަމަޢާއި ސަރުކާރާ ގުޅިފައިވާ ސަބަބުތައް: ޤާނޫނުގެ ބާރުން ޙިމާޔަތް ލިބިގެން، މިނިވަން ކަމުގެ ނަމުގައި ހިންގޭ އަޚުލާޤީ ގޮތުން ދަށު ދަރަޖައިގެ ޢަމަލުތަކަކީ، މެދުމިނުގެ އަހުލުން ހައްދުފަހަނަޅައިދާ ސަބަބެކެވެ.
އިސްލާމީ މުޖުތަމަޢުގެ މަގުމައްޗާއި މީޑިއާއާއި ބާޒާރާއި ސްކޫލްފަދަ ތަންތަނުގައި އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތައް ހިންގުމަކީ، މުސްލިމުންގެ މެދުމިނުގެ އަހުލުން ޤަބޫލުކުރާ ކަމެއް ނޫނެވެ. އެހެނީ އެފަދަ ޢަމަލުތައް ބައެއް ފަހަރު ދީނުގެ އަގުވައްޓާލަ އެވެ. ނުވަތަ ދީނަށް ފުރައްސާރަކޮށްލަ އެވެ. އަދި އެކަންކަމާމެދު ދީނީ ޢިލްމުވެރިން ބަސްބުނުމަށް ހުރަސް އަޅައި މަގުބަންދުކޮށްލާތަން އާދެ އެވެ. މިފަދަ ކަންކަމުގެ ސަބަބުން، އިސްލާމީ މުޖުތަމަޢުގައި ހައްދުފަހަނަޅައިދިއުން އުފެދެ އެވެ. އަދި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަމަކަށް ދެވޭ ރައްދުފިޢުލެއް (ރިއެކްޝަނެއް) ގެ ގޮތުން ހަރުކަށި ޢަމަލެއް ހިންގާލާތަން އާދެ އެވެ. ޙަޤީޤަތުގައި އެފަދަ ރައްދުފިޢުލުތައް ދީގެން ނުވާނެ އެވެ. ނަމަވެސް މިތަނުގައި މިވާހަކަ ގެންނަން ޖެހޭތީ ގެނައީ އެވެ.
4. ސިޔާސީ ސަބަބުތައް: މުޅި އިސްލާމީ އުންމަތަށް ނަޒަރުހިންގާލާއިރު، ފެންނަނީ ހިތާމަވެރި މަންޒަރުތަކެވެ. ފަލަސްޠީނުގެ ބިން ފޭރިގެންފައިވާ ތަނެވެ. އެބިމުގެ މުސްލިމުންނަށް އަނިޔާކޮށް މެރުމުގެ އިތުރުން، އަންހެން ދަރިންގެ ޢިއްފަތް ފޭރެމުން ގެންދާ ތަނެވެ. އެބިމުގައިވާ ހުރިހައި މުއްސަނދިކަމެއް، އެހެން ބަޔަކު ފާޅުގައި ނިގުޅަމުން ގެންދާ ތަނެވެ. ދެން ފެންނަނީ އަފުޣާނިސްތާނާއި ޢިރާޤެވެ. އިސްލާމީ ދުނިޔެއިން ފަލަސްޠީނާއި އަފުޣާނިސްތާނާއި ޢިރާޤު ފަދަ ޤައުމުތަކުގެ ޙާލަތު ފެނުމުން، މުސްލިމުންގެ ޒުވާނުންގެ ހިތުގައި ނުރުހުމުގެ ޝުޢޫރު އުފެދެއެވެ. މި ޝުޢޫރު ވެފައިވަނީ، ހައްދުފަހަނަޅައިދިއުމުގެ އަލިފާންގަނޑު ރޯކުރަން ވަރަށް އެކަށޭނަ ތެލަކަށެވެ. ފުރުޞަތު ލިބުނު ކޮންމެ ދަނޑިވަޅަކުމެ، މުސްލިމުންގެ ޒުވާނުން މިތިބެނީ ކެކިއުތުރިއެރުމަށް ތައްޔާރުވެފައިވާ ޙާލަތެއްގަ އެވެ.
