Thursday, April 22, 2010

ދީނީ ގޮތުން ހިނގާފައިވާ ބޮޑެތި މައްސަލަތަކުގެ ތަފްޞީލް ހޯދުމަށްއެދި ޖަމްޢިއްޔަތުއްސަލަފުން އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފި


މުޙައްމަދު ނަޝީދުގެ ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ދީނީގޮތުން ހިނގާފައިވާ ބޮޑެތި މައްސަލަތަކުގެ ތަފްޞީލުތައް ހޯދުމަށްއެދި ޖަމްޢިއްޔަތުއްސަލަފުން މިނިސްޓަރީ އޮފް އިސްލާމިކް އެފެއަރޒްއަށ
މިދިޔަ އަންގާރަ ދުވަހު ސިޓީއެއް ފޮނުވައިފިއެވެ. އޭޕްރީލް 20 ވަނަދުވަހު ފޮނުވި ސިޓީގެ ކޮޕީތައްވަނީ ދިވެހިރާއްޖޭގެ މީޑިއާތަކަށްވެސް ފޮނުވާފައެވެ. މިސިޓީގައި އަދާލަތު ޕާޓީޝާމިލްވާނޭގޮތުން އުފެދުނު އިއްތިޙާދުގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީއާއި ޙަވާލުވިފަހުން ދިވެހިޤައުމުގެ މަސްރަޙްގައި ދީނީ ގޮތުން ތަފާތު ކަންކަން ޝަރީއަތުގެ އަސްލުތަކާއި ކަނޑައެޅިގެން ޚިލާފަށް ހިނގާފައި ހުރިކަމަށާއި މިކަންކަން ބަލައި ކަމުގެ ޙަޤީޤަތް އިތުރަށް ސާފުކޮށް ރައްޔިތުންނާއި ހިއްސާކުރުމުގެ ގޮތުން އެކަންތައްތައް ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަފްސީލީ މަޢްލޫމާތު ޖަމްޢިއްޔަތުއްސަލަފަށް ބޭނުންވާކަމަށް ބުނެފައިވެއެވެ. މިގޮތުން އެސިޓީގައި ފާހަނގަކޮށްފައިވާ ބައެއް މައްސަލަތަކުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ ޤުރުއާން ތަރުޖަމާގެ މައްސަލައާއި، މަސާޖުޕާލާތަކުގެ މައްސަލައާއި، ޢަރަބިއްޔާ ސްކޫލްގެ މައްސަލައާއި، ދިވެހިން ހިންގާ ނޫސްތަކާއި އިންޓަރނެޓްގެ ވެބްސައިޓްތަކާއި ބްލޮގްތަކުގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ލިޔާ މައްސަލައާއި، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރާ މީހުންގެ މައްސަލައާއި، ބަނގުރަލުގެ މައްސަލައާއި، އިސްލާމިކް ބޭންކުގެ މައްސަލައާއި އަދިވެސް އިތުރު މައްސަލަތައްވެއެވެ.

Read more...

Monday, April 19, 2010

ނަމާދު ވަޤުތުތަކަށް ފިހާރަތައް ބަންދުނުކުރަނީ ކީއްވެ؟


އަލްއަޚް އިބްނި ނޫޙް
ނަމާދަށް ބަންގިގޮވީމައި ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް ހުއްޓާލާފައި ނަމާދަށް ދިއުމަކީ ދުނިޔޭގެ ހުރިހާ މުސްލިމް ވިޔަފާރިވެރިން ކުރާކަމެކެވެ. ކުރަންޖެހޭނޭވެސް ކަމެކެވެ. ސަބަބަކީ މުސްލިމުންނަށް ނަމާދަށްވުރެ އިސްކަމެއްދޭންޖެހޭ އެހެންއެއްވެސް ކަމެއް ނޯންނާތީއެވެ.
ބަންގިގޮވީމާ ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް ހުއްޓާލާފައި ނަމާދަށް ދިއުމަކީ މިރާއްޖޭގައިވެސް ކުރާކަމެކެވެ. އަދި ނަމާދު ވަޤުތު ފިހާރަތައްފަދަ ބައެއް އެހެނިހެން ވިޔަފާރިތައް ކުރުމަކީ ކުރީގެ މައުމޫނު ސަރުކާރުން މަނާކޮށްފައިވާކަމެކެވެ. އަދި މިހާރުވެސް މަނާކަމެކެވެ. ނަމަވެސް ހިތާމައާއެކު ދަންނަވަންޖެހެނީ ބަންގިގޮވީމައި ވިޔަފާރިތައް ކުރުމުގެ އިތުރުން އެންމެންނަށް އެނގޭނޭހެން ދޮރުގައި އޯޕަން ބޯޑުޖަހައިގެން ވަރަށްގިނަ ފަރާތްތަކުން ވިޔަފާރިކުރަމުން މިހާރު ދާކަމެވެ. މިކަން މިގޮތަށް ހުއްދަކުރިކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގާފައެއް ނުވެއެވެ. އެހެންވެއްޖެކަމަށްވަންޏާ އެކުރަނީ މަނާކަމެކެވެ. އަދި ޤާނޫނީ ކުށެކެވެ. މިހެން ދެންނެވުމުން ބައެއްބޭފުޅުން ބުނެފާނެއެވެ. މަނާކަންތައް ނުކުރަނީ ކާކުހެއްޔެވެ. އޭގެ ޖަވާބުގައި ދަންނަވަންޖެހެނީ ކިތަންމެ ގިނަބަޔަކު ކުރިއަސް މަނާކަމެއްވާނީ ހަމަ މަނާކަމަކަށެވެ.

ޙަޤީޤަތަށް ދަންނަވަންޏާ ނަމާދުވަގުތަށް ފިހާރަތަކާއި ބައެއް އެހެނިހެން ވިޔަފާރި ކުރާތަންތަން ބަންދުކުރާގޮތަށް ހެދިކަމީ ކުރީގެ މައުމޫނު ސަރުކާރުން ކުރި ވަރަށްވެސް ރަނގަޅުކަމެކެވެ. އެގޮތަށް އެކަން ކޮށްފައިއޮތުމުން ވަރަށް ގިނަވިޔަފާރިވެރިން ނަމާދަށް ދެއެވެ. ނަމަވެސްމިހާރު ބަންގިގޮވީމައި ފިހާރަތައް ބަންދުނުކުރިއަސް އަޅާލާނެ ސަރުކާރެއް ނެތީމާ ވިޔަފާރިކުރުމުގައި މަޝްޣޫލުވެފައި ތިބެނީއެވެ. މިއީވަރަށް ހިތާމަހުރި ކަމެކެވެ. އެއްގޮތަކުންވިއްޔާ ބަންގިގޮވުމުން ހަމަ ވަގުތުން ވިޔަފާރި ހުއްޓާލާފައި ނަމާދަށް ދާންޖެހެއެވެ. އެއީ މުސްލިމަކަށް ވަންޏާއެވެ. އަނެއްގޮތަކުން ނަމާދަށް ނުދިޔަކަމުގައިވިޔަސް ފިހާރަ ބަންދު ކުރަންޖެހެއެވެ. އެއީ ފިހާރައިގައި އިނީ ކާފަރަކަށްވެފައި އަދި އިތުރަށް ސަރުކާރުން މަނާކޮށްފައިވާތީއެވެ.

އަޅުގަނޑުމެންގެ ފިހާރަތަކުގައި މިހާރު ސޭޓުންނަށް ގިނައިން ތިބެނީ "ބަންގާޅީން"ނެވެ. ގިނައީ މުސްލިމް ބަންގާޅީންނެވެ. ބަންގިގޮވީމައި ގިނަމީހުން ނަމާދަށްދާން ބޭނުންވެއެވެ. ނަމަވެސް "ބޮޑު" މީހާ ރުޅިއައިސްފާނެތީ ބަންދުކުރަން ނުކެރެނީއެވެ. އަދި ބަންގިގޮވީމައި ފިހާރަ ބަންދުކުރުން މަނާކޮށްފައިވެސް އޮންނަނީއެވެ.

މިއީ "މިރާއްޖޭގެ" ޙާލަތެވެ. ކުރާނެކަމެއްނެތެވެ. މިހާރުދެން މިއޮތީ އަނެއްކާވެސް އެހެން ރާއްޖެއެއް ފެނޭތޯ ފަތައިގަންނަން ޖެހިފައެވެ.

Read more...

Sunday, April 18, 2010

ޑރ. ޒާކިރު ނައިކްގެ ކުރު ތަޢާރަފެއް


އަލްއަޙް މުޙައްމަދު ސިރުޙާން
ޑރ ޒާކިރު ޢަބްދުލްކަރީމް ނައިކަކީ ޕޮރްފެޝަނަލް ޓްރޭނިންގ ލިބިވޑައިގެން ހުންނެވި މެޑިކަލް ޑޮކްޓަރެކެވެ. ހަމައެފަދައިން އޭނާއަކީ ކޮމްޕަރޭޓިވް ރިލިޖަންގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ އިންޑިޔާގެ ބޮމްބޭގައި ހުންނަ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ރައީސް އެވެ. އިސްލާމްދީނާއި މެދު މީސްތަކުންގެ ހިތުގައި އުފެދިފައިވާ ޝައްކުތަކާއި އިޚްތިލާފީ މައްސަލަތަކަށް ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި، އަދި މީގެއިތުރުން އެހެންދީންތަކުގެ ފޮތްތަކުގެ އަލީގައްޔާއި ސިކުނޑިއާއި ސައިންޓިފިކު ޙަޤީޤަތްތަކުގެ އަލީގައި އެމައްސަލަތައް އޮޅުން ފިލުވައި ދެއްވައެވެ. އޭނާގެ ޢުމުރުފުޅަކީ ސާޅިސް ހަތަރު އަހަރެވެ.


ޑރ. ޒާކިރު ޢަބުދުލްކަރީމް ނައިކު މަޝްހޫރުވެވަޑައިގެންފައިވަނީ ޢާންމު އެއްވުންތަކުގައި ވާހަކަފުޅު ދެކެވުމަށްފަހު، މީސްތަކުން އޭނާއާ ޗެލެންޖު ކުރުމަށް ކުރާ ސުވާލުތަކަށް ސިކުނޑި ޤަބޫލުކުރާ އަދި ބިނާކުރަނިވި ޖަވާބުތައް ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ފާއިތުވެދިޔަ ތޭރަ އަހަރުގެ ތެރޭގައި އޭނާވަނީ 1300 އަށްވުރެ ގިނަ މަޥްޟޫތަކަށް ޢާންމުންގެ ތެރޭގައި ވާހަކަފުޅު ދައްކަވާފައެވެ. އޭގެތެރޭގައި އެމެރިކާ، ކެނެޑާ، އިޓަލީ ސަޢުދީ ޢަރަބިޔާ، ޔޫއޭއީ، ކުވައިތު، ޤަޠަރު، ބަޙްރައިން، އޮމާން، މިޞްރު، އޮސްޓްރޭލިޔާ، ނިއުޒިލެއްންޑް، ސައުތު އެފްރިކާ ބޮސްޓްސުވާނާ، މެލޭޝިޔާ، ސިންގަޕޫރު، ހޮންގކޮންގ، ތައިލެންޑް، ގިޔާނާ (ސައުތު އެމެރިކާ) ޓްރިނާޑާރޑް ހިމެނެއެވެ. އޭގެ އިތުރުން، އިންޑިޔާގައި ވަނީ ވަރަށްގިނަ ޢާންމު ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވާފައެވެ.

އޭނާއަކީ ތަފާތު ޢަޤީދާތަކުގެ އަހުލުވެރިންނާއިއެކު ވަރަށް މުހިންމު ދީނީ ބަޙުޘު ކުރައްވާ އަދި ހަމައެފަދައިން އެފަދަ މީސްމީހުންގެ މައްޗަށް ކާމިޔާބު ހޯއްދެވުމުގައި ފާހަގަ ކުރެވޭ އެރޮނގުގައި ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެމެރިކާގެ ބޭފުޅެއްކަމުގައިވާ ޑރ. ވިލިޔަމް ކޭމްޕްބެލް އާއިއެކު "ސައިންސުގެ އަލީގައި ކީރިތި ޤުރްއާނާއި ބައިބަލް" މިމަޥްޟޫއަށް އެމެރިކާގެ ޗިކާގޯ ގައި 2000 ވަނައަހަރު އެޕްރީލްގައި ބޭއްވި ބަޙުޘަކީ މިކަމުގެ އަލިގަދަ ހެއްކެވެ.

އިންޑިޔާގެ މިހާރުގެ ހިންދޫންގެ ގުރޫ ރަވީ ޝަންކަރ އާއިއެކު "ދީނީ ނައްޞުތަކުގެ އަލީގައި އިސްލާމްދީނާއި ހިންދޫޒަމް" މިމަޥްޟޫއަށް އިންޑިޔާގެ ބެންގަލޯރުގައި ބޭއްވީ ބައްދަލުވުމަކީވެސް ވަރަށް ފާހަގަކުރެވޭ ބަޙުޘެކެވެ. މިބަޙުޘު ބޭއްވިފައިވަނީ 21 ޖެނުއަރީ 2006 ވަނަ އަހަރުއެވެ. މިބައްދަލުވުމުގައި މި ދެޢަޤީދާގެ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

22 ފެބްރުއަރީ 2009 ވަނައަހަރު އިންޑިޔަން އެކްސްޕްރެސް އިން އިންޑިޔާގެ އެތަށް ބިލިޔަން މީހުންގެ ތެރެއިން ހޮވި ، "އިންޑިޔާގެ އެންމެ ބާރުގަދަ ސަތޭކަ މީހުން 2009" ގެ ލިސްޓުން 82 ވަނަ ރޭންކް ޑރ. ޒާކިރު ޢަބުދުލްކަރީމް ނައިކަށް ލިބިވަޑައިގަތެވެ. އަދި އިންޑިޔާގެ ދީނީމީހުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ 10 މީހުންގެ ތެރެއިން 3 ވަނަ ލިބިވަޑައިގަތެވެ. އެއީ ބާބާ ރާމަދޭވް އަދި ސިރީ ސަރ، ރަވީ ޝަންކަރަށް ފަހުއެވެ. އެލިސްޓްގައި ހިނެމޭ ހަމައެކަނީ މުސްލިމަކީ އޭނާއެވެ.

މިލިސްޓްގައި ހިމެނުނު 8 މުސްލިމުންގެ ތެރެއިން ، ވަޢްޡާއި ދީނީ އިރުޝާދު ދެއްވާ ހަމައެކަނި ބޭފުޅަކީ ޑރ. ޒާކިރު ނައިކެވެ. މިލިސްޓްގައި ދެން ހިމެނިފައިވަނީ ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ ޒިންމާދާރު މީހުންނާއި ބާރުގަދަ ވިޔަވާރިވެރިންނާއި ފިލްމީ ތިން ޝަޚުޞިއްޔަތެވެ.

ދީނީ އަދި ރޫޙީ ލީޑަރުންގެ ތެރޭއިން އެލިސްޓްގައި ހިމެނުނު ހަމައެކަނި މުސްލިމަކީ ޑރ. ޒާކިރު ނައިކެވެ. 2009 ގެ ލިސްޓުން އޭނާއަށް 3 ވަނަ ލިބިވަޑައިގަތެވެ. 2010 ވަނައަހަރުގެ ދީނީ އަދި ރޫޙީ ލީޑަރުންގެ ލިސްޓުން އެންމެ ކުރި ލިބިވަޑައިގަތެވެ.

އެމެރިކާގެ ޖޯޖްވޮޝިންޓަން ޔުނިވަރސިޓީން ހޮވި ދުނިޔޭގައި މިހާރުތިއްބެވި އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓްގައި ވެސް ޑރ. ޒާކިރު ނައިކު ހިމެނިވަޑައިގަތެވެ.

1994 ވަނައަހަރު ކޮންޕްރޭޓިވް ރިލިޖަންގެ ރޮނގުން ދުނިޔޭގައި މަޝްހޫރުވެގެންދިޔަ އަލްމަރުޙޫ ޝައިޚް ޢަޙުމަދު ދީދާތު ޑރ. ޒާކިރު ނައިކަށް ދެއްވާފައިވާނަމަކީ "ދީދާތު ޕްލަސް" އެވެ. 04 މެއި 2000 ވަނަ އަހަރު، ދަޢްވާއާއި ކޮންޕަރޭޓިވް ރިލިޖަންގެ ރޮނގުގައި ޑރ. ޒާކިރު ޢަބުދުލްކަރީމް ނައިކު ކުރައްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ބޭއްވި ޖަލްސާގައި ދީދާތު ވިދާޅުވެފައިވެއެވެ. " މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ދަރިފުޅާއެވެ. އަހަރެމެން ސާޅީސް އަހަރުން ކުރި މަސައްކަތް ތިބާ ތިޔަވަނީ 4 އަހަރުގެ ތެރޭގައި ފުރިހަމަ ކޮށްނިންމާލާފައެވެ."

ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުތަކުގެ ޓީވީ ޗެނަލްތަކުން ޢާންމުކޮށް ޑރ. ޒާކިރު ނައިކު ފެންނަމުންދާނެއެވެ. ޓީވީންނާއި ރޭޑިޔޯއިންދަނީ އޭނާގެ އިންޓަވިއުތައް އަބަދުވެސް ގެންނަމުންނެވެ. އޭނާގެ ސަތޭކައަށްވުރެ ގިނަ ތަޤުރީރުތަކާއި ބަޙުޘުތަކާ ދީނީ ނަޞޭހަތްތައް، ޑީވީޑީއާއި ސީޑީގެ ޒަރިއްޔާއިން ލިބެންއެބަހުއްޓެވެ. މީގެ އިތުރުން އޭނާއަކީ އިސްލާމްދީނާއި ކޮންޕަރޭޓިވް ރިލިޖަންގެ ރޮނގުގައި ވަރަށް ގިނަ ފޮތްތަކެއް ލިޔުއްވި މުއައްލިފެކެވެ.

Read more...

Thursday, April 8, 2010

ހަޑިހުތުރު ބަހުން މާތްﷲ އަށާއި ރަސޫލާއަށް މުޚާތަބު ކުރުމުން


ހަޑިހުތުރު ބަހުން މާތްﷲ އަށާއި ރަސޫލާއަށް މުޚާތަބު ކުރުމުން
އަޅުގަނޑު ތަފާތު ގައުމުތަކުގެ މީހުންނާއިއެކުވެސް ދީނުގެ ވާހަކަ އާއި ސިޔާސީ ވާހަކަ ދައްކާ ހަދަމެވެ. އެހެންނަމަވެސް ދިވެހީންގެ ތެރެއިން ދިމާވި މުސްލިމު ނޫން މީހުންނާއި އެމީހުންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ވަރަށް ތަފާތެވެ. ތަފާތަކި ގަދަރު ކުރުމުގެ ތަފާތެވެ. ދިވެހީންގެ ތެރއިން މިފަދައިން ދިމާވާ މީހުން ހަމަ ސީދާ ރަސޫލާއަށް ވެސް ނިސްބަތް ވާހަކަ ދައްކަނީ އެންމެ ބާޒާރުމަތީ ބަހުރުވައިންނެވެ. ބޭރު މީހުން ވަހަކަދެއްކުމުގައި ގަދަރުކުރެއެވެ. މިތަފާތު ހުރުމުންދިވެހި މުސްލިމު ނޫން މީހުންގެ ބޭނުން އަޅުގަނޑަށް އިހްސާސް ކުރެވެއެވެ.
މިވަގުތު ދިވެހި ގައުމުގެ ކަންތައްތައް މިދާގޮތުން އަދި މާގިނަ ދުވަހެއްނުވެ މިފަދަ މީސްމީހުންނަށް އާންމު ތަންތަނުގައި ދީނާއި އިދިކޮޅަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބޭނެކަމަށް ބެލެވެއެވެ. ދިވެހި މުސްލިމުންނަށް އަޅުގަނޑުގެ ނަސޭހަތްތެރިވާނީ މިފަދަ މީސްމީހުންނާއި ދިމާވެ ވާހަކަ ދައްކަން ޖެހުނަސް ރުޅި އިސްނުކުރުމަށެވެ، ނޭނގޭ ހިސާބަށް ދިޔުމުން ތިމަންނާއަށް ތިސުވާލުގެ ޖަވާބެއް ނޭނގެއޭ ބުނެ ނިންމާލުމަށެވެ، ފަހުން ، އެނގޭ ކަމަށް ގަބޫލު ކުރެވޭ މީހަކާއި ސުވާލު ކުރާށެވެ، ހަޑިހުތުރު ބަހުން މާތްﷲ އަށާއި ރަސޫލާއަށް މުޚާތަބު ކުރުމުން އެކަން އެހެން ނުކުރުމަށް އެދޭށެވެ . ދެންވެސް ހުއްޓާނުލިއްޔާ އެމީހެއްގެ ކައިރިން ދުރުވެގަންނާށެވެ. އަދި އެއްވެސް ގޮތަކަށް އެއްވެސް ހާލަތެއްގައި ހަޑިހުތުރު ބަހުން އެއިން މީހަކާއި މުޚާތަބު ނުކުރާށެވެ. އިސްލާމް ދީނަކީ ތަޅާފޮޅުމަށް ބާރުއަޅާ ދީނެއްކަން ދެއްކުމަކީ އެމީހުންގެ ފުރަތަމަ މަގުސަދެވެ. މި ފުރުސަތު ހަމަ ހިލާ ނުދޭށެވެ.

Read more...

Wednesday, April 7, 2010

އޭކަން - ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި އަގެއް ނެތް


އޭކަން - ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި އަގެއް ނެތް
އަލްއަޚް އިބްރާހީމް ނާޒިމް
ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި އެއްވެސް މަޤަބޫލުކަމެއް ނެތް، އަޚުލާޤު ނުބައި، ސިފަ ހުތުރު މީހަކަށް ވިޔަސް އެ މީހަކީ ހުތުރުބަސްތައް ބޭނުންކޮށްގެން ލަވަކިޔާ އަދި ނުބައި ވައްތަރުތައްޖައްސަމުން ނަށާ މީހެއް ކަމުގައި ވަނީނަމަ ދިވެހީންގެ ބައެއް މީހުންނަށް އެއީ މާ މޮޅު މީހެއްކަމުގައި ވަނީތާ އެވެ. ގޮތްކުޑަކަމާއި ވިޔާނުދާ ކަންތައްތައް ކުރުމުގައި ޙައްދުފަހަނާއަޅާފައި ހުރި ރެޕް ލަވަތައް ކިޔާ އޭކަން (Akon) ސްރީލަންކާއަށް ގޮސް ކުޅެންއުޅުނު ނާޗަރަންގީގަނޑު ވަނީ އެ ޤައުމުގެ ސަރުކާރުން ހުއްޓުވާފަ އެވެ.
އޭކަން އެޤައުމަށް އެތެރެވުމަށް ބޭނުންވާ ވިސާ ނުދިން ސަބަބެއް ކަމުގައި ސްރީލަންކާގެ ސަރުކާރުން ބުނެފައި ވަނީ މުޅި ޤައުމުގެ އަމަނު އަމާންކަމާއި މަސްލަޙަތު ޙިމާޔަތްކުރަންޖެހޭތީ ކަމުގަ އެވެ. މިހެން ކަންހިނގިއިރު އޭކަންގެ ކޮންސެޓް އިންތިޒާމްކުރާ ފަރާތުން ވަނީ ލަންކާ ރައްޔިތުންގެ ތެރެއިން އެތައް ބަޔެއްގެ ފައިސާކޮޅު ނުޙައްޤުން ފޭރިގަތުމަށްޓަކައި 25000 (ފަންސަވީސް ހާސް) ރުޕީސްއަށް ޓިކެޓެއްގެ މަގުން އެތައް ހާސް ޓިކެޓެއް ވިއްކާފަ އެވެ. ލަންކާއިން އޭނާގެ އައުވާނުންތައް ބޭރުކޮށްލުމުން މިހާރު މިބައިމީހުން ޤަޞްދުކުރަނީ ދިވެހިރާއްޖެ އައިސް ހާލިހަދާ ބިސްފީކުރާށެވެ. ދިވެހީންގެ މުނިފޫހިފިލުވާދިނުމުގެ ނަމުގައި 1000 ދިވެހި ރުފިޔާއަށް ޓިކެޓެއް ވިއްކައިގެން، މުސާރަކޮޅު މަދުވެގެން މި ހަޅޭއްލަވާ ދިވެހީންގެ އޭޕްރިލްމަހުގެ މުސާރައިން ބޮޑު ޕަސެންޓެއް ދަމައިގަންނާށެވެ. ހީލަތާއި މަކަރުން، ނޫންނަމަ ވަގަށާއި ދިގަށާއި، އެންމެހާ ނާޖާއިޒް ގޮތްގޮތުން ގިނަ އަދަދެއްގެ ފައިސާ ބައްކުރާ މީހަކީ އަގުހުރި މީހެއް ކަމުގައި ވަންޏާ އެންމެ އަގުބޮޑު މީހަކީ ޤާރޫނެވެ. އެހެނީ އޭނާގެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުމަށް އެކަނި ވެސް ނުވަ ޖަމަލު ބޭނުންވި އެވެ. އޭނާގެ ވަށައިގެން ކަސްބީ އަންހެނުންތައް އެނބުރެމުން ދިޔަ އެވެ. މީހަކު އެއީ އަގުހުރި މީހެއްކަމުގައި ބަލާ މިންގަނަޑަކީ މިއީ ކަމުގައިވަންޏާ ޤާރޫނާ އަޅާބަލާއިރު މުއްސަނދިކަމާއި ކަސްބީ އަންހެނުންގެ މަޤަބޫލުކަން ލިބުމުގައި އޭކަން އަށް ދޭންޖެހެނީ ސުމެކެވެ.
ސްރީލަންކާ ސަރުކާރުން އޭކަން އެ ޤައުމުގައި ޝޯވ ދިނުން މަނާކުރި ސަބަބަކީ އޭނާގެ މިޔުޒިކް ވީޑީއޯތަކުގައި ބުޑިސްޓުންނަށާ ބުއްދާއަށް މަލަމާތް ރައްދުވާކަހަލަ މަންޒަރުތަކެއް ހިމަނާފައި ވާތީ އެވެ. އޭކަން ސްރީލަންކާގައި ޝޯވް ބާއްވަން އުޅޭ ޚަބަރު ލިބުމާއެކު އެ ޤައުމުގެ ބުޑިސްޓުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތައް މައްޗަށް ނުކުމެ އޭނާ ލަންކާއަށް ނައުމަށް ގޮވާލާ މުޒާހަރާކުރަން ފަށައިގެންފަ އެވެ. އޭކަންއާއި ދެކޮޅަށް އެންމެ އިސްކޮށް ކެމްޕޭން ފަށާފައި ވަނީ ސްރީލަންކާގެ ނެޝަނަލް މަންކްސް އެސޯސިއޭޝަނުންނެވެ. މިއީ ލަންކާގެ ބުޑިސްޓު ފާދިރީންގެ ޤައުމީ ޖަމިއްޔާ އެވެ. ލަންކާގެ ޓޫރިޒަމް މިނިސްޓަރު ބުނާގޮތުން އޭކަންގެ ކޮންސެޓް މަނާކުރުމުން ހަޔެއްކަ ހާސް ޓުވަރިސްޓުން އެ ޤައުމަށް ގެއްލުނެވެ. ސްރީލަންކާގެ ބުޑިސްޓުން އެމީހުންގެ ދީނަށް ކުޑައިމީސް ބަހެއް ރައްދުކޮށްފި މީހަކަށް، އެމީހަކީ ކޮންމެ މީހެއް ކަމުގައި ވިޔަސް ނަފުރަތުކުރާ މިންވަރަކީ މިހިރީ އެވެ. އެކަމަކު ދިވެހި 'މުސްލިމުންގެ' ހާލަކީ ކޮބައިތޯ އެވެ؟ އެމީހެއްގެ ލަވައިގެ ލިރިކްސްތަކުގައި ފާހިޝް ކަންތައްތަކަށް ގޮވުމާއެކު އިސްލާމްދީނަށް މަލާމާތް ރައްދުވާފަދަ ބަސްތައް ހިމައިގެން ލަވަކިޔާ އޭކަން ނަގާ މަތިފަޑީގައި ބައިންދަން މުސްލިމް ދިވެހީން މަރުދަންޖެހެނީ އެވެ.
މާލޭގެ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކޮންސެޓް ކުރިޔަށްދާއިރު އޭކަންގެ ޚާއްސަ ހަށިފާރަވެރިންގެ އިތުރުން ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ދާން ހަމަޖެހިފައި އޮތީ ދިވެހި ފުލުހުންނާއި މި ރާއްޖޭގެ ޤައުމީ ދިފާއީ ބާރުތަކުންނެވެ. މިހެންކަމުން މި ހާޖާނުގަނޑަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިންނާއި އެމް.އެން.ޑީ.އެފް އިން ކުރަންޖެހޭނީ ކިހާ ވަރެއްގެ ޚަރަދެއްކަމެއް އަދި ނޭނގެ އެވެ. ދުނިޔޭގެ އެތަންމިތަނުގައި އުޅޭ ދީނެއް މިއްލަތެއް ނެތް ހިޕީންނާއި ކަސްބީ އަންހެނުންތައް މި ނާޗަރަންގީ ގަނޑުގައި ބައިވެރިވާން މިތަނަށް އަންނަގޮތަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން މިޔުޒިކް ޝޯވ ފެށޭ ދުވަހު ރިސޯޓްތަކުގައި ތިބި ފަރަންޖީންތައް މާލެ އަރާނެ ކަމުގައި ވެއެވެ. މިފަދަ ޝޯވތައް ހިނގަމުންދާ ތަންތަނުގައި ޔޫރަޕްގެ މީހުން އުޅޭ ވިޔާނުދާ ގޮތްތައް އެއީ ޓީވީ ޗެނަލްތަކުން ވެސް ފެންނަ މަންޒަރުތަކެކެވެ. ތަނުއެޅި ކުނާ ހެދިގެން އަންހެނުން ބިކިނީގައި މައިދާންތަކުގައި ފިރިހެނުންނާ އެކީ 'އޮށޯވެލައިގެން' ތިބޭތަން ފެންނަނީ މަދެއްކޮން ނޫނެވެ. މިކަން އިންތިޒާމްކުރާ ހައިރައިޒް ކުންފުނިން އައްޑު އަތޮޅާއި ފުވައްމުލަކުގެ ރައްޔިތުން މި ފާހިޝް ކަންތައްގަނޑުގެ ތެރެއަށް ގަންބާލުމަށް އެ އަތޮޅުތަކަށް ގޮސް ޓިކެޓް ވިއްކަން އެބައުޅެ އެވެ. ޓިކެޓާއެކު ދަތުރުފަތުރުގެ ކަންތައް ހަމަޖައްސާދިނުމެއް ނޯވެ އެވެ. ޓިކެޓް ވިއްކެނިކޮށް އެ ނިމުނީ އެވެ. ޓިކެޓް ގަންނަ މީހުން ޝޯވ ބަލަން މާލެ ނާދެވުނަސް އަދި މާލެ އައުމުން ހުންނާނެ ތަނެއް ނުލިބުނަސް ވަރިހަމަ އެވެ. އޭކަން ދެކިލަން މާލެ އަންނަން އަނބިމީހާ ތެޅިގަންނަތަނުން ފިރިމީހާ ރަތަށްއަރައިގެން އެތަކެއް ވަރި މިފަހަރު ކުރެވޭނެ އެވެ.

އަމިއްލަ އުމުރު އޮޅުވާލައިގެން ނުވަތަ ސިއްރުކޮށްގެން އުޅޭ އޭކަން އަކީ އެމެރިކާގެ ރައްޔިތެއް ނަމަވެސް އެފްރިކާ ބައްރުގައިވާ ސެނެގޯލް އިން އެމެރިކާއަށް 1968ގައި ހިޖުރަކޮށްގެން އައިސްއުޅުނު މޯ ޗާމް (Mor Thiam) ނަމަކަށް ކިޔުނު މީހެއްގެ ދަރިއެކެވެ. އޭކަންގެ މަންމަ ކައިން (Kine) އަކީ 1972ވަނަ އަހަރު އެމެރިކާއަށް ނަށަން ގެނެވުނު ސެނެގޯލްގެ ކަސްބީ އަންހެނެކެވެ. އޭކަން އުފަންވެފައި ވަނީ އެދެމީހުން ކައިވެނިކުރިފަހުން ކަމެއް ނުވަތަ އޭގެ ކުރިންކަމެއް އެނގޭކަށް ނެތެވެ. އޭކަން އޭނާގެ އުފަން ދުވަސް ސިއްރުކޮށްގެން އުޅޭ ސަބަބަކީ މިއެވެ. މިހާރު އޭކަން އުޅެނީ އޭނާގެ އަސްލު ނަން ވެސް އޮޅުވާލަންވެގެންނެވެ. އުމުރުން 7 އަހަރު ވަންދެން އޭކަން ގެންގުޅެފައި ވަނީ ސެނެގޯލްގަ އެވެ. އޭގެ ފަހުންވެސް އެތަކެއް ފަހަރު ސެނެގޯލް އަށް އޭނާ ފޮނުވާލެވިފައި ވެއެވެ. އެމެރިކާގައި ތަފާތު އެތަކެއް ޖަރީމާތައް ހިންގައިގެން އޭކަން ޖަލަށްލެވުނީ ކިތައްފަހަރުކަން ބުނާކަށް ޚުދު އޭނާއަކަށް ވެސް ނޭނގެ އެވެ. މިއަދު ދެ ކަންފަތުގައި މުދިލާފައި ކަރުގައި ފަށްއަޅާފައި ހުންނަ އޭކަން އަކީ ނުކިޔަވާހުރި ޖާހިލެކެވެ. އެއްވެސް ތަޢުލީމެއް ލިބިފައި ނެތުމުގެ ނަތީޖާއަކަށްވީ ކުރިޔަށްދެވެން ހުރި ގިނަ މަގުތައް އޭނާއަށް ބަނދުވުމެވެ. މިހެންކަމުން ވައްކަންކުރުމާއި ހީލަތްހެދުން ނޫންކަމެއް އޭނާގެ ޙަޔާތުގެ ކުރީކޮޅު ކުރެވިފައެއް ނެތެވެ. އެއްފަހަރަކު ތިން އަހަރުވަންދެން ޖަލުގައި ހޭދަކުރިފަހުން މިޔުޒިކްގެ 'ހުނަރުތައް' އޭނާއަށް 'އިލްހާމްކުރެއްވީ' ކަމުގައި އޭނާ ހީކުރެ އެވެ. ޖަލުން މިނިވަންވުމާއެކު ގޭގައި މިނާގެ 'ކުނިބުނިތައް' ރެކޯޑްކޮށްގެން އެތަން މިތަނަށް ފޮނުވައިގެން ލަވަކިޔަން ފުރުޞަތެއް ލިބޭތޯ އެކި ފަރާތްތަކުގައި އާދޭސްކުރަންފެށި އެވެ. މިހެން އުޅެނިކޮށް އެސް.އާރު.ސީ އަދި ޔުނިވާރސަލް ރެކޯޑްސްތައް އުފައްދާ މީހުންގެ ލޮލުގައި އޭކަން އަޅައިގަތެވެ. މިހެންކަމުން 2004ގެ ޖޫންމަހު އެބައިމީހުން އޭނާގެ ގޮތްކުޑަ ބަސްތަކުން ލަވަހަދާފައިވާ 'ޓްރަބުލް' ނަމަކަށް ކިޔުނު އަލްބަމް ނެރެދިނެވެ.
އޭކަން އާއި މެދު އަރާފައިވާ އެތަކެއް ހުތުރު އަޑުތަކުގެ ތެރޭގައި ތިން ވަގުއަނބިން ގެންގުޅެމުން ދިޔަކަން ފާހަގަކުރެވިފައި ވެއެވެ. މިއީ އަދި އޭނާގެ ވަގުތީ އުފަލަށްޓަކައި ގާތުގައި ގެންގުޅުނު އެތަކެއް ނާސި އަންހެނުންނެއްގެ އިތުރުންނެވެ. މި ބުނާ ވަގުއަނބީންނަށް 6 ކުދީން އޭނާގެ ފަރާތުން ލިބިފައިވެއެވެ. އެމެރިކާގައި ނުކުންނަ ބްލެންޑާ (Blender) ނަމަކަށްކިޔުނު މަޖައްލާއަށް އޭކަން ދިން ބަސްދީގަތުމެއްގައި ވަގުއަނބީންގެ ގޮތުގައި ތިން އަންހެނުން ގެންގުޅޭކަން ދޮގުކޮށްފައި ވެއެވެ. އެކަމަކު ތަފާތު 3 އަންހެނުންގެ ކިބައިން 6 ކުދީން ލިބިފައިވާކަމަށް އެއްބަސްވެފައި ވެއެވެ. އޭކަން ދީނެއް ޤަބޫލުކުރާކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެ ދީނަކީ ކޮބައިކަމެއް ނުބުނެ އެވެ. އޭކަން ފަދަ ގިނަ މީހުންނަކީ އެބައިމީހުން ދީނެއްކަމުގައި އަމިއްލައަށް ހަދައިގެންއުޅޭ ކަލްޓްތަކަށް ތަބާވާ މީހުންނެވެ. ދުނިޔޭގައި ހަމައާއި ނަހަމަ ބަލައިގެން ދިރިއުޅުމަކީ މިފަދަ މީހުން ދަންނަކަމެއް ނޫނެވެ. އެވަގުތަކު އެމީހުންގެ ހަވާނަފްސު އެދޭގޮތް އެއީ އަބަދުވެސް ރަނގަޅުގޮތެވެ. ބައެއް ޣައިރު މުސްލިމުން ތުހުމަތުކުރާގޮތުގައި އޭކަން އަކީ މުސްލިމެކެވެ. ދުނިޔޭގެ އެތަކެއް ޤައުމެއްގައި އޭކަންގެ ލަވަތައް ޓޮޕް ޗާޓްތަކަށް ނާރާ ވާހަކައެއް ނުބުނަމެވެ. އަދި އޭނާއަށް ލަވަކިޔައިގެން މަޝްހޫރުކަން ނުލިބޭ ވާހަކައެއް ވެސް ނުބުނަމެވެ. އެކަމަކު 6 ފަހަރަށް ގްރެމީ އެވޯޑަށް ނޮމިނޭޓްވީއިރު (ނަންހުށަހެޅުނުއިރު) އެންމެފަހަރަކުވެސް ގްރެމީ އެވޯޑް ހާސިލްކުރެވިފައެއް ނުވެ އެވެ. ދުނިޔޭގައި މިޔުޒިކާއި ލަވައިގެ ރޮނގުން އެތަކެއްފަހަރު ގްރެމީ އެވޯޑް ލިބިފައިވާ 'ފަންނާނުންނާ' އަޅާބަލާއިރު އޭކަން އަކީ އަދި ނުފިރުކޭ ތުއްތު ކުއްޖެކެވެ. ޙައިރާންވާންޖެހޭ ކަމަކީ މިވަރުގެ މީހެއްގެ ހިޔަންޏަށް ދިވެހިން މުޑިނަގާތީ އެވެ.
އޭކަން އަކީ ހުޅަނގުގެ މީހުން މި ބަލާ މިންގަނޑުން ބުނާނަމަ 15 އަހަރުގެ 'ކުޑަކުއްޖަކަށް' ޖިންސީގޯނާކޮށްފައި ހުރި މީހެކެވެ. އަދި މިކަމެއް ކޮށްފައި ވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ނައިޓް ކްލަބެއްގެ ސްޓޭޖް މަތީގަ އެވެ. މިކަންކުރިތަން ވަނީ ވީޑިއޯ ވެސް ކުރެވިފަ އެވެ. ޔޫޓިއުބަށް ލެވިފައި ހުރި މި ވީޑިއޯ މިހާރު ވަނީ ނެގިފަ އެވެ. އޭކަން ބެހުނު އަންހެން ކުއްޖަކީ ފާދިރީއެއްގެ ދަރިއެއްކަމުގައިވާ ދީނާ އަލޭނެ އެވެ. އެކުއްޖާގެ ވެސް ކުށަކީ ހަމައެކަނި 21 އަހަރުން މަތީގެ މީހުން ވަނުން ހުއްދަ ތަނަކަށް ޤަވާޢިދާ ޚިލާފަށް ވަނުމެވެ. މާލޭގައި އޭކަންގެ ޝޯވ ކުރިޔަށްދާއިރު އަނެއްކާ މިފަދަކަމެއް ނުހިނގާނެބާއޭ ހިތަށްއަރަ އެވެ. މިކަމާގުޅިގެން އެތަކެއް ރޭޑިޔޯ އަދި ޓީވީ ޗެނަލްތަކުން ވަނީ އޭކަންގެ ލަވަތައް ފޮނުވުން ހުއްޓާލާފަ އެވެ. އެތަކެއް މަޝްހޫރު މޯބައިލް ފޯނު ކުންފުނިތަކުން ވެސް ވަނީ އޭކަންގެ ލަވަތަކުގެ ރިންގްޓޯން ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ހުއްޓާލާފަ އެވެ.

އެއްފަހަރަކު އޮސްޓްރޭލިޔާގެ މެލްބާރންގައި އޭކަން ބޭއްވި ޝޯވއެއްގައި ގޭންގުތަކުގެ މާރާމާރީއެއް ފެށުނެވެ. މިތަން ފެނުމާއެކު އޭކަން ވެސް ތަޅާފޮޅަމުން ދިޔަ މީސްތަކުންގެ ތެރެއަށް ފުންމާލައިގެން އެ މާރާމާރީގައި ބައިވެރިވި އެވެ. މިހެންވުމުން އެކަންތައް ފަސޭހައިން މައިތިރިކުރެވުމުގެ ބަދަލުގައި އިތުރަށްވީ ނުބަ އެވެ. ތަޅާފޮޅުމުގެ ހާޖާނުގަނޑު ނިމުނުއިރު އެތައް ބަޔަކު ހޮސްޕިޓަލަށް ގެންދަންޖެހުނެވެ. މިހެންވުމުން އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އޭކަން އެ ޤައުމުގައި ޝޯވދިނުން މަނާކޮށްފަ އެވެ. މި ހާދިސާއަށް ދެ އަހަރުވީފަހުން އޮސްޓްރޭލިޔާއިން އޭކަން އެ ޤައުމުގައި ޝޯވދިނުން ހުއްދަކުރުމާމެދު ވިސްނާނެކަމުގައި ބުނެފައި ވެއެވެ. އޭކަން އަކީ ޖަރީމާތަކުގެ ދިގު ރެކޯޑެއް އޮންނަ މީހަކަށް ވާތީ ކިތަންމެ ޤައުމަކުން މަސްލަހަތަށްޓަކައި އޭނާގެ ކޮންސެޓްތައް އެ ޤައުމުތަކުގައި މަނާކުރުމާމެދު ވިސްނަމުން ދެއެވެ. ދިވެހި ސަރުކާރުން ވެސް މިފަދައިން ވިސްނާ އޭކަންއަށް ދިވެހިރާއްޖޭގައި ކޮންސެޓް ބޭއްވުމުގެ ހުއްދަ ނުދިނުން ވަރަށް ބޭނުމެވެ. މާރާމާރީ ގޭންގުތަކުގެ އަދަދު 30އަށް އަރާފައިވާ މާލޭގައި އޭކަންގެ ޝޯވް ހިނގަމުންދާ ވަގުތު ހިނގާނީ ކޮން ކަންތައްތަކެއްކަން މި ވަގުތު ލަފާކޮށްފައި ބުނެލަން ނޭނގުނަސް އެނގޭ އެއްކަމެއް އެބަ އޮތެވެ. ގާތްގަނޑަކަށްހެން ޔަޤީނާ ގާތަށް ބުނަން އެނގެނީ އޭކަންގެ ޝޯވ މާލޭގައި ހިނގަމުންދާ ވަގުތު ވައްކަންކުރުމާ، ފޭރުމާ، ތޫނު އެއްޗެތިން ހަމަލާދިނުން އިތުރުވާނެ ކަމެވެ. އެހެނީ އޭކަންގެ ކޮންސެޓް ހިނގަމުންދާ ތަނުގައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ދިވެހި ޤައުމީ ދިފާއީ ބާރުގެ ސިފައިންނާއި ފުލުހުން ކަސްތަޅުއެޅޭނެތީ އެވެ. މިހެންވުމުން މުޅި މާލެ އޮންނާނީ ޑްރަގް ގޭންގުތައް ބޭނުންކަމެއް ކުރަން ހިތަކަށް ލިބިފަ އެވެ. ފުލުހުން ބުނާގޮތުން މިދޭތެރެއަކުން ބޮޑު ދެ ސިޔާސީ ޕާޓީގެ މެންބަރުންގެ މެދުގައި މާލެތެރޭ ހިނގާދިޔަ ތަޅާފޮޅުންތައް ކޮންޓްރޯލްކުރަން އެބައިމީހުން އަވަދިނެތި އުޅެންޖެހުމުން ގޭންގްތަކުން ހިންގާ ޖަރީމާތައް އިތުރުވެގެން ގޮސްފައި ވެއެވެ.
2007ގެ ޖޫން 3ވަނަ ދުވަހު ނިއުޔޯކް ސްޓޭޓްގެ ޑަޗަސް ސްޓޭޑިއަމްގައި އޮތް ޝޯއެއްގައި ފުރާވަރު އުމުރުގެ ފިރިހެން ކުއްޖަކު އޭކަން ކިޔަމުންދިޔަ ލަވަ ނިމުމާއެކު އެކަމުގެ ފޯރީގައި ސްޓޭޖް އާއި ދިމާއަށް އެއްޗެއް އެއްލި އެވެ. އެއްލީ ކޮންއެއްޗެއްކަން ރަނގަޅަކަށް ނޭނގެ އެވެ. ބައެއް މީހުން ބުނާ ގޮތުން އެއީ ފިލާކޮޅެކެވެ. އަނެއްބަޔަކު ބުނާގޮތުގައި އެއީ މިނެރަލް ވޯޓަރ ހުސްކުރި ކުޑަ ޕްލާސްޓިކް ފުޅިއެކެވެ. ކޮންމެއަކަސް މި އެއްޗެއް ދިޔައީ އޭކަންގެ ގައިގައި ނުޖެހި އޭނާގެ ކޮނޑުމަތިންލާފަ އެވެ. މިކަމާ އޭކަން އައީ އަމަށަކު ރުޅިއެއް ނޫނެވެ. މައިކްރޮފޯނުން ބާރަށް އެއީ ކާކުހޭ އެމީހަކު ގެންނާށޭ ގޮވާ ހަޅޭއްލަވަން ފަށައިފި އެވެ. މިހެންވުމުން ސެކިޔުރިޓީ ގާޑުންގެ ތެރެއިން ބަޔަކު ގޮސް އެއްކަލަ ފިރިހެން ކުއްޖާ ސްޓޭޖް ކުރިމައްޗަށް ހާޒިރުކޮށްފި އެވެ. ދެން އޭކަން އެންގީ އެ ކުއްޖާ ސްޓޭޖް މައްޗަށް އަރުވާށެވެ. އެރުވުމުން އޭކަން ކަންތައްކުރި ގޮތަކީ ލައިގެންހުރި ޓީޝާޓް ބާލާފައި، ކަރުގައި އޮތް ޗޭނުގަނޑު ނަގާފައި އެއްކަލަ ކުއްޖާ ހުރަހަށް ނަގާ ކޮނޑުމައްޗަށްލީ އެވެ. އެއަށްފަހު އެ ކުއްޖާ ނަގާ ސްޓޭޖުން އެއްފަރާތަކަށް، ކުޅިބަލަންތިބި މީހުންތަކުގެ ތެރެއަށް ހޫރުވާލީ އެވެ. ފުލުހުން މި ހާދިސާގެ ވީޑިއޯ ބެލުމަށްފަހު ނިންމީ ކުޑަކުއްޖަކަށް އަނިޔާވާކަހަލަ ކަމެއް ގަޞްދުގައި ކުރި ކަމަށެވެ. މިހެންކަމުން މި މައްސަލަ އިތުރަށް ތަޙުޤީޤުކޮށް ޝަރީޢަތަށް ފޮނުވުނެވެ. މިކަމާގުޅިގެން 3 ޑިސެމްބަރު 2007ގައި އޭކަން ކޯޓަށް ހާޒިރުކުރެވި އޭނާއާއިމެދު ކުރެވޭ ދައުވާތަކުގެ އަޑުއެހުމެއް ބޭއްވުނެވެ. މިހިރީ އެ ބުނާ މަޝްހޫރު މިޔުޒިކީ 'ފަންނާނުން' ކުދިކުދި ކަންތައްތަކުގައި ހަމައިންނެއްޓިގެންދާވަރެވެ. އަވަސް އަވަހަށް 'ރަތަށްއަރާ' މިބާވަތުގެ މީހުންނާ މަސްތުވާތަކެއްޗާ ކޮންމެވެސް ހިސާބަކުން އޮންނާނީ ގުޅިފަ އެވެ. ގުޅަބޭސް ނޫނިއްޔާ ނޭފަތަށް ތިކިޖައްސާ 'ފެނެއް' ނަމަވެސް ބޭނުންކުރާނެ އެވެ. އެކަމަކު މިއަދު އޭކަންގެ ހަޔާތާއި ބެހޭ މަޢުލޫމާތުތައް ދުނިޔޭގެ ވެބްސައިޓްތަކުގައި ލިޔެވިފައި ވަނީ ވީހާވެސް ރީތިވާނެހެން ކޮށާމަށާ، އޮމާންކޮށް، އޮފްކޮށްގެންނެވެ. މިއަދު މިހެން މިކަންހުއްޓަސް މާދަމާވެސް މި ހުރިހާކަމެއް އެކޮޅުކޮޅުންޖެހި އޭކަންއަކީ ދުނިޔޭގައި ތިބި އެންމެ ނުބައި މީހުންގެތެރޭގައި ހިމެނޭ މީހަކަށް ހުޅަނގު ދުނިޔޭގައި ވެގެން ހިނގާދާނެ ގޮތެއް އެބަ އޮތެވެ. އެގޮތަކީ އޭނާ އިސްލާމް ދީނަށް އެނބުރި، އެ އުޅެމުން އަންނަ ވިޔާނުދާ ދިރިއުޅުން އެއްކޮށް ދޫކޮށްލައިފި ނަމަ އެވެ. ފެންނަގޮތުން މިކަމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެކަމަކު މިފަދަ ގޮތަކަށް ކަންތައް ނުވާނެއޭ ބުނާކަށްނުވާނެތާ އެވެ. އެހެނީ 1992ގެ މާރޗްމަހު ހެވީވެއިޓް ބޮކްސިން ޗެމްޕިޔަން މަޝްހޫރު މައިކް ޓައިސަން ވަނީ 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލުމުގެ ކުށުގައި 6 އަހަރަށް ޖަލަށްލެވިފަ އެވެ. ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ޓައިސަން ވަނީ އިސްލާމްވެފަ އެވެ. މިއަދު އޭނާ އުޅެމުން އަންނަނީ ހެޔޮލަފާ ދިރިއުޅުމެކެވެ. އަދިވެސް ދުނިޔޭގައި މިފަދަ މިސާލުތައް ބައިވަރު ފެންނަން އެބަހުއްޓެވެ.
އަންހެނުންގެ 'ޙައްޤުތައް' ހޯދާދިނުމާއެކު އަންހެނުން 'މިނިވަންކުރަން' ގޮވެލިފަތި ގޮވާއުޅޭ މީހުންގެ ތެރެއިން މަޝްހޫރު ތިން މީހަކު ވަނީ އޭކަން އަންހެނުން ނިކަމެތިކުރާކަމަށް ބުނެ އޭނާއަށް ފާޑުކިޔާފަ އެވެ. އެކަމަކު އޭކަން އަކީ މަޝްހޫރު މިޔުޒިކީ 'ފަންނާނެއްކަމުން' މި ގޮވެލިފަތި ވަނީ ދުނިޔޭގެ މީސްތަކުންގެ ތެރޭގައި ވައިގަހިފާގޮތް ނުވެފަ އެވެ. އެކަމަކު ފެމިނިސްޓުން ވަނީ އޭކަންގެ މިޔުޒިކް ވީޑިއޯތަކުގެ އެތަކެއް ފުޓޭޖްތައް އެއްކޮށްގެން އެކަމުގެ 'ހެކިތައް' ދައްކާފަ ޔޯލަ އެވެ. މީގެ އިތުރުން ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ނައިޓްކްލަބްގައި ހިނގާދިޔަ ހާދިސާ އާއި 3 އަނބީން ގެންގުޅޭ މައްސަލަ ވެސް މިކަމުގެ 'ހެއްކެއް' ކަމުގައި ފުދޭކަމަށް އެމީހުން ބުނެ އެވެ. އަބަދުވެސް އަންހެނުންނަށް އިހާނެތިކޮށްހިތާ ބަޔަކީ ޠާލިބާން ފިކުރުގެ މުސްލިމުން ކަމުގައި ދެއްކުމަށް ދުނިޔޭގެ އެންމެހާ ލާދީނީ މީސްތަކުން ތިބެނީ ރަނގަޅަށް ފޫގަޅާ ތައްޔާރުވެގެންނެވެ. އެކަމަކު އެމީހުންގެ ތެރެއިން މީހަކު އެފަދަކަމެއް ކުރަމުންދާނަމަ އެއީ ނުފެންނަކަމަކަށް ހަދައެވެ. ގޮތް ބަލާލަން ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔަކު އޭނާގެ ލަވައެއްގެ ލިރިކްސްގައި ނުވަތަ ލަވައެއްގެ ވީޑިއޯއެއްގައި ދުނިޔޭގައި ޔަހޫދީން ކުރަމުން އަންނަ ނުބައި ކަންތައްތަކަށް ކުޑަކޮށް ނިކަން އިޝާރާތްކޮށްލަބަލާށެވެ. ދެން އެހާހިސާބުން އެ 'ފަންނާނަކަށް' ދުނިޔެ ކުޑަވެ ޖަލަކަށް ވެގެންދާނެ އެވެ. މީޑިޔާ (ޚަބަރުފަތުރާ ވަސީލަތްތައް) އެމީހެއްގެ ފަހަތުން އަޅައިގަންނާނެ އެވެ. ދެން އަބަދުވެސް އޭނާއާއި މެދު އިވޭނީ ހުސް ހުތުރު އަޑުތަކެވެ. އެހެނީ ދުނިޔޭގައި މީހުން މޮޅުކޮށް އަދި ނިކަމެތިކޮށް ހެދުމަށް މީޑިޔާ ކޮންޓްރޯލްކުރަނީ ޔަހޫދީންކަމުގައި ވާތީ އެވެ. މީސްތަކުންގެ ފަރާތުން މަޤަބޫލުކަމާ މަޝްހޫރުކަން ބޭނުންނަމަ ޔަހޫދީން ކޮންޓްރޯލްކުރާ މީޑިޔާއަށް މުނިފޫހިފިލުވާދޭ 'ފަންނާނުން' ވަނީ ބަރޯސާކުރަންޖެހިފަ އެވެ.


