Sunday, February 28, 2010

އޭ ލޯބިވާ މަންމައާއި ބައްޕާއެވެ


އޭ ލޯބިވާ މަންމައާއި ބައްޕާއެވެ!

އަލްއަޚް އަޙްމަދު ރިމާޒް
މިސިޓީ ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތި ދެމަފިރިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ... އޭ ލޯބިވާ މަންމައާއި ބައްޕާއެވެ!

އޭ އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ މަންމާއެވެ!

އޭ އަހަރެންގެ ހިތުގެ ވިންދު ކަމުގައިވާ ބައްޕާއެވެ!

އަހަރެން މިސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ.

މިސިޓީ ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތި ދެމަފިރިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ.

އެކަމަކު، ވަޤުތު ފާއިތުވަނީއެވެ. ވަޤުތު ފާއިތުވުމުގެ ކުރިން މަންމަމެންނަށް އަހަރެންގެ ހިތުގައިމިވާ ކެކުޅުންތައް ބަޔާންކުރަން ބޭނުމެވެ.
އަހަރެން މިދުނިޔެއަށް އުފަންވި ދުވަހަކީ މަންމައާއި ބައްޕަ އެންމެ އުފާވި ދުވަސްކަން އަހަރެންނަށް އެނގެއެވެ. މަންމަމެން އެދުވަހު ވީ އުފަލުން ލޮލޮން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔައެވެ.

އެންމެ ރީތި ހެދުންތަކާއި ކުޅޭ ސާމާނު އަހަރެންނަށް ގަނެދިނެވެ.

އެއަށްފަހު އެންމެ މަތިވެރި ތަރުބިއްޔަތަކުން އަހަރެން ތަރުބިއްޔަތު ކުރީމުއެވެ.

އަދި އެންމެ މަތިވެރިވެގެންވާ ރީތި އަޚްލާޤީ ސިފަތަކުން އަހަރެން ޒީނަތްތެރި ކުރުވީމުއެވެ.

ﷲ ތިދެމައިންނަށް އެއިލާހުގެ ތަނަވަސް ރަޙްމަތުން ރަޙްމަތްލައްވާށިއެވެ! އަދި ގިނަގުނަވެގެންވާ ޘަވާބާއި ދަރުމަ ދެއްވާށިއެވެ!

ދުނިޔެއާއި އާޚިރަތުގައި ތި ދެމައިންގެ ޤަދަރު އުފުއްލަވާށިއެވެ!

އަދި ތި ދެމައިން ސުވަރުގޭގެ އެންމެ މަތީ ފިރްދައުސްގައި ލައްވާށިއެވެ!

އެކަމަކު މަންމަމެންގެ ވަޒީފާއާއި ހުރެ މަންމަމެންގެ ލޯތްބާއި އަޅާލުމާއި އެހީތެރިކަމުން ފަހުން މަޙްރޫމްވިއެވެ.

އަހަރެންގެ ޙާލުބަލާލާނެ ވަޤުތެއް މަންމަމެންނަކަށް ނުވެއެވެ.

އަހަރެންގެ ސްކޫލުގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކޮށްލާނެ ވަޤުތެއް މަންމަމެންނަކަށް ނުވެއެވެ.

އަހަރެންގެ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްކަމެއް މަންމަމެން ނުބަލަމުއެވެ.

އަހަރެން ގެއިން ބޭރަށްދަނީ ކީއްކުރަންކަމާއި ގެއަށް އެނބުރި އަންނަނީ ކޮންއިރަކުކަން މަންމަމެން ނުބަލަމުއެވެ.

އަހަރެންގެ ސުކޫލް ފޮތްތަކާއި، ރިޕޯޓްފޮތްވެސް ބަލާލާނެ ވަޤުތެއް މަންމަމެންނަކަށް ނުވެއެވެ.

ލޯބިވާ މަންމައާއި ބައްޕާއެވެ!

އަހަރެން ސްކޫލުދޮށުