Monday, March 29, 2010

ޒަވާޖީ ޙަޔާތް ކާމިޔާބު ކުރަމާތޯ؟


ޒަވާޖީ ޙަޔާތް ކާމިޔާބު ކުރަމާތޯ؟
އަނާރާ ނަޢީމް
ހަލަބޮލި ކާރޫބާރުބޮޑު މަގެކެވެ. އެމަގުގެ މެދެއްހާ ހިސާބުގައި ލޯފަންމީހަކު، އޭނާއަށް އެމަގުން ސަލާމާތްވާނޭ މަގުދައްކައިދޭނޭ އެއްވެސްދަލީލެއް ނެތްހާލުގައި ހުއްޓެވެ. އޭނާގެ ވަށައިގެން ފަރާތަކުންވެސް ބޮޑެތިލޮރީތަކާއި ކާރުތަކާއި ސައިކަލްތައް ދުއްވަމުންދެއެވެ. އެފަދަ ހާލުގައި އެނިކަމެތި މީހާ އުނދަގުލާއި ނާއުއްމީދު އެކުލެވޭ ހާލު އެނުރައްކާތެރި ތާނގައި ހުއްޓެވެ. ކުރިޔަށް ނުވަތަ ފަހަތަށް ޖެހިލިޔަސް ވަނީ ނުރައްކަލެވެ.
މިފަދަ ހިތްދަތި ޙާލެއް ޖެހިފައިވުމުން އޭނާ ވިސްނާލިއެވެ. އަހަރެން މިގޮތަށް އުޅޭތާ ކިހާދުވަހެއްހެއްޔެވެ. އަހަރެންނަށް މިފަދަ ނުރައްކާތަކުން ސަލާމަތްވެވެން އޮތީހަމަ އެންމެ ދެގޮތެކެވެ. ފުރަތަމަގޮތަކީ: ލޮލުގެ އޮޕަރޭޝަންކުރާ މޮޅު ޑޮކްޓަރެއްގެ ކައިރިން ފަރުވާކޮށް ﷲގެ ވާގިފުޅާއެކު އަހަރެންގެ ލޮލަށް ޝިފާލިބުމެވެ. އެއިރުން އަހަރެންގެ ލޯ އަނބުރާ ލިބުނީއެވެ. އަދި އެފަދަ ނުރައްކާތަކުން ސަލާމަތް ވާނެއެވެ. ދެވަނަގޮތަކީ: އަހެންމީހަކު އައިސް އަހަރެންގެ އަތުގައި ހިފައިގެން އަމާންތަނަކަށް އަހަރެން ގެންގޮސްދިނުމެވެ. އެއިރުން އަހަރެންނަށް އަމާންކަން ލިބޭނެއެވެ. މިދެގޮތްނޫން އެހެން ކޮންމެގޮތެއް ޚިޔާރުކުރިޔަސް އޭނާއަށް ނުރައްކަލާ ކުރިމަތިވާނެކަމަށް އޭނާދެކެއެވެ. އޭނާގެ ޚިޔާލު ވަރަށް ތަނަވަސް އެހެން ނޫންތޯއެވެ.

މިދަންނަވާލީ ކަމަކާ އެއްފަދަ ކުރުމުގެގޮތުން ޖަހާލި މިސާލު ޙާދިޘާއެކެވެ. އަސްލު މައުޟޫ އައިގެން ކުރިޔަށް ދާނަމެވެ. އެޙާދިޘާގައި އުޅުނު ލޯފަންމީހަކީ ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ ނޫރުން އަލިކަން ނުލިބިވާ ކޮންމެ މީހެކެވެ. އެފަދަ މީހުންނަށް އިޝާރާތް ކުރައްވައި ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވެއެވެ. "(ކާފިރުކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަން ރަސްކަލާނގެ އެމީހަކު ދިރުއްވައި މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއް ލެއްވި މީހަކާއި އަނދިރީގެތެރޭގައި ނުނުކުމެ ހުންނަ މީހަކާއި އެއްފަދަވާނޭ ހެއްޔެވެ؟ ހަމައެފަދައިން ކާފިރުންނަށް އެމީހުންކޮށްއުޅުނު ޢަމަލުތައްވަނީ ޒީނަތްތެރިކޮށްދެވިފައެވެ." (ސޫރަތުލް އަންޢާމް:221).

އިސްވެ ދެންނެވުނު އާޔަތުގައި ބަޔާންކޮށްފައިވާ ނޫރަކީ ކީރިތި ޤުރުއާނެވެ. އެއާޔަތުގައިކޮށްފައި އެވަނީ ތަފްސީލީ ޖަވާބެއް ބޭނުންވާފަދަ ސުވާލެކެވެ. އަދި އެގޮތުން އޭގެ ނަތީޖާއާ ހަމައަށް ވާސިލްވެވޭނެއެވެ. އިސްވެދަންނަވާލެވުނު މިސާލީ ވާހަކަގައި އޭނާހުރި މަގުން، ދުއްވާފައިދިޔަ ބޮޑެތި ޕިކަޕްތަކާއި ކާރުތަކާއި ސައިކަލްތަކަކީ ދިރިއުޅުއްވުމުގެ ޙަޔާތުގައި ކުރިމަތިވާ އެންމެހާ މައްސަލަތަކެވެ. ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލައްﷲ ޢަލައިހިވަސައްލަމްގެ ސުންނަތް ރަނގަޅަށް ނުދަންނަ މީހާ އެ މައްސަލަތަކާއި ކުރިމަތިލުމަށް ވަރަށް ބޮޑު ދަތިތަކާއި އުނދަގޫ އުފުލަންޖެހެއެވެ. އަދި ތާކުންތާކު ނުޖެހޭ ކުޑަކުޑަކަމެއް ބޮޑު މައްސަލައަކަށް ހަދާލެވެއެވެ. އެހެނީ އޭނާއަށް ކުރިމަތިވަމުންދާ އެންމެހާ މައްސަލަތަކުގެ ޙައްލުކަމުގައި (ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތް) އޭނާވަނީ ދޫކޮށްލާފައެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙަޔާތުގައި ދިމާވާ މިފަދަ މައްސަލަތަކުގެ ތެރެއިން މައްސަލައަކަށް އަލިއަޅުވާލާނަމެވެ. މިސާލަކަށް ވަރީގެ މައްސަލައަށް ބަލާލަމާ ހިނގާށެވެ. ކައިވެނީގެ ފުރަތަމަ 2 ތިން އަހަރުތެރޭގައި ވަރިކުރާ ނިސްބަތް އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި މިވަނީ ވަރަށް ބޮޑުތަން މައްޗަށްގޮސްފައެވެ. އެކަމުގެ ސަބަބަކީ ކޮބައިކަން އެނގިލައްވާތޯއެވެ؟ ސަބަބަކީ ކައިވެނިކުރާ ދެމަފިރިން އެ ކައިވެނިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އިސްލާމްދީން ރުހޭފަދަ ލަނޑުދަނޑިއަކަށް ނުވުމެވެ. އަދި ފިރިމީހާ އަނބިމީހާ އިޚްތިޔާރުކުރާގޮތާއި، އަދި އަނބިމީހާ ފިރިމީހާ އިޚްތިޔާރުކުރާގޮތްވެސް ބިނާވެފައިއޮންނަނީ އިސްލާމްދީން ރުހޭގޮތަކަށް ނުވުމެވެ. އެހެންކަމުން އަނބިމީހާއާއި ފިރިމީހާގެ ގުޅުން ކިލަނބުވެ ހައްދުފަހަނައަޅާދެއެވެ. ފިލިޖެހިފައިނުވާ އަކުރުތަކެއްފަދައިންނެވެ. ހުރިހާކަންތައްތަކެއް އޮޅުންބޮޅުންވެ މަސްހުނިވެއެވެ. އަދި އެކަމުން ރައްކާތެރިވުމަށް ބޭނުންކުރެވެނީ މާނައެއްނެތް ލަފްޒުތަކެކެވެ. ނުވަތަ ޙައްދުފަހަނައަޅާފައިވާ ބަސްތަކެކެވެ. މިހާހިސާބަށް ކަންތައްދިޔުމުން ފިރިމީހާ އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފަންފަށައެވެ. އަދި އަނބިމީހާއަށް، ކައިވެންޏަކީ ހުރަގެއްގައި ބަންދުވުންކަމުގައި ހީކުރެވި، އެކަމުން ސަލާމަތްވާން ބޭނުންވެއެވެ. އަދި އެކަމުން ސަލާމަތްވުމަށް މަސައްކަތްފަށައެވެ. މިދެންނެވި ދެގޮތަކީ ކީރިތިޤުރުއާނާ ރަސޫލާގެ ސުންނަތުގައިވާގޮތާ ޚިލާފު ދެގޮތެކެވެ.