މާލޭގައި ބާއްވަން މި އުޅޭ އެކަންގެ ނާޗަރަންގީގަނޑު ދެމިގެންދާނީ ކިތައް ރެޔަށްކަމެއް އަދި ނޭނގެ އެވެ. އެންމެ ޝޯވއެއް ބޭއްވިކަމުގައި ވިޔަސް އެއްރޭގެ ހަތަރުދަން ހޭދަވާނީ އެކަންތަކުގަ އެވެ. ވިޔާނުދާ ގޮތްގޮތަށް އުޅެން ކެރޭ، ރީތި އަންހެން ކުދީންނަށް ޓިކެޓް ގަނެދޭނެ މީހުން މިފަހަރު ތިބޭނެ އެވެ. އަދި ޝޯވ ނިމުމުން ރެސްޓޯރަންޓަށް ވެސް ގެންގޮސްދޭނެ އެވެ. އޭކަން ގޮވާލީމާ ސްޓޭޖް މައްޗަށް އަރާ އޭނާ އާއި އެކު 'ނަށާލަން' ކެރިއްޖެ ހުއްސަރިބައި ޒުވާން އަންހެނަކަށް އޭކަންގެ ގަނޑުވަރުތަކުގެ ދޮރުތައް ހުޅުވުނީ އެވެ. އޭރުން ދެން އޭކަން އެންމެ އަވަހަށް އެހެން ޤައުމެއްގައި ބާއްވާ ކޮންސެޓަކަށް ގޮސް އެތަނުގެ ސްޓޭޖްގައި 'ކޮރުޖެއްސުމުގެ' ހުރިހާކަމެއް ހިލޭ ހަމަޖެހުނީ އެވެ. އަދި އެ އަންހެނެއްގެ ނަސީބު އައިސް އޭނާގެ އަތުގައި ހިފީ އެވެ. "ރަންޏާ ތިޔަ ނުކުމެވެނީ އަތޮޅުގެ އެންމެ ކުރިޔަށޭ" ވެސް ބުނީ ކަނބާ އައިޝާ އެވެ. އަތޮޅުގެ އެންމެންނަށް ލިބެން އަންނަ ހުތުރެއް މިފަހަރު ފިލުވާލަދޭނީ ކޮން 'ރެހެންދިއެއް' ކަމެއް އަދި ނޭނގެ އެވެ.

Read more...