އިސްލާމީ އުންމަތުގެ ޒުވާނުން ކައްކުވާލާނެ ކޮންމެ ވެސް ހާދިސާއެއް އިރުއިރުކޮޅާ މީޑިއާއިން ގެނެސްދެ އެވެ. މިސާލަކަށް ގުއަންޓަނާމޯބޭ ޖަލުގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތި ހާދިސާ އެވެ. މުސްލިމުންގެ ޒުވާނުންނަށް މިފެންނަނީ، އެފަދަ ނޭދެވޭ ޢަމަލުތައް ކުރާ މީހުން، އެކަން ކޮށްފައި އަދި އެންމެންގެ ކުރިމަތީގައި އެކަން ކުރިކަމަށް އިޢުތިރާފުވަމުންދާ ތަނެވެ. މިގޮތަށް މިޒާތުގެ ޖަރީމާތައް ހިންގުމަކީ، ޙިއްސު ސަލާމަތުން ހުރި ބަޔަކު ރުޅިގަދަނުވެ ނުދާނެ ކަމެއްކަން ކަށަވަރެވެ.
އިސްލާމީ ޤައުމުތަކުގެ އެތެރޭގެ ޙާލަތަށް ބަލާއިރު ފެންނަނީ، ޒުވާނުން ހިފައި ހައްޔަރުކުރަމުން ގެންދާ ތަނެވެ. ސަލާމަތީ ބާރުތަކުން ގޯތި ގެދޮރަށް ވަދެ، އެއްވެސް ހަމައެއް ލަމައެއް ނެތި އެތަންތަނުގެ ޙުރުމަތް ކަނޑާލަމުން ގެންދާ ތަނެވެ. އަދި ކަންކަމުގައި ނަގާކިޔާ ޒުވާނުންގެ އަގުވައްޓާލައި، އެބައިމީހުން ބަދުނާމުކުރަމުން ގެންދާ ތަނެވެ. އެބައިމީހުންގެ އަތުން، ބަސް ބުނުމުގެ މިނިވަންކަން ނިގުޅައިގަންނަމުން ގެންދާ ތަނެވެ. ކީއްތޯއެވެ. ބައެއް ފަހަރު، އަޅުކަންކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ތަން ވެސް ބައެއް އިސްލާމީ ޤައުމުތަކުގައި ފެނެ އެވެ.
އަދި ކީއްތޯއެވެ. ހައްޔަރުކުރެވޭ ޒުވާނުންނަށް ބައެއް ޤައުމުތަކުގައި އެހެރަ ދެމުން ގެންދަނީ ކޮންފަދަ ވޭންދެނިވި އަނިޔާތަކެއްތޯ އެވެ.
މިބާވަތުގެ އެތައް އެތައް ކަމެކެވެ. ހައްދުފަހަނަޅައިދިއުމާއި ޓެރަރިޒަމުގެ އަލިފާންގަނޑު ރޯވެ، އަޑުކިޔާފައި ފެތުރިގެން ދިއުމަށް މިކަންކަން ފުދެ އެވެ.
5. އިޤުތިޞާދީ ޙާލަތު: އިސްލާމީ ދުނިޔޭގެ އެއްބަޔަކީ މުއްސަނދިންނެވެ. އަނެއް ބަޔަކީ ފަޤީރުންނެވެ. މުއްސަނދިން މުއްދަނދިވެފައިވަނީ، ވައްކަން ކޮށްގެންނާއި ރިޝްވަތު ހިފައިގެންނާއި ނުފޫޒުގެ ބޭނުންކޮށްގެން ހޯދި ޙަރާމް ތަކެތިންނެވެ. އެބައިމީހުން ދިރިއުޅެމުން ގެންދަނީ، ނުހަނު ތަނަވަސްކަންމަތީގަ އެވެ.
ފަޤީރުންގެ ފަޤީރުކަން ހުރީ އެންމެ ދަށުގަ އެވެ. ސަލާންޖަހާ މީހުންނެވެ. ތިމާގެ ޢިއްޒަތުއް ނަފުސާއި އިންސާނީ ކަރާމަތް ވިއްކާލާފައި ދިރިއުޅެން މަޖުބޫރުވެފައިވާ މީހުންނެވެ. ވަޒީފާއެއް ނުލިބިފައި ތިބޭ އެތައް ހާސް ޔުނިވަރސިޓީ ގްރޭޖުއޭޓުންނެއްގެ ކިބައިން އަޅުގަނޑުމެން އިންތިޒާރުކުރަންވީ ކޮންކަމަކަށްތޯ އެވެ؟ ނުވަތަ މީހަކާ އިންނާނެ މަގެއް ފެނިފައިނުވާ އެތައް ހާސް ފަޤީރު އަންހެންކުދިންނެއްގެ ކިބައިން އަޅުގަނޑުމެން އިންތިޒާރުކުރަންވީ ކޮންކަމަކަށްތޯ އެވެ؟
އިންސާނީ ޠަބީޢަތުގެ ހަމަތަކުގެ މަތިން ބަލާއިރު، މުއްސަނދިންނާއި މުޖުތަމަޢުގެ ފޯރާ ފަންތީގެ މީހުންގެ މައްޗަށް ރުޅިވެރިކަމާއި ހަސަދަވެރިކަން ނޫން އެހެން ކަމެއް އެ ޒުވާނުންގެ ހިތްތަކުގައި ނުއުފެދޭނެ އެވެ. މުއްސަނދިމީހާ، މުއްސަނދިވެފައިވަނީ، ކީއްވެގެންތޯ އެވެ؟ ވަކި ޢާއިލާއެއްގެ މީހަކަށްވީތީ އެވެ. ނުވަތަ ވަކި ޖަމާޢަތެއްގެ މެމްބަރަކަށް ވީތީ އެވެ.
ފަޤީރުކަން އިންސާނާގެ ހަށިގަނޑަށް ހަދާލާގޮތް ނިކަން ދެކެވަޑައިގެން ބައްލަވާށެވެ! ބޭހެއް ފަރުވާއެއް ނެތް ބަލިތައް، ފަޤީރުކަމުގެ ސަބަބުން، ފަޤީރުންގެ ހަށިތަކަށް ޖެހެ އެވެ. ނަފުސާނީ ގޮތުން އެބައިމީހުން ބަލިކަށިވެދެ އެވެ. ވިސްނާ ފިކުރުކޮށްކޮށް މާޔޫސްވެދެ އެވެ. ތަޢުލީމު ޙާޞިލުކުރާނެ ރަނގަޅު ފުރުޞަތެއް ނުލިބުނުތާ، ދިރިއުޅޭނެ މަގެއް ވެސް އެބައިމީހުންނަކަށް ނުމެ ފެނުނެވެ.
މިކަންކަން މިހެން ހުރުމާއެކު، ފަޤީރުންގެ ހިތްތަކުގައި، މުއްސަނދީންގެ މައްޗަށާއި މުޖުތަމަޢުގެ ފޯރާ ފަންތީގެ މައްޗަށް ރުޅިވެރިކަމާއި ޙަސަދަވެރިކަން އުފެދިފައިވެ އެވެ. ޤައުމުގެ ތަނަވަސްކަމާއި މުއްސަނދިކަން އަފުރާދުންގެ މައްޗަށް ހަމަހަމައަށް ބަހާލެވިފައި ނުވާތީ އެވެ. ފަޤީރުންގެ ހިތްތަކުގައި އުފެދިފައިވާ ރުޅިވެރިކަމާއި ޙަސަދަވެރިކަމަކީ، ކޮންމެ ވަގުތަކު ވެސް ގޮއްވާލެވިދާނެ ވަރުގަދަ ބޮމެކެވެ. ދީނުގެ ނަމުގަ އެވެ. ނުވަތަ އެހެން ނަމެއްގައި ވެސް އެ ބޮމް ގޮއްވާލާކަށް ދައްޗެއް ނުވާނެ އެވެ.
6. ޒުވާނުންގެ ވަށައިގެންވާ ރޫޙާނީ ހުސް ޖާގަ: ރޫޙާނީ ނުވަތަ ދީނީ ގޮތުން ޒުވާނުންގެ ބޭނުންތައް ފުދިފައި ނުވުމަކީ، އެބައިމީހުން މަގުފުރެދި ގެއްލެނިވެގެން ދިއުމަށް ހުޅުވާލެވިފައިވާ ދޮރެކެވެ. އަދި ވަކިން ޚާއްޞަކޮށް، އަދާކުރާނެ ވަޒީފާއެއް ނުވަތަ ދިރިއުޅުމަށްޓަކައި ބޭނުންވާ ފައިސާ ހޯދާނެ ރަނގަޅު މަގެއް ފެނިފައި ނުވާ ޒުވާނެއްގެ ވަށައިގެން ރޫޙާނީ ހުސްޖާގަ އުފެދިއްޖެނަމަ، އޭނާ މަގުފުރެދިގެން ދިއުން ގާތެވެ. އެފަދަ ޒުވާނުން ވާވެއްދުމަށްޓަކައި ކުރަހާފައިވާ ޕްލޭނެއްގައި ރާވާފައިވާ ގޮތަށް، ޒުވާނުން ގެންދަން ބޭނުން މީހަކަށް ނުހަނު ފަސޭހަކަމާއެކު އެކަން ކުރެވިދާނެ އެވެ. ރޫޙާނީ ހުސްޖާގަ އަކީ، މުޖުތަމަޢުގައި ޖަރީމާތައް ހިންގަން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ވެސް މެ އެވެ.
ހައްދުފަހަނަޅައިދިއުމުގެ ޢަލާމާތްތައް
ހައްދުފަހަނަޅައިދިއުމުގެ ނަތީޖާއެއްގެ ގޮތުން ނޭދެވޭ އަސަރުތަކެއް ފާޅުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ނޭދެވޭ އަސަރުތަކަކީ:
1. ދީނަށް އުޅުމުގައި ހަރުކަށިވުން. މިކަން ކުރަނީ، ތިމާގެ އަމިއްލަ ގޮތްތައް ފާޅުކޮށް، ތިމާއަކީ އެހެން މީހުންނާ ތަފާތު މީހެއްކަން ދެއްކުމަށްޓަކަ އެވެ.
2. ދީނަށް ފުރަގަސްދިނުމުގައި މުރުތައްދުވެ ކުފުރުގެ ދަރަޖައަށް ވާޞިލުވުން. އެހެނީ، ދީނަށް ފުރަގަސްދީފި މީހަކު، ހިފަހައްޓާނެ ރިވެތި އަޚުލާޤެއް، ސުލޫކެއް ނޯންނާނެ އެވެ. އެފަދަ މީހުން، ޙަޤީޤީ ދުނިޔެއިން ބޭރުވުމަށްޓަކައި، މަސްތުވާތަކެތި ބޭނުންކުރާތަން އާދެ އެވެ.
3. ތިމާއަށް ފެންނަ ގޮތުގައި ހިފެހެއްޓުމާއި، އަނެކުން ބުނާ އެއްޗެއް އަޑުނޭހުން. މިހެން އުޅޭ މީހުންގެ ކިބައިން ހަރުކަށިކަން ފެންނާނެ އެވެ. އަދި ދީނުގައި އަންގަވާފައި ނެތް ކަންތައްތައް ކުރުމަށް އެހެން މީހުންނަށް މަޖުބޫރުކުރާނެ އެވެ. އެފަދަ މަޖުބޫރުކުރުންތަކަށް އެހެން މީހުން އިޖާބަ ނުދީފިނަމަ، އެބަޔަކަށް އަނިޔާކުރުމަކީ ވެސް އެބައިމީހުން ކޮށްފާނެ ކަމެކެވެ.
ހައްދުފަހަނަޅައިދިއުމުގެ ފަރުވާ
1. ދީނާއި ޤައުމަށް ވަފާތެރި އިޚުލާޞްތެރި ޢިލްމުވެރިންގެ ބަސް، ޢާއްމުންނާ ހަމައަށް ފޯރާނެ މަގު، ތަނަވަސްކޮށްދިނުން. މިކަމުގެ ބޭނުމަކީ، ދީނުގައިވާ ސާފު ސީދާ ގޮތްތައް މީސްތަކުންނަށް ބަޔާންކޮށްދިނުމެވެ. އެފަދަ ދީނީ ޢިލްމުވެރިން ވާންޖެހޭނީ، ޙާކިމާއި ރައްޔިތުންނަށް ވަފާތެރި ބަޔަކަށެވެ.
ހައްދުފަހަނަޅައިފައިވާ މީހުންނާއެކު ވާހަކަ ދައްކަން ޖެހޭނެ އެވެ. އެބައިމީހުންނަށް މަލާމާތްކޮށް، އެބައިމީހުންގެ ބޮލުގައި ތުހުމަތުތަކެއް އެޅުވުމެއް ނެތި އެވެ. މިކަމުގެ ބޭނުމަކީ، އެބައިމީހުންނާ ކުރިމަތިވެފައިވާ މައްސަލަ ދެނެގަތުމާއެކު، އެއަށް ޙައްލެއް ހޯދުމެވެ.
2. ހައްދުފަހަނަޅައިދިއުމާ ކުރިމަތިލުމަށްޓަކައި ކޮމިޓީތައް އުފެއްދުން. އެ ކޮމިޓީތަކުގައި، ދީނީ، ނަފުސާނީ، އިޖުތިމާޢީ، އިޤުތިޞާދީ ޢިލްމުގެ އަހުލުންގެ އިތުރުން، ސަލާމަތީ ބާރުތަކާއި މީޑިއާގެ އަހުލުން ހިމެނެންވާނެ އެވެ. މިފަދަ ކޮމިޓީތަކުގެ ތެރެއިން އެދެވޭ ނަތީޖާއެއް ނެރެވޭނީ، ޢަމަލީ މައިދާނުގައި ވަކިފަރާތަކަށް ނުޖެހިތިބެ، ހަރުދަނާ ގޮތެއްގައި ޢިލްމީ ދިރާސާތައް ކުރެވިގެންނެވެ.
3. އަޚުލާޤީ ގޮތުން މީހުން ފާސިދުވެދާނެ ފަދަ ކަމެއް މީޑިއާއިން ކުރާނަމަ އެކަމެއް ހުއްޓުވުން. އެހެނީ، ދީނާ ޚިލާފު ކަންތައްތަކާއި ޢާއްމު އަދަބާ ޚިލާފު ކަންތައްތަކަކީ، އެއަށް ރައްދުފިޢުލު (ރިއެކްޝަން) އަންނާނެ ކަންތައްތަކެވެ. އެހެންވީމާ، ދީނާއި ދުނިޔޭގެ ރިވެތި ހަމަތަކާ ޚިލާފަށް ދެވޭ މިނިވަން ކަމަކީ، މިނިވަންކަމާއެކު އެއަށް ރައްދު ނުދޭނެ ކަންކަން ކަމުގައި ހީކޮށްގެން ނުވާނެ އެވެ.
4. ޚާރިޖީ ސިޔާސަތު ރަނގަޅު ކުރުން. އެހެން ޤައުމުތަކާއި އެހެން މީހުންގެ ނުރުހުން ތިމާމެންނަށާއި ތިމާމެންގެ ޤައުމަށް ލިބޭނެ ޒާތުގެ ކަންތައް ކުރުމަކީ، ހައްދުފަހަނަޅައިދިއުމަށް މަގުފަހިވާނެ ކަމެކެވެ.
5. ދާޚިލީ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނަމުގައި، މީހުން ރުޅިއަންނަ ޒާތުގެ ކަންތައްތައް ނުކުރުން. މީގެ މިސާލަކީ، ހަސަދަ ފިލުވާލުމުގެ ގޮތުން ކުރާ ނޭދޭވޭ ޢަމަލުތަކެވެ. ނުވަތަ ސަރުކާރުން ބޭނުންވާ ކަންތަކެއް ކުރުމަށްޓަކައި މީހުން ނުޤަބޫލުވާނެ ކަންތައްތަކެއް ކުރުމެވެ.
6. އިޤުތިޞާދީ ޙާލަތު ރަނގަޅުކުރުން. ޢަދުލުވެރިކަމާއެކު، ޤައުމުގެ މުއްސަނދިކަން އެންމެނަށް ފޯރުކޮންދޭން ވާނެ އެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދީ، މަސައްކަތަށް އަހުލުވެރިކުރުވަން ވާނެ އެވެ. މުޖުތަމަޢުގެ ފަޤީރު ކަން، ނުބައި ގޮތުގައި ބޭނުން ހިފުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ އެވެ.
7. ޢަދުލުއިންޞާފު ޤާއިމުކުރުމާއި މީސްތަކުންނަށް ޙައްޤުތައް ދިނުން. އެއީ މާލީ ޙައްޤުތަކެއް ވިޔަސް، ސިޔާސީ ނުވަތަ އިޖުތިމާޢީ ނުވަތަ ޝަޚުޞީ ޙައްޤުތަކެއް ކަމަށް ވިޔަސް، ޢަދުލުވެރިކަމާއެކު، އެ ޙައްޤުތައް ދޭންވާނެ އެވެ.
ފަހެ، ޢަދުލުވެރި ކާފިރުންގެ ސަރުކާރަށް މާތް ﷲ ނަޞްރު ދެއްވަ އެވެ. ޢަދުލުވެރިކަމެއް ނެތް އަނިޔާވެރި މުސްލިމުންގެ ސަރުކާރަށް އެކަލާނގެ ނަޞްރު ނުދެއްވަ އެވެ.
8. ޒުވާނުންގެ ވަށައިގެންވާ ރޫޙާނީ ހުސް ޖާގަ ފުރުން. މިކަން ކުރުމަށްޓަކައި އަންނަނިވި ޙަރަކާތްތައް ހިންގިދާނެއެވެ.
- އަހަރު ދުވަސް ބަހާލައިގެން އެކި ދުވަސްވަރު އެކި މައުޟޫޢުތަކަށް ހޭލުންތެރިކުރުވާ ސެމިނާރތަކާއި މަހާސިންތާތައް ބޭއްވުން.
- ކުޅިވަރުގެ ޙަރަކާތްތައް ހީވާގިކުރުވުމާއި ކްލަބްތަކާއި ޖަމްޢިއްޔާތަކަށް އެހީތެރިވުން.
- މީސްތަކުން ހޭލުންތެރިކުރުވުމުގައި މިސްކިތްތަކާއި ދީނީ މަރުކަޒުތައް ހީވާގިކޮށް އެތަންތަނުގެ ދައުރު އެދެވޭ ގޮތެއްގައި ފުޅާކުރުން.
- މުނިފޫހި ފިލުވުމަށާއި ހޭލުންތެރިކުރުވުމަށްޓަކައި ޒުވާނުންނަށް ކޭމްޕްތައް ބޭއްވުން.
- (މިނޫނަސް މިބާވަތުގެ ޙަރަކާތްތަކުގެ ތެރެއިން އެބަޔަކާ ގުޅޭ ޙަރަކާތްތަކެއް ހިންގިދާނެއެވެ.)
ނިންމުން
އެއްވެސް މައްސަލައެއް އުފެދުނު ސަބަބުތައް ނޭނގޭ ޙާލު، އެމައްސަލައަކަށް ޙައްލެއް ހޯދުމަކީ ވާނެ ކަމެއް ނޫނެވެ. ހައްދުފަހަނަޅައިދިއުމާއި ހަރުކަށިކަން އުފެދި، ބަދަލުހިފުމުގެ ރޫޙު އުފެދުނީ:
ދީން ނޭނގުމުގެ ސަބަބުން،
ނުވަތަ، ދީން ދޫކޮށް ތިމަތިމާމެންގެ ހިތަށް ފެންނަ ގޮތަށް އުޅެގަތުމުން،
ނުވަތަ، އެއްވެސް ހިފެހެއްޓުމެއް ނެތި މިނިވަންކަމުގެ ދޮރުހުޅުވާލުމުން،
ނުވަތަ، މީޑިއާ ފަސާދަވުމުން،
ނުވަތަ، ނަތީޖާއާމެދު ބަލައިލުމެއްނެތި ސަރުކާރުން ނިންމާ ނިންމުންތަކުން،
ނުވަތަ، ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން އަނިޔާވެރި ގޮތުގައި ބާރުގެ ބޭނުން ކުރުމުން،
ނުވަތަ، އަނެކުންނާ ވާހަކަ ދައްކައިގެން ސުލްހަވުމުގެ ދޮރު ބަންދުކުރުމުން،
ނުވަތަ، ދިރިއުޅުމުގައި އަނެކުން ބައިވެރިވެ އުޅުމުގެ ޙައްޤު ނުދިނުމުން،
ނުވަތަ، ޤައުމުގެ މުއްސަނދިކަން ވަކިބަޔަކު ނިގުޅައިގަނެ ރައްޔިތުން ފަޤީރުކުރުމުގެ ސަބަބުން،
ނުވަތަ، އެ ފަޤީރުކަމާ ވިދިގެން އައި:
މީހުނާ ނީނދެވުމާއި، ވަޒީފާ ނުލިބުމާއި، ރޫޙާނީ ހުސްޖާގަ އުފެދުމުން، ކަމަށްވަނީނަމަ، މިކަންކަމަށް ޙައްލު ހޯދިދާނެ އެވެ.
ހައްދުފަހަނަޅައިދިއުމާއި ހަރުކަށިކަމުގެ ސަބަބު އެނގިއްޖެނަމަ، ޙައްލުތައް ކަނޑައެޅިދާނެއެވެ. އަދި އެކަން ދިރާސާކޮށް، މުސްތަޤުބަލުގައި އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ދެވިދާނެ ފަރުވާއެއް ވެސް ހޯދިދާނެ އެވެ.
ހައްދުފަހަނަޅައިދިއުމަކީ، ހިތާމަވެރި ހާދިސާއަކާ ގުޅިގެން އުފެދިދާނެ ކަމެކެވެ. ދެން ދުވަސްތަކާއެކު، އެފަދަ ހާދިސާތައް ތަކުރާރުވި ވަރަކަށް އެކަން ހެދިބޮޑުވަމުންދާނެ އެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި، މައްސަލައިގެ ޙައްލު އޮތީ އިސްލާމްދީނުގަ އެވެ. އަޅުގަނޑުމެން މުސްލިމުން ސާފު ސީދާ އިސްލާމްދީނަށް ރުޖޫޢުވުމަކީ، އަޅުގަނޑުމެންގެ ތެރޭގައިވާ ވަރަށް ގިނަ މައްސަލަތަކެއްގެ ޙައްލެވެ.
އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އެންމެނަށް ހިދާޔަތާއި ތެދުމަގު ދެއްކެވުމެވެ.
Read more...