ވިސްނުމަކާނުލާ ކަންތައްތައްތައް ކުރުމުން ޢާއިލީ ޖައްވުގައި ދިމާވާ ކުދިކުދި ކަންތައްތައް ބޮޑެތި މައްސަލަތަކަށް ބަދަލުވެއެވެ. އަދި ގޮތްދޫނުކުރުމުގެތާޖު ބޮލުގައި އެޅެއެވެ. އަދި އެކަކު އަނެކަކަށް އޯގާތެރިވެ ރަހުމްކުރުމުން މަނާވެ ގަނެއެވެ. އަދި އެމާތް މަތިވެރި ގުޅުން ބަރުބާދުވުމަށް މަގުތަނަވަސްވަމުންދެއެވެ. އަންހެނަކާއި ފިރިހެނަކާއި ދެމެދުވާ ގުޅުމުގެ ނަމަކަށް އިސްލާމްދީން ނަންދީފައިވާ "ވަރުގަދަ އަޙުދު" ގެ އަގު ދަށްވެގެންދެއެވެ.

ކައިވެނީގެ ޙަޔާތުގެ ލަނޑުދަނޑިއަކީ އަންހެނަކާ ފިރިހެނަކާ ދެމެދު އޯގާތެރިކަމާއި، ލޯތްބާއި، ހަމަހިމޭންކަންއޮތުމެވެ. އަދި ކައިވެނީގެ ގުޅުމަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އަސާސްތަކާއިނުލާ އެލަނޑިދަނޑި ޙާޞިލެއްނުވާނެއެވެ. އަދި އެ އަސާސްތަކާނުލާ މިފަދަބޮޑުކަމަކާ ކުރިމަތިވުމުން އެއީ ނުބައި ހުވަފެނަކަށް ނުވަތަ ނުރައްކާތެރި އެކްސިޑެންޓަކަށް ވެދާނެއެވެ. އެ އެކްސިޑެންޓުގެ ސަބަބުން އާއިލާގެ ހުރިހާ އަފްރާދުންނަށް ގެއްލުންލިބެއެވެ. އަނބިމީހާއާ ފިރިމީހާއާ ހިސާބުން ފެށިގެންގޮސް ހުރިހާ މައްސަލައެއް ނިމޭހިސާބަކީ ދަރިންކަމުގައިވެއެވެ.

އަދި މިފަދަ ޙާލެއްޖެހިފައިވާ މީހަކަސް، ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި އަލިމަގެއް ފެނިދާނެއެވެ. އެއީ އިސްވެ ބަޔާންކުރެވުނު ލޯފަންމީހާ ފަދައިން އަމިއްލަ ނަފްސަށް ޤުރުއާނާއި ރަސޫލާގެ ސުންނަތް އުނގަންނައިދީ ތަންދޮރުދަންނަ މީހަކަށްވެގެންނެވެ.

އަދި ހަމައެފަދައިން ޢާއިލާތައް ހަރުދަނާކުރުމަށްޓަކައި މުސްލިމް އަންހެނުންނަށްވެސް ކުރެވިދާނެ ވަރަށް ގިނަކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އިސްލާމީ އުއްމަތުގެ މުސްތަޤުބަލަށްޓަކައި ކޮންމެ ދުވަހަކުވެސް ވަޤުތުކޮޅެއް ހޭދަކުރެވިދާނެއެވެ. އެގޮތުން އިސްލާމީ މުޖުތަމަޢަށް ކުރިމަތިވެފައިމިވާ މައްސަލަތަކުން މީސްތަކުން ސަލާމަތްކުރުމަށްޓަކައި އެހީތެރިވުމުގެގޮތުން ކައިވެނިކުރާ އުމުރުގެ އަންހެންކުދިންނަށް ކައިވެންޏާބެހޭގޮތުން އިސްލާމްދީނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ދެވިދާނެއެވެ. އަދި ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށާއި އެހެން އަންހެނުންނަށް އިސްލާމްދީނުގެ ދެ އަޞްލުކަމުގައިވާ ޤުރުއާނާއި ސުންނަތުން ކައިވެނީގެ ޙުކުމްތައް ބުނެދީ، އަމިއްލައަށް އެ ޙުކުމްތައް ދެނެގަންނަން މަސައްކަތް ކުރުމަށް އިރުޝާދު ދެވިދާނެއެވެ. މިގޮތުން ގެއެއްގައި ކުޑަމަޖްލިސެއް ހަދާލައި، ނުވަތަ ފޯނުންވިޔަސް ބުނެދެވިދާނެއެވެ. އެހެން ބަޔަކަށް ބުނެދޭއިރު އެންމެ އިސްކަމެއްދޭންޖެހޭނެކަމަކީ އެ ދެވޭ ނަސޭޙަތަކީ ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށްވުމެވެ.

މީހަކު ބުނުން އެކަށީގެންވެއެވެ. "އެހެންމީހަކަށް ބުނެދެވޭވަރަށް ތިމަންނައަކަށް ކައިވެނީގެ ޙުކުމްތަކެއް ނޭނގެއެވެ." މައްސަލައެއް ނެތެވެ. ތިބާ އެ ޙުކުމްތައް ދަސްކުރާށެވެ. ކޮންމެ ހަފްތާއެއްގައިވެސް 3 ގަޑިއިރެއްހާއިރު ކައިވެނީގެ ޙުކުމްތައް ދަސްކުރާށެވެ. އެއީ ފޮތަކުން ނުވަތަ ޓީވީއިން ނުވަތަ ރޭޑިއޯއިން ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އަދި އުނގެނުނު އެއްޗެއް އެހެންމީހުންނަށް ބުނެދިނުމަށް ހަފްތާއަކު 4 ގަޑިއެއްހާއިރު ހޭދަކުރާށެވެ.

އަދި އެހެނިހެން ރޮނގު ރޮނގުންވެސް ޢިލްމު އުނގެނޭށެވެ. މުހިއްމުކަމަކީ އެހެންމީހުންނަށް ތެދުމަގު ދައްކައިދުނުމުގައި ތިބާ ބައިވެރިވުމެވެ. އަދި މުޖުތަމަޢުން ވަރީގެ މައްސަލަ ކުޑަކުރުމެވެ. ޤުރުއާނާއި ސުންނަތުގައި ކައިވެނީގެ ޙުކުމްތަކޭ ބުނި ބަހުގެ މާނައަކީ: ކައިވެނީގެ ލަނޑުދަޑިތަކާއި ކައިވެނި ޞުލްޙަވުމުގެ ޝަރުޠުތަކާއި، ކައިވެނީގެ ޙައްޤުތަކާއި ވާޖިބުތަކާއި، އަދަބުތަކާއި ކައިވެނީގެ ހުރިހާ މަރުޙަލާއެއްގައިމެ ހުންނާނޭ ސިފަތަކެވެ. މިގޮތުން ކައިވެނިކުރަންބޭނުންވާ ދެމީހުން ފުރަތަމަ ބައްދަލުވެ ތަޢާރަފްވީއްސުރެ ކައިވެނީގެ ހުށަހެޅުން ޤަބޫލުކުރުމާއި ކައިވެނީގެ އެއްބަސްވުމާއި އަކައިވެނި ބިނާކުރުމެވެ. ހަމައެފަދައިން އެކިއެކި މައްސަލަތައް ކުރިމަތިވާހިނދު އެކަންހައްލުކޮށް، މައްސަލަތައް ދުރުކުރުމަށް މަސައްކަތްކުރާ މިންވަރު އެކަކު އަނެކެއްގެ ކިބައިން ދެނެގަތުމެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވެފައިމިވާ މައްސަލަތަކު ތެރެއިން ވަރީގެ މައްސަލަވެސް މިވަނީ ބޮޑު މައްސަލައަކަށްވެފައެވެ. ޚާއްޞަކޮށް ވަރިވުމުގެ އަޞްލު ސަބަބަކީ އަނިޔާވެރި މައްސަލަތަކެއް ނުވަތަ ދާއިމީ ދެބަސްވުންތަކެއްގެ ސަބަބުން އެއްވެސް އިޚްތިރާމަކާނުލާ ކުރެވުނު ވަރިއެއްނަމަ އެކަމުގެ ސަބަބުން ހިތާމައާ ހިތްދަތިކަމާ ކުރިމަތިލާންޖެހިފައިތިބި ޅަދަރީންތަކެއް ވާނެއެވެ. އަދި އެކުދީންނަކީ ކުދިކުދި ކަންތަކާ ބިރުގަންނަ، މުޖްތަމަޢާ ރައްޓެހިނޫން މުޖުތަމައާ ޢަދާވާތްތެރި ބަޔަކަށްވުމީ ވަރަށް ގާތުގައިވާކަމެކެވެ. ނުވަތަ ވިސްނުމާ ސުލޫކަށް ނޭދެވޭ އަސަރުކޮށްފައިވާ ބަޔަކަށް ވެދާނެކަމަށް ނަފްސާނީ ޢިލްމުވެރިން ވިދާޅުވެއެވެ.

އެއީ އެކުދިން ކުޑައިރު ޢާއިލީ މާޙައުލުން ކުރި ނޭދެވޭ އަސަރުގެ ސަބަބުންނެވެ. އެކަމަކު ހިތާމައަކީ މިކަންތައްތައް މިދެންނެވިފަދަގޮތަކަށް ވަމުންދާކަމެވެ.

މުޖުތަމަޢު ބޭނުންވަނީ ވަރި މަދު ކުރާށެވެ. އަދި އަންހެނުންނާއި ފިރިހެނުންވެސް ދިރިއުޅުމުގެ މައްސަލަތައް ޙައްލުކުރާނެގޮތް ދެނެގަނު އެކަމުންރައްކާތެރިވާށެވެ.

ވަރީގެ ސަބަބުން ދަރިންނަށްކުރާ ނޭދެވޭ އަސަރުތަކުން އެދަރިފުޅުގެ މައިންބަފައިންނަށް ބަރީއައެއް ނުވެވޭނެއެވެ. އަދި ވަރިވާ އަންހެނާއަށާ ފިރިހެނާއަށްވެސް ނޭދެވޭ އަސަރު ކުރެއެވެ. އަދެމީހުންނަށްމެ ބާއްޖަވެރި އައުޒަވާޖީ ޙަޔާތެއް ފެށުމަށް އުނދަގޫވެއެވެ. އެއީ ކައިވެނީގެ ޙަޔާތުގައި ހިތި ތަޖުރިބާއަކާ ކުރިމަތިވެފައިވާތީއެވެ. އަދި އޭނާއަކީ މީހަކާއިނދެ ވަރިކޮށްފައިވާ މީހަކަށްވާތީއެވެ.

އިސްވެ ދެންނެވުނު ވާހަކަތަކާމެދު ފުންކޮށް ވިސްނާލާށެވެ. އަދި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންނާއި މުޖްތަމަޢާއި، ޤައުމާއި އުއްމަތުގެ މުސްތަޤުބަލް އުޖާލާކުރުމަށްޓަކައި، ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގެ އަލީގައި ޢާއިލާ ބިނާކުރަމާތޯއެވެ. އަދި ކައިވެނީގައި ހިތި ތަޖުރިބާއެއް ކުރެވިފައިވާ މީހެއްނަމަ، އިސްލާމްދީން އަންގަވާފައިވާގޮތަށް އަލުން އާ ފެށުމަކާއެކު ފަށަމާހިނގާށެވެ. އެކަން އެގޮތަށް ކުރަންތިބި ބަޔަކީ ހަމަ އަޅުގަނޑުމެންނެވެ.

=ދަރުމަ މަޖައްލާގެ 2005 ގެ ނޮވެމްބަރު މަހުގެ ޢަދަދުން ނަގާފައި=

Read more...

Friday, March 26, 2010

ނޫސްބަޔާން ޤައުމީ އަދި ރަސްމީ


ނޫސްބަޔާންޤައުމީ އަދި ރަސްމީ
ޖިބުއެ

http://jibue.blogspot.com
މާލެ/ދިވެހި ރާއްޖެ

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރޭޑިޔޯޚިތާބުގައި އިސްލާމްދީނަށް ގޮންޖަހާފައިވާތީ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރުން
No: Jibue!/0012/20/2010
ނޫސްބަޔާން ޤައުމީ އަދި ރަސްމީ

ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށް ވާއިރު އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން އިސްލާމްދީނާއި ޚިލާފަށް އެއްވެސް ކަމެއް މީހަކު ކޮށްފިނަމަ ކުށްވެރި ވާނެކަން އެގެން އޮތްއިރު، ރައީސުލް ޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިތާބުގައި އިސްލާމްދީނަށް ޖޯކްޖަހައި ތިމާ ހިތުހުރިހާ ވާހަކައެއް ދައްކައި ޣައިރުދީނަށް ވަށްބަހުން ގޮވަމުން ނަގަމުން ހަޅޭލަމުން ގެންގޮސްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި ރައީސުލް ޖުމްހޫރިއްޔާއަކީ މިހާރު ޤާނޫނު އަސާސީގެ ދަށުން ރައީސެއް ނޫންކަމާއި އެއީ އާދައިގެ އޮށްކަޅު މީހެއްކަން މިފުރުސަތުގައި އެންމެހާ މީހުންނަށް ހަނދާންކޮށްދެމެވެ. ޤާނޫނު އަސާސީއާއި އިސްލާމްދީނާއި ޚިލާފަށް އެއްވެސް ވާހަކައެއް ނުވަތަ ޢަމަލެއް ހިންގާ ދުވަހުން ފެށިގެން ތިމާއަކީ ރައީސެއް ނޫންކަން ޚުދް އައްނިއަށްވެސް އެނގޭނެއެވެ.
ސައޫދީއަރަބިއްޔާގައި ކިޔަވާ ހުރިހާ ދިވެހިންނާއި މެލޭޝިޔާ އަދި މިސުރު އަދި ޕާކިސްތާން އިންޑިއާ އަދި ލަންކާ އަދި އޮސްޓްރޭލިޔާގައި ކިިޔަވާ ހުރިހާ ދިވެހި އިސްލާމުންނަށް އަޅުގަނޑު ގޮވާލާނީ މި ޚަބަރުތައް އެމީހަކު އެހުރި ހިސާބަކުން އެތަނެއްގެ ނޫސްތަކުގައި ޖަހައި އިންޓަރނޭޝަނަލް ކޮމިނިޓީން މިކަން ކުއްވެރި ކުރުމަށެވެ.

އަޅުގަނޑު ޖިބުއެ ، ދިވެހި ސަރުކާރުގެ ހައްދުފަހަނައަޅާފައިވާ މިޢަމަލު އެންމެ އެންމެ ހަރުކަށި ޢިބާރާރުން ކުއްވެރިކޮށް ދިވެހި ހުރިހާ ސިފައިންނާއި އަދި ހުރިހާ އިސްލާމުންނަށް ގޮވައިމިލަނީ މިހާރުން މިހާރަށް މި ދެމީހުން ހައްޔަރުކޮށް ޝަރީޢަތް ކުޅައުމަށެވެ. އަދި ދަންނަވަމެވެ. އިސްލާމިކް އެފެއާޒްގެ އެންމެހާ ލޮބުވެތި ޝޭޚުންނާއި ޢަދާލަތުގެ ލޮބުވެތި ޝޭޚުން މިކަމުގައި މިހާރުން މިހާރަށް ފިޔަވަޅުއަޅައި މިކަން ވަގުތުން ހުއްޓުވުމަށް ގޮވާލަމެވެ. މިކަން ވަކިގޮތަކަށް ނިމެންދެން ޑީއޯ ވަގުތީގޮތުން ބަންދުކުރުމަށް ވަގުތީ އަމުރު ނެރެދެއްވުމަށް ދިވެހިރާއްޖޭގެ އަދްލް އިންސާފު ޤާއިމު ކުރުމުގެ ނިޒާމުގެ ވެރިން އާދެ! ޝަރުޢީ ސްޕްރީމް ކޯޓުން ނުހަނު އިޚްލާސްތެރި ކަމާއިއެކު އެދެމެވެ. އަދި ސަރުކާރާއި ދިވެހި ރައްޔިތުން ޖެހޭ ޤައުމުގެ މަސްލަޙަތު ގެއްލޭކަހަލަ މިފަދަ ނުބައި ޢަމަލުތަކުން މުޖްތަމަޢް ރައްކާތެރި ކުރުމަށް ދިވެހި ހިއުމަން ރައިޓްސްއަށްވެސް ހަރު އަޑުން ގޮވާލަމެވެ.

މީގެ އިތުރުން އަޅުގަނޑު ޖިބުއެ މިކަން ކުއްވެރިކޮށް ގޮވާލާފައިވާތީ އެކަމާއި ވިދިގެން އެއީ މިނިވަން ނޫސްވެރިކަމެއްކަމަށް ދޭހަވާފަދަ އިބާރާތަކުން އެކަން ދިފާޢްކުރަން މަސައްކަތްކުރި އެންމެހާ ޚިޔާނާތްތެރި ފަރާތްތަކާއި އެކަމުގައި މިއޮށްހާދުވަހު ހަނުހިމޭނުން ތިބި ދިވެހި ފުލުހުން އަޅުގަނޑުގެ ބަޔާނާއި ގުޅިގެން ނޫސްބަޔާން ނެރި އެމީހުން ކޮށްފައިވާ ހުވަޔަކީ އިސްލާމްދީން އެންމެހާ މާނައިގާ ހިމާޔަތް ކުރުން ތޯ ނުވަތަ އިސްލާމްދީނަށް ޖޯކްޖަހާ މީހުންގެ ޙިމާޔަތުގައި ސިޔާސީ ނޫސްބަޔާން ނެރުމަކީތޯ ސާފުކޮށްލަންވެސް މިފުރުސަތުގައި ފިސާރި ކެރިގެން ގޮވާލަމެވެ.
.
27/މާރޗް/2010


ޖިބުއެ
http://jibue.blogspot.com

Read more...

Tuesday, March 9, 2010

އަސާސް ދެނެގަތުން


އަސާސް ދެނެގަތުން
އަލްއަޚް މުޙައްމަދު ޝާފިޢު
ކޮންމެ ޢިލްމެއްގެވެސް އަސާސްތަކެއް ވެއެވެ. އެއީ އެ ފަންނެއްގެ ޢިލްމުގެ ތަޅުދަނޑިއެވެ. އެކިއެކި ފަންނުތަކުގެ ޢިލްމު ޙާޞިލްކުރުމުގައި ގަދައަޅައި މަސައްކަތްކުރާ މީހުންނަށް ޢިލްމުގެ މޭވާގެ ފޮނިރަހަ ލިބޭނީ ޢިލްމުގެ އޮށް އިންދައިގެންނެވެ.
ކޮންމެ ޢިލްމެއްގެވެސް އަސާސްތަކެއް ވެއެވެ. އެއީ އެ ފަންނެއްގެ ޢިލްމުގެ ތަޅުދަނޑިއެވެ. އެކިއެކި ފަންނުތަކުގެ ޢިލްމު ޙާޞިލްކުރުމުގައި ގަދައަޅައި މަސައްކަތްކުރާ މީހުންނަށް ޢިލްމުގެ މޭވާގެ ފޮނިރަހަ ލިބޭނީ ޢިލްމުގެ އޮށް އިންދައިގެންނެވެ.
ހިސާބު ޢިލްމުގައި ކުރިޔަށް ދާން ބޭނުންވާ މީހަކަށް ނުވަތަ މެތެމެޓިޝަނަކަށް ވާން ބޭނުންވާ މީހަކަށް ހިސާބުގެ ޢަދަދުތައް ގުނަން އެނގެންޖެހޭނެއެވެ. އެއްކުރުމާއި ކެނޑުމާއި ގުނަކުރުމާއި ގެއްލަން އެނގެންޖެހޭނެއެވެ. އަދި ނަވަތަ އެނގެންޖެހޭނެއެވެ. ހިސާބު ޢިލްމުގައި ޑިގްރީ ނެގިޔަސް މާސްޓަރސް ހެދިޔަސް އަދި ޕީއެޗްޑީ ނެގިޔަސް މި ޤާޢީދާތަކުގެ ބޭނުންކުރަންޖެހޭނެއެވެ.
ހަމަ މިބީދައިން، އެންމެ މުހިއްމުކަމެއްގެ ގޮތުގައި އަހަރެމެން އަބަދުވެސް ކުރަންޖެހޭ ކަންތަކަށް ވިސްނާލާއިރު، ހެއްދެވި ފަރާތަށް އަޅުކަންކުރުމަށްޓަކައި، ދީނުގެ ބޭސިކް ނުވަތަ އަސާސް އަހަރެމެންނަށް އެނގެން ކޮންމެހެން ޖެހޭނެއެވެ. އިސްލާމްދީނުގެ ބޭސިކް ނޭނގޭ މީހަކު ދީނަށް އުޅޭނީ ކިހިނެއްބާއެވެ؟ ދީނުގެ ބޭސިކް ނޭނގި އަހަރެމެން މީ މުސްލިމެކޭ ބުނުމުން ޙަޤީޤަތުގައިވެސް އަހަރެމެންނަކީ މުސްލިމަކަށް ވާނެ ހެއްޔެވެ؟ ނަވަތަ އަދި އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން ނޭނގޭމީހަކު ތިމަންނާއަކީ ހިސާބު ޢިލްމުވެރިޔެކޭ ހަމައެކަނި ދުލުން ބުނެލުމުން އެމީހަކީ ހިސާބު ޢިލްމުވެރިޔަކަށް ވާނެހެއްޔެވެ؟
ތިމަންމެންނަކީ މުސްލިމުން ކަމުގައި ބުނަމުންދާ ދިވެހީން، ﷲ ވޮޑިގެންވަނީ ކޮންތާކުހޭ އަހައިފިނަމަ، ޖަވާބުދޭން އެނގޭނީ ކިތައް ދިވެހީންނަށްބާވައެވެ؟ ތިބާ އާ އެސުވާލު ކުރެވިއްޖެނަމަ ތިބާ އެސުވާލަށް ދޭނީ ކޮން ޖަވާބެއްތޯއެވެ؟
ދީނަށް އުޅުމަށްޓަކައި، އެންމެ ކުޑަވެގެން ދީނުގެ ބޭސިކް ރޯފިލަން އެބަޖެހެއެވެ. އިސްލާމްދީނުގެ ބޭސިކްކަމުގައިވާ ތައުޙީދުގެ ކުޑަ މިންވަރެއްވެސް ނޭނގި، އީމާންކަން ހުރި މުސްލިމަކަށް ވާނީ ކިހިނެއްތޯއެވެ؟ އިސްލާމްދީނުގެ ބޭސިކަކީ ތައުޙީދެވެ.
އެހެންކަމުން ކޮންމެ ދިވެއްސަކުވެސް އިސްލާމްދީނަށް އުޅުމަށްޓަކައި ދީނުގެ އަސާސްތައް ދަސްކުރަންވެއްޖެއެވެ.

Read more...

Sunday, March 7, 2010

ޒަވާޖީ ޙަޔާތުގެ ނައު


ޒަވާޖީ ޙަޔާތުގެ ނައު
މުޙައްމަދު ސިރުޙާން
ސިއްތިފުޅު ވިހެއީ ހުކުރުގައި، ނަންއެކީ ހޮނިހިރުގައޭ، މީހަކާއި ކައިވެނިކުރީ އާދިއްތާގައޭ، ހޯމަ ދުވަހ ބަލިވެއްޖެޔޭ، އަންގާރަދުވަހު ޙާލެއްނެތޭ، ބުދަދުވަހު މަރުވެއްޖެޔޭ، ވަޅުލީ ބުރާސްފަތި ދުވަހުގައޭ." މިއީ އަހަރެމެންގެ ޙަޔާތުގައި ދިމާވާ ތަފާތު ކަންކަމެވެ. މީގެ ތެރެއިން އެންމެ މުހިއްމު ދުވަސްވަރަކީ ކައިވެނީގެ ދުވަސްވަރެވެ. އެދުވަސްވަރަކީ އުފާވެރި ދުވަސްވަރަކަށް ވެއްޖެނަމަ މިދުނިޔަވީ ޙަޔާތް ކާމިޔާބުވީއެވެ. ކައިވެންޏަކީ ނަބީންނާއި ރަސޫލުންގެ ސުންނަތެކެވެ. އެއީ ﷲ ގެ ހެކިތަކުގެ ތެރެއިން ވާ ހެއްކެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.

" وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لأَََيَاتٍ لِقَوْمٍ يَتَفَكَّرُونَ (سورة الروم :21) "

"ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

ޒަވާޖީ ޙަޔާތުގެ ނަވަށް މަރުޙަބާއެވެ. މުޙައްމަދާއި އޭނާގެ ޙަޔާތުގެ ބައިވެރިޔާ ފާތުން އާ ދެމީހުންގެ ކައިވެނީގެ ޙަޔާތުގެ ނައުގެ ދަތުރު ފެށުނީ އެ ދެ މީހުން ކައިވެނި ކުރި ވަޤުތުން ފެށިގެންނެވެ. ކޮންމެ ދަތުރަކަށްވެސް ދަތުރުކުރާނެ އުޅަނދެއް ބޭނުންވެއެވެ. ޝައުޤުވެރިވާ އުޅަނދެއް ހޯދަންޖެހެއެވެ. ކޮންކަހަލަ އުޅަނދެއްތޯ ބަލަންޖެހެއެވެ. މުޙައްމަދުގެ ދެމަފިރީން ކައިވެނި ކުރީ ދެމީހުން ރުހި ޤަބޫލުވެގެންނެވެ. ޝައުޤުވެރިވެގެންނެވެ.
1- ޝައުޤުވެރިވުން

ދެމަފިރީންގެ ދެމެދުގައިވާ ޝައުޤު ވެރިކަމަކީ ޒަވާޖީ ޙަޔާތުގެ ނައުގެ ދަތުރު ފެށުމަށްޓަކައި ބޭނުންވާ ފުރަތަމަ ކަމެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަބޭފުޅުންނަށް ދިމާވާ ގޮތަކީ ކައިވެނިކޮށް މާ ގިނަދުވަސްތަކެއް ނުވަނީސް މިދެންނެވި ދެމަފިރީންގެ މެދުގައިވާ ޝައުޤުވެރިކަން ފަނޑުވާން ފަށަނީއެވެ. އެގޮތަށް ފަނޑުވަމުންގޮސް ޝައުޤުވެރިކަން އެކީ ގެއްލިގެން ވެސް ހިނގައިދާނެއެވެ. މިކަމުގެ ސަބަބުން ކައިވެނި ރޫޅިގެން ދަނީވެސް މަދުފަހަރަކު ނޫނެވެ. ކައިވެންނެއްގެ މިސާލަކީ ދިއްލާލެވިފައިވާ ހުޅުކޮޅެއްގެ މިސާލެވެ. އެ ހުޅުކޮޅު ކަނިވަމުން ކަނިވަމުންގޮސް އެއްކޮށް ނިވެނީއެވެ. އާދެ ޒަވާޖީ ޙަޔާތުގެ ނައުތައް ކަނޑުގެ އަޑިއަށް ދަނީއެވެ. ތިބާއަށްވެސް މިގޮތަށް ކަންދިމާވެފައިވުން އެކަށީގެންވެއެވެ. މާބޮޑަށް ފިކުރު ނުކުރައްވާށެވެ. އެއްވެސް ޝަރުޠެއްނެތި ތިމާގެ ޙަޔާތުގެ ބައިވެރިޔާއަށް ޝައުޤުވެރިވާށެވެ. ތިމާގެ ނަފްސާއި މުޚާތަބުކޮށް ބުނާށެވެ. "އަހަރެން އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއަށް ޝައުޤުވެރިވަމެވެ."

ކޮންމެ ދަތުރަކަށްވެސް ދަތުރުކުރާ މަންޒިލެއް ވާންޖެހެއެވެ. ނުވަތަ މަޤްސަދެއް ވާންޖެހެއެވެ.



2- މަޤްޞަދު



މާތް ﷲ އިންސާނާ ދުނިޔޭގައި ލައްވަވާފައިވަނީ އެއިލާހަށް އަޅުކަން ކުރުމަށް ޓަކައެވެ. ވީމާ އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަކީ އަޅުގަނޑުމެންގެ ޙަޔާތުގެ އެންމެ ފުރަތަމަ މަޤްޞަދަށް ހަދަންޖެހެއެވެ. އެފަރާތުގެ ރުހިވޮޑިގަތުން ހޯދުމަށް ތިމާ ކުރާ ކޮންމެ ކަމެއް ވާނީ އަޅުކަމަކަށެވެ. ﷲ ގެ ރުހިވޮޑިގަތުން އަހަރެމެންނަށް ލިބިއްޖެނަމަ އެއިލާހުގެ ރަޙްމަތުގެ ގޮވަތި ސުވަރުގެއަށް އަހަރެމެންނަށް ވާޞިލްވެވޭނެއެވެ. ދެމަފިރިއަކު މިދެންނެވިގޮތަށް ﷲ ރުއްސަވާމަގުގައި ދުނިޔޭގެ ޙަޔާތް ހޭދަކޮށްފިނަމަ އެ ދެމީހުން ސުވަރުގޭގައިވެސް ދެމަފިރިންގެ ގޮތުގައި ﷲ ލައްވަވައެވެ. އަހަރެމެންގެ ކައިވެނީގެ ޙަޔާތުގައި ދިމާވާ މައްސަލަތަކުގެ އަޞްލަކީ ﷲ ނުރުއްސަވާ ގޮތްގޮތަށް އަހަރެމެންނަށް އުޅެވުމެވެ. އަހަރެމެން ކުރާ ހުރިހާ ޢަމަލެއް ﷲ ބައްލަވާވޮޑިގެންވާކަމާއި ބުނާ ހުރިހާ ބަހެއް އައްސަވާވޮޑިގެންވާކަން އަހަރެމެން އަބަދުވެސް ހަނދާންކުރާނަމަ އެއިލާހު ނުރުއްސަވާ އެއްވެސް ކަމެއް އަހަރެމެންނަށް ކުރެވޭނެތޯއެވެ؟

ކޮންމެއަކަސް މުޙައްމަދުގެ ދެމަފިރީން ދަތުރުގެ މަޤްސަދު ކަނޑައަޅައިފިއެވެ. އަދި ދަތުރުގެ މަންޒިލް މަޤްޞޫދާ ހަމައަށް ވާޞިލްވުމަށް ޓަކައި ވަކި މަގެއް ކަނޑައަޅަން ޖެހެއެވެ. މިގޮތުން ދަތުރުކުރާ މަގު ބެލުމަށް ޓަކައި ގެންގުޅޭ ވަޞީލަތަކީ ސަމުގާއެވެ. ސަމުގާގެ ކަށި އަބަދުވެސް ހުއްޓިފައި ހުންނަނީ އުތުރަށެވެ.

3- ސަމުގާ

ދަތުރު ކުރަމުން ދާއިރު ރަނގަޅު މަގުން ކަސިޔާރު ވެގެން ދެވޭކަން އެނގެނީ ސަމުގާ ބެލީމައެވެ. އަހަރެމެންގެ މިޙަޔާތުގައި ރަނގަޅު މަގުދައްކައިދޭ ސަމުގާ އަކީ ކީރިތި ޤުރްއާނާއި ލޮބުވެތި ނަބިއްޔާގެ ސުއްނަތެވެ. ޤުރުއާނާއި ސުއްނަތަށް އެނބުރި ދިޔުމުން އަހަރެމެންނަށް ހައްޤުގެ މަގާ ދުރަށް ދެވިފައިވަނީ ކިހާވަރަކަށްކަން އެނގެއެވެ.

މުޙައްމަދުގެ ދެމަފިރީން ނައުގެ އިންޖީނުގެއަށް ވަދެ އިންޖީނު ބަލާލިއެވެ. އެ އިންޖީނު މަސައްކަތްކުރަނީ ޑީސަލް އަކުން ނުވަތަ ޕެޓްރޯލަކުން ނޫނެވެ. އެއިންޖީނަށް ބޭނުންވާ ތެލަކީ އެނައުގައި ދަތުރުކުރާ ދެމީހުންގެ ދެމެދުގައި އުފެދޭ ލޯތްބެވެ. ދެމީހުންގެ މެދުގައި ލޯބި ވަރުގަދަވެއްޖެނަމަ އިންޖީނު ބާރަށް ހިނގައެވެ. އަދި އޭގެ ސަބަބުން ނައުގެ ދުވެލި ހަލުއިވެއެވެ.

4- ލޯބި

ކައިވެނީގެ ޙަޔާތް އުފާވެރިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއްޗަކީ ދެމަފިރީންގެ ދެމެދުގައިވާ ވަރުގަދަ ލޯތްބެވެ. ލޯބި ވަރަށް ގިނަ ގޮތްގޮތަށް މީހުން މާނަކޮށް އުޅެއެވެ. " ލޯތްބަކީ އެއީ ދެމަފިރީން އެކަކު އަނެކަކަށް އިޚްލާސްތެރިވުން " މިއީ އަހަރެންނަށް ފެނުނު އެންމެ ރަނގަޅު މާނައެވެ. ތިމާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ ކުރިމައްޗަށް ގޮސް ލޯބިވާކަން ބަޔާން ކުރާށެވެ. ދުލުންބުނާށެވެ. ދެން އޯގާތެރިވެ ކަމޭހިތާށެވެ.

މުޙައްމަދުގެ ޒަވާޖީ ޙަޔާތުގެ ނައު ދުއްވުމަށްޓަކައި ރިޔާ ބޭނުމެއް ނުކުރެވެ. ރިޔަލަކީ ވައިން ދޯނި ދުއްވުމަށްޓަކައި ބޭނުންކުރާ ވަޞީލަތެކެވެ. އެއީ ދޯނީގެ ބޭރުން އަންނަ އެއްޗެއް ކަމަށް ވާތީއެވެ. އެހެނީ މުޙައްމަދުގެ ދެމަފިރީންގެ ޒަވާޖީ ޙަޔާތުގެ ނައު ދުވަނީ ބޭރުން އަންނަ އެއްޗެއްގެ ސަބަބަކުންނޫނެވެ. މުޖުތަމަޢުގެ ނުފޫޒަކުންނޫނެވެ. ކައިވެނީގެ ޙަޔާތް ކުރިއަށް ދަނީ މުޖުތަމަޢުދެކެ ގަންނަ ލަދަކުން ވެސް ނުމެނޫންމެވެ.

ކޮންމެއަކަސް މުޙައްމަދާއި ފާތުންގެ ނައު ނެރުން ނެރެ ދަތުރު ފަށައިފިއެވެ. ފާތުން ގޮސް ދުރުމި ނެގިއެވެ. ދުރުމި ނަގައި ކުރިމަތީން ފެންނަން އޮތް ރަށާ ދިމާއަށް ބަލާލިއެވެ. މުޅި ޖައްވު ފެނުނީ ރަތްކުލައިގައެވެ. މުހައްމަދު ވެސް ދުރުމި އަޅާލިއެވެ. ތެދެކެވެ. ފެންނަނީ ރަތް ކުލައިގައެވެ. މުޙައްމަދު ދުރުމީގެ ކުރީ ބިއްލޫރިގަނޑު ބަލާލިއެވެ. އޭގައި ހުރީ މަހުލޭ އުނގުޅިފައެވެ. ލޭތައް ފޮހެލުމަށް ފަހުބަލާލިއެވެ. ވަރަށް ސާފުކޮށް އެރަށް ފެންނަން އޮތެވެ.

5- އަނެކާގެ ލޮލުން ބަލާށެވެ.
ތިމާގެ ޙަޔާތުގެ ބައިވެރިޔާ ކަންކަމާމެދު ދެކޭގޮތް ނުވަތަ ޙާލަތު ދެނެގަތުމަށްޓަކައި އެންމެފުރަތަމަ ބައިވެރިޔާ ތަޞައްވަރު ކުރާގޮތް ބަލާށެވެ. މިއީ ކައިވެނީގެ ޙަޔާތް އުފާވެރިކަމާއި އެކު ގެންދިޔުމަށްޓަކައި އެންމެ ބޮޑަށް ސަމާލުވާންޖެހޭ އެއްކަމެވެ.

އަހަރެން އެއްދުވަހަކު މަދީނާގެ ގެއަކަށް ކުރަހައިދޭން ދިޔައީމެވެ. އަހަރެން ދިޔައީ ދިވެހިރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ޕޯސްޓުކާޑުތަކެއް ހިފައިގެންނެވެ. އަހަރެން އެ ގޭގެ ވެރިމީހާއަށް އެ ޕޯސްޓުކާޑުތައް ދެއްކީމެވެ. އޭނާ އޭގެތެރެއިން އެންމެ ގަޔާވީ އިރުއޮއްސޭ މަންޒަރާއެވެ. އެގެއެއްގައި ކުރަހާނީ އެގެއެއްގެ ވެރިމީހާއަށް ރީތިއެއްޗެކެވެ. އޭނަގެ ލޮލަށް ރީތި މަންޒަރެކެވެ. އަޅުގަނޑަކަށް އެގޭގައި ކުރަހާނެ އެއްޗަކާ މެދު މާގިނައިރަކު ވިސްނާކަށް ނުޖެހުނެވެ.

އަދި އެއްދުވަހަކު އަހަރެން ރެސްޓޯރަންޓަކަށް ދިޔައީމެވެ. އަހަރެންނަށް ޚިދުމަތް ކޮށްދޭން އައީ ބަނގްލަދޭޝްގެ ވޭޓަރެކެވެ. ނަމާއި ރަށާ، އޭނާ ޝައުޤުވެރިވާ މިފަދަ ސުވާލުތަކާއި ވާހަކަތައް އަހަރެން އޭނައާ ދެއްކީމެވެ. އޭނާ ވަރަށް ޝައުޤުވެރިކަމާއެކު އަޑުއެހިއެވެ. އަދި އަހަރެންނަށް އޭނާގެ ޚަރަދުގައި ކޮފީ އަކަށް ދަޢުވަތުވެސް ދިނެވެ.

ކޮންމެއަކަސް މުޙައްމަދުގެ ނައު ކަނޑުގައި ދަތުރުކުރަމުން ދެއެވެ. މުޙައްމަދު މާސިންގާ ކަނޑަށް ނަޒަރު ހިންގާލިއެވެ. މުޙައްމަދުގެ ނަޒަރުގޮސް ހުއްޓުނީ މާވަހަރެއް ކަހަލަ އެއްޗަކާ ދިމާލަށެވެ. އޭނާ ނަވަށް އެއެއްޗެއް ނެގިއެވެ. އަސްތާ! އެއީ މާވަހަރެކެވެ. މާވަހަރަކީ މަހެއްގެބަނޑުން ނުކުންނަ އެއްޗެކެވެ. އެމަހަށް އެއީ އެއްވެސް އަގެއްހުންނަ އެއްޗެއް ކަމަކަށް ނުވެއެވެ. އެކަމަކު އިންސާނުންނަށް އެއީ ވަރަށް އަގު ހުރި އެއްޗެކެވެ.

6- އަގު ވަޒަންކުރުން

މީހަކު ތިމާއަށް ކޮށްދޭ ކިތަންމެ ކުޑަ ކަމެއްގެވެސް އަގުވަޒަންކުރާށެވެ. ތިމާއާއި އެމީހާގެ ގުޅުން އިތުރަށް ބަދަހިވާނެވެ. ދެމަފިރީން އެކަކު އަނެކެއްގެ އަގުވަޒަން ނުކުރުން އެއީ ކައިވެނިތައް ރޫޅި ކައިވެނީގެ ކަވާސާ ގޮއްތައް މޮހޭ އެންމެ ބޮޑު އެއްސަބަބެވެ.

އަހަރެންގެ ރައްޓެއްސަކު އޭނަގެ އަނބިމީހާ ގޮވައިގެން ބޭރު ޤައުމަކަށް އަނބިމީހާގެ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށްގޮސްފައި އައިސް އަހަރެންނަށް ފޯނުކުރިއެވެ. އަހަރެމެން ރަޙުމަތްތެރިކަމުގެ އެކި ވާހަކަތައް ދެއްކީމެވެ. އަދި އޭނައަށް އެދަތުރުން ވަރަށް ޢިބުރަތްތެރި ފިލާވަޅެއް ލިބުނުކަމަށް ބުންޏެވެ. އޭނަގެ އަންހެނުންގެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ދެހާސް އެމެރިކާ ޑޮލަރު ޚަރަދުވިއެވެ. އަންހެނުންގެ ގާތު އެއީ މުޅިންވެސް އޭނާއަށްޓަކައި ކުރާ ޚަރަދު ކަމަށް ވެސް ބުންޏެވެ. އޮޕަރޭޝަން ކުރިދުވަސްކޮޅު ދަރިފުޅުބަލަން ޖެހުނީ އަހަރެންގެ ރަޙުމަތްތެރިޔާއަށެވެ. އޭނާއަށް އަންހެނުން އުފުލާ ބުރަ މައްސޫލިއްޔަތު އިޙްސާސް ކުރެވުނެވެ.



އަންހެނަކު، ނަފްސު ތަރުބިއްޔަތު ކުރާ ކޯހެއްގައި ބައިވެރިވިއެވެ. ރަނގަޅު އަންބަކަށް ވުމަށްޓަކައެވެ. އެހެން ކަމުން ރަނގަޅު އަންބަކަށް ވުމަށްޓަކައި އޭނާ އިޞްލާޙްކުރަންޖެހޭ ހަ ސިފައެއް ބަޔާން ކޮށްދިނުމަށް ފިރިމީހާގެ ކިބައިން އެދުނެވެ. އަނބިމީހާ ރަނގަޅު ކުރަންޖެހޭ އެތައްކަމެއް ހުއްޓެވެ. އެކަމަކު ފިރިމީހާ ކަންތައްކުރީ މުޅީން ތަފާތު ގޮތަކަށެވެ. އަނެއްދުވަހު ހެނދުނު ވިސްނާލާފައި ޖަވާބު ދޭނެކަމުގައި ބުންޏެވެ. ފިރިމީހާ އެދުވަހު ވަރަށް އަވަހަށް ހޭލިއެވެ. އަދި ހަ ފިނިފެންމާ ކުޑަ ނޯޓަކާއި އެކު އަނބިމީހާއަށް ފޮނުވިއެވެ. ނޯޓުގައި ލިޔެފައި އޮތީ "އަހަރެންނަކަށް، ކަލާ ގެ ކިބައިގައި ރަނގަޅު ކުރަންޖެހޭ އެއްވެސް ސިފައެއް ހުރިކަމަކަށް ނުފެނެއެވެ. އަދި ކަލާ މިހާރު ތިޔަހުރި ޙާލަތަށް އަހަރެން ކަލާދެކެ ލޯބިވަމެވެ." އެދުވަހު ހަވީރު ފިރިމީހާއަށް ގެއިން މަރުހަބާކީ ކާކުތޯއެވެ؟ ތިޔަހީވީ ރަނގަޅަށެވެ. ފިރިމީހާއަށް މަރުޙަބާ ކިޔުމަށް ޓަކައި ދެލޮލުން އުފާވެރި ކަމުގެ ކަރުނަ އޮހޮރޭ ޙާލު، ގޭ ދޮރުމަތީ ހުރީ ލޯބިވާ އަނބީމީހާއެވެ.

ތިބާގެ ކައިވެނީގެ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ކެތްތެރިކަމާއި ޢަޒުމުގައި، ހިތްވަރާއެކު މަސައްކަތް ކުރާށެވެ. ބައެއްފަހަރު މިކަހަލަ ގޮތަކަށްވެސް ކަންތައް ދިމާ ވެދާނެއެވެ. " ކަލާ ހަނދަށް ވުރެ ރީއްޗެވެ " މި ޖުމްލައަކީ ޙަޔާތުގެ ބައިވެރިޔާއާ ދިމާލަށް ބުނެފި ނަމަ ވަރަށް އުފާވާ ޖުމްލައެކެވެ. މިގޮތުން :-

މީހަކު އޭނާގެ އަނބިމީހާގެ ރީތިކަން އޭނާގެ އަނބިމީހާއަށް ބަޔާން ކުރުމަށްޓަކައި ހަނދުވަރުދޭ ރެއެއްގައި އަނބިމީހާ އެކު އަތިރިމައްޗަށް ނުކުތެވެ. ހަނދަށް ބަލައިލާފައި ފިރިމީހާ އަނބިމީހާއަށް ބުންޏެވެ. އެހެރަ ފެންނަ ރީތި ހަނދު ފެނޭހެއްޔެވެ؟ އަނބިމީހާ ޖަވާބު ދިނެވެ. " ކަލޭ ހީކުރީ އަހަރެން އަނދިރި ކަމަށްހެއްޔެވެ؟ "

މިފަދަ ކަންތައްތައް ތިމާއަށް ކުރިމަތިވިޔަސް ކެތްތެރިކަމާއި ހިތްވަރާއި އެކު ކުރިޔަށް ދާށެވެ. ހަނދަށްވުރެ އޭނާ ރީތިކަމަށް ބުނާށެވެ.

ކޮންމެއަކަސް މުޙައްމަދުގެ ނައު އެލިބުނު މާވަހަރާއެކު ދަތުރުކުރަމުން ދެއެވެ. މުޙައްމަދު ހުރީ ލައިގެން ކާނެ އެއްޗެއް ލިބޭތޯ ނަނު އެއްލައިގެންނެވެ. މާގިނައިރުތަކެއް ނުވަނީސް މަހެއް ބޭނިއްޖެއެވެ. މަސްނަގައި ނަވަށް ލިއެވެ. މުޙައްމަދު މަހަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ހިތަށް އެރިއެވެ. މަސްމަހާމެހި ހިނިތުން ނުވަނީ ކީއްވެ ހެއްޔެވެ؟ ފާތުންނާއި ދިމާއަށް ބަލާލައިފައި މުޙައްމަދު ހިނިތުންވެލިއެވެ.
7- ހިނިތުންވުން

އަހަރެމެން ދުވާލުގެ ބުރަ މަސައްކަތަށްފަހު ގެޔަށް އަންނައިރު ގިނަދުވަސްދުވަހު ހުންނަނީ ވަރަށް ވަރުބަލިވެފައެވެ. ގޭތެރެއިން ކިރިޔާވެސް ހިތްހަމަނުޖެހޭކަމެއް ފެނިއްޖެނަމަ ހުރެވެނީ ރުޅި އާދެވި މޫނު ކުނިކުރެވިފައެވެ. އަނބިމީހާއަށް އޭގެ ވަރު ބާލާލެވެނީއެވެ. ތިމަންނާ ހެއްދެވުނީ ހުދުސިމެންތިން ހެން ހީވާކަހަލައެވެ. އަދި އަނބިމީހާ ހެއްދެވުނީ މަށީން ހެން ހީވާކަހަލައެވެ.

ކޮންމެދުވަހަކުވެސް ގެއަށް ވަންނައިރު ހިނިތުންވެހުރެ ވަންނާށެވެ. އަނބިމީހާއަށް ރީތި ނަމަކުން ގޮވާލައި ލޯބިވާކަން ބަޔާންކުރާށެވެ.

މިހާރު އަހަރެންނަށް މިވާހަކަ މާދިގުވާހެން ހީވާން ފަށައިފިއެވެ. ތިބާގެ އަނބިމީހާގެ ކައިރީގައި ހޭދަކުރައްވަން ޖެހޭވަގުތުކޮޅު މިވާހަކަ ކިޔަން ހޭދަވަނީއެވެ. އަހަރެންނަށް މާފުކުރައްވާށެވެ. ވީހާވެސް ކުރުކޮށްލެވޭތޯ ބަލާނަމެވެ.

މުޙައްމަދުގެ ދެމަފިރީންގެ ނައު ވަރަށް ހަލުވި ސްޕީޑެއްގައި ދުވެފައިދެއެވެ. ދަތުރުމަތީގައި ގާތްގަނޑަކަށް އަހަރެއްވުމާއި ގާތްވަނީއެވެ. މިއަދަކީ މުޙައްމަދާއި ފާތުންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަހެވެ. އެދެމަފިރީންނަށް ދަރިއަކުލިބުނީއެވެ. ދެމަފިރީން އެ ބޮޑު ނިޢުމަތް ދެއްވި ﷲ އަށް ޝުކުރުކުރިއެވެ.

8- ހަދިޔާ ބަދަލުކުރުން

ތިމާގެ އަހުލުވެރީންނަށް އެބައިމީހުން ޝައުޤުވެރިވާކަހަލަ ހަދިޔާ ގެނެސްދޭށެވެ. ހަދިޔާ ބަދަލުކުރުމަކީ ލޯބި އިތުރުވާ ކަމެކެވެ. ލޮބުވެތި ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން (އެކަކު އަނެކަކަށް) ހަދިޔާ ބަދަލުކުރާށެވެ. އޭރުން ތިޔަބައިމީހުންގެ މެދުގައި ލޯބި އިތުރުވާނެއެވެ."

މުޙައްމަދުގެ ދެމަފިރީންނަށް ލިބުނު މިއުފަލުގައި އެދެމަފިރީންގެ ޢާއިލާއާއި ބައެއް ރަހުމަތްތެރީން ބައިވެރިވިއެވެ. އެތައްބަޔަކު އެ ދެމަފިރީންގެ ނަވަށް ޒިޔާރަތްކުރިއެވެ. ކަނޑު ގަދަވާން ފެށީ އެދުވަސްވަރުއެވެ. މޫސުން ގޯސްވާ އަތަށް އަޅަންފެށިއެވެ. އަދި ތޫފާންތައްވެސް ބޯމަތިވާން ފެށިއެވެ. ކަނޑުގެ ބާނިތައް ބޮޑުވެ، އެކަމުން ނަވަށް އެނގުންވާން ފަށައިފިއެވެ. އިސާހިތަކު ނައުގެ ހަލުވި ދުވެއްޔަށް އޭގެ އަސަރުކުރަން ފަށައިފިއެވެ.

9- ޢާއިލާގެ ގުޅުމަށް ބޭރުމީހުންގެ ނުފޫޒު ފޯރުވިޔަ ނުދޭށެވެ.

އާއިލާގެ ގުޅުމަށް ބުރޫއަރާކަހަލަ ވާހަކަދައްކާ މީހުންގެ ވާހަކަތަކަށް ބީރުކަންފަތެއް ދޭށެވެ. އެފަދަ މީހުންގެ ނުފޫޒު ޢާއިލާގެ ތެރެއަށް ފޯރުވިޔަ ނުދޭށެވެ. އެފަދަމީހުން ދެނެގަންނާށެވެ. އެކަހަލަމީހުން ވަރަށް ގިނައިން ދެމަފިރީންގެ ކިބައިގައި ހުންނަ ކުށްތައް ހާމަކުރަން މަސައްކަތް ކުރާނެއެވެ. ގޭތެރޭގެ އެކިކަންކަމަށް ފާޑު ކިޔާނެއެވެ.

މުޙައްމަދުގެ ނަވަށް ދިމާވެގެން މިއުޅެނީ މިކަހަލަ ގޮތެކެވެ. ބޭރުންއައި މެހުމާނުން ދެއްކި ބައެއް ވާހަކައިގެ ސަބަބުން އެދެމަފިރީންގެ ގުޅުމަށް ކުޑަކުޑަ ލޮޅުމެއް އެރީއެވެ. ނަމަވެސް އެދެމަފިރީން ވަރަށް ޙިކުމަތްތެރިކަމާއެކު އެމައްސަލަ ޙައްލުކުރިއެވެ. ދެމަފިރީންވެސް އެކަކު އަނެކާގެ ވާހަކަތައް ކަނުލައި އަޑުއެހިއެވެ.

10- ކަނުލައި އަޑުއަހާ މީހަކަށް ވާށެވެ.

ކަނުލައި އަޑުއެހުމަކީ މައްސަލަތައް ޙައްލުކުރުމުގައި އެންމެބޮޑަށް އެހީވެދޭ އެއްކަމެވެ. މީހުން ދައްކާ ވާހަކައަށް ޝައުޤުވެރިކަމާއެކު އަޑުއެހުމަކީ އެމީހުންގެ ލޯބި ލިބޭކަމެކެވެ. ދަރީންނާވެސް ގިނައިން ވާހަކަ ދައްކާށެވެ. އެކަމުގެ ސަބަބުން އެކުދީންނަށް ދިމާވެފައިހުންނަ އެކިއެކި މައްސަލަތައް އެނގޭނެއެވެ. ބުނަން ނުކެރި ހުންނަ ކަންކަންވެސް ކިޔައިދޭނެއެވެ. މީހަކު ވާހަކަދައްކާއިރު އެވާހަކަ ކުރިޔަށް ގެންދިޔުމަށްޓަކައި "އާދެ، އާދެ" ، "ދެން ކިހިނެއްވީ" ، ދެންކޮންތާކަށް ދިޔައީ" މިފަދަ ޢިބާރާތްތައް ބޭނުން ކުރާށެވެ. އޭރުން އަނެކާގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދަން އޭނައަށް މަގުފަހުވާނެއެވެ.

މުޙައްމަދު، ފާތުންގެ ވާހަކަ އަޑުއަހަން އިނދެ އޮރެންޖެއްގެ ތޮށި ނޮޅާލިއެވެ. ފާތުންނަށް އޭގެން ފަޅިއެއް ދިއްކޮއްލިއެވެ. ނަމަވެސް ފާތުން އޭގައި ހިފުމަށް އިންކާރު ކުރިއެވެ. ދެން މުޙައްމަދު އޭގައި ހުރި އޮށްތައް ނަގާފައި އަނެއްކާވެސް ފާތުންއަށް ދިއްކޮލިއެވެ. ދިއްކޮއްލުމާއެކު ފާތުން ރުހުމުގައި، އޭގައި ހިފާ މީރުކޮށް އެއޮރެންޖު ފަޅި ކާލިއެވެ.

11- ދެމީހަކު ދޭތެރޭ މައްސަލައެއް ޖެހިއްޖެ ނަމަ އެ މައްސަލަ ޖެހުނުގޮތާއި ސަބަބު ދިރާސާ ކުރާށެވެ.

މި ޕޮއިންޓާއި ދެންބާކީހުރި ޕޮއިންޓުތަކަށް ﷲ އިރާދަކުރެއްވިއްޔާ މިވާހަކައިގެ ދެވަނަބައިގައި އަލި އަޅުވާލާނަމެވެ. ދެންހުރިބައިތަކުގެތެރޭގައި ( ޒުވާބުކުރުމާއި ރުޅިވެރިކަމާއި ޖަދަލުކުރުން ފަދަކަންކަމަށް އާއިލާ ތެރޭގައި ޖާގަ ނުދިނުން ) ، ( ފެންނަ މަޒަރުތަކަށް އަވަހަށް ޖަޖުމެންޓު ނުދިނުން ) ،( އާއިލާގެ މެމްބަރުންނާއިއެކު ވަޤުތު ހޭދަކުރުން ) . ( ތިމާއަށް ކުށެއް ކުރެވިއްޖެނަމަ އަވަހަށް ކުށަށް އިއުތިރާފުވެ މާފަށް އެދުން ) ، ( ކުށްތައް އިޞްލާޙު ކުރާނެ ބައެއް ޤަވާއިދުތައް ). މިފަދަ މުހިންމު ޕޮއިންޓުތައް ހިމަނާނަމެވެ.

އެކަމަކު ނިއްމާލުމުގެ ކުރީން ވަރަށް މުހިންމު އެއްޕޮއިންޓު ގެނެސް ދޭނަމެވެ.

މުޙައްމަދުގެ ނައު އަނެއްކާވެސް ކުރީގަ ދުވި ހަލުވި ސްޕީޑުގައި ދުވަންފަށައިފިއެވެ. ރޭގަނޑުގެ އަދިރިކަން އަލީގެ މައްޗަށް ގަދަވެގެންފިއެވެ. މުޙައްމަދު ނައުގެ ލައިޓުތައް ދިއްލިއެވެ. އެލައިޓުތަކުގެ ސަބަބުން އެނައުގެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރަށް ފަސޭހަވެގެން ދިޔައެވެ.

12- އެހެން މީހުންނަށް އެހީތެރިވާށެވެ

ތިމާގެ ޢާއިލާގެ މެންބަރުންނާއި އެހެނިހެން އާއިލާތަކުގެ މެންބަރުންނަށް އެހީތެރިވާށެވެ. އެހީތެރިވުމަކީ ދޭދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް ވަރުގަދަވާ ކަމެކެވެ.

މީހަކު ތުއްތުކުދީންނަށް ހިތްވަރުދިނުމާއި ޢަޒުމް ވަރުގަދަ ކުރުމާއި ކެރިގެން ކަންކަމާކުރިމަތިލުމަށް ކުޑަކުދީންނަށް ދަސްކޮށްދޭ ޕްރޮގުރާމެއް ހިންގިއެވެ. މި ޕްރޮގުރާމު ނިމުމުން ޕްރޮގުރާމުގައި ބައިވެރިވި ކުދީންނަށް މެޑެލްތައް ދިނެވެ.

ޓީޗަރު މީހާ މެޑެލްތައް ދީ މުޅި ޕްރޮގުރާމު ނިމުމުން އޭނަ ހުންނަ ހޮޓަލަށް ދިޔައެވެ. ނިދިނިދި އޮއްވައި ދޮރުގައި މީހަކު ޓަކިދިނެވެ. އޭނަގެ ހިތަށް އެރިއެވެ. މި ދަންވަރު އަނެއްކާ ކާކުބާއެވެ!

ދޮރު ހުޅުވާލިއިރު ފެނުނީ ޕްރޮގުރާމުގައި ބައިވެރިވި ތުއްތުކުއްޖެކެވެ. އެކުއްޖާގެ ކައިރީގައި އަދި އެހެން ތުއްތު އަންހެން ކުއްޖަކު ހުއްޓެވެ. އެ އަންހެންކުއްޖާއަށް ހުރީ ރޮވިފައެވެ. އެކުއްޖާ ގެއަށް ނުދާން ވެގެން އުޅޭތީވެ ޓީޗަރުގެ ކައިރިއަށް އައީއެވެ. ޓީޗަރު އޭނާގެ ކޮޓަރިއަށް އެދެކުދިން ވެއްދިއެވެ. ކުޑައިރުކޮޅަކުން ގެއަށް ދާނީ ކަމުގައި ޓީޗަރުމީހާ ބުންޏެވެ. އެތުއްތު އަންހެން ކުއްޖާ ގެއަށް ނުދާން އެއުޅެނީ އޭނަގެ ގޭގައި އުޅޭ ޢާއިލާގެ ފިރިހެނަކު އެތުއްތު އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރާތީކަމުގައި ޓީޗަރުގެ ކައިރީ ބުންޏެވެ. އެވާހަކަ އަޑުއަހާފައި ޓީޗަރު މީހާ އެކުއްޖާއަށް ހިތްވަރާއި ޢަޒުމް ވަރުގަދަ ކުރުމަށް ނަޞީޙަތްދިނެވެ. އެނަޞީޙަތުގެ ސަބަބުން އެ އަންހެންކުއްޖާއަށް ހިތްވަރު ލިބުނެވެ. އެހެން ކަމުން ފޯނު ނަގައި ވަރަށް ކެރިހުރެ އެ ނުބައި ފާޙިޝް ޢަމަލު ހިންގާ ބޭބެއަށް ގުޅިއެވެ. އެކުއްޖާ އޭނާގެ ބޭބެ ކައިރީ ބުންޏެވެ. " އަހަރެން މިއަންނަނީ ގެއަށް، ދެން އެކަހަލަ ޢަމަލެއް ހިންގަން ނޫޅޭތި، އުޅެފި ނަމަ ޖެހޭނީ މުޅި ޢުމުރު ޖަލުގަ ހޭދަކުރަން" ކެރިހުރެ އޭނަގެ ބޭބެއަށް އިންޒާރު ދިނެވެ. އަދި ފޯނު ބޭއްވިއެވެ. ދެކުދީންނަށް އުފަލުން ރޮވުނެވެ. އެފަދަ ހިތްވަރެއް ލިބުނީތީއެވެ. އަދި ޓީޗަރަށް ވަރަށް ޝުކުރު އަދާކުރިއެވެ. ކަރުގައި އޮތް މެޑެލްނަގައި ޓީޗަރު ކަރުގައި އެޅުވިއެވެ. މިވާހަކަތައް އަޑުއަހަން ހުރި ޓީޗަރުގެ އަނބިމީހާއަށް ހުރީ ޓީޗަރުފަދައިން ރޮވިފައެވެ. އަދި އޭނަގެ ފިރިމީހާގެ ކައިރީ ބުންޏެވެ. " ކަލާގެ ޢަމަލުތައް ހާދަ ގަބޫލުކުރަން އުނދަގުލެވެ. " ފިރިމީހާ ޖަވާބު ދިނެވެ. " އެފަދަ ހިތްވަރު ދިނުމުގެ ހުނަރު ހުރި ކޮންމެ މީހަކަށް ވެސް އެކުއްޖާއަށް އެހީ ވެވޭނެއެވެ." އަނބިމީހާ ޖަވާބުދިނެވެ. " އާއެކެވެ، އެހެން މީހުންގެ ގައިގާވެސް އެފަދަ ހުނަރު ހުރެދާނެއެވެ. އެކަމަކު ކަލާ އެހުނަރުގެ ބޭނުން ހިފައިފީމެވެ."

މުޙައްމަދުގެ ނައު ކަނޑުގައި ދަތުރު ކޮށްފައި ދެއެވެ. މިހާރު މުޙައްމަދު ތިބާއާ މުޚާތަބު ކުރަނީއެވެ. " އަހަރެންގެ މިވާހަކަ އަކީ ތާނަ އަކުރުތަކަކުން އަތުރާލެވިފައިވާ ވާހަކައެކެވެ. ވަކި ގޮތަކަށް އެއަކުރުތައް އަތުރާލުމުން ލަފްޒުތަކަކުން ޖުމްލަތަކަކަށް ބަދަލުވެ ތިބާއަށް އޭތި ވިސްނި ޢިބުރަތްލިބޭ ގޮތަށް އަތުރާލެވިފައި ވަނީއެވެ. މިވާހަކައިން ލިބުނު ޢިބުރަތްތައް މިއަދުން ފެށިގެންވެސް ތިބާގެ ކައިވެނީގެ ޙަޔާތުގައި ބޭނުން ކުރެވޭތޯ ބަލާށެވެ. ﷲ އިރާދަކުރެއްވިއްޔާ ތިބާގެ ކައިވެނީގެ ޙަޔާތުގެ ނައުވެސް ބާރު ސްޕީޑެއްގައި ހަލުވިކޮށް ދަތުރު ކުރާނެއެވެ. "

Read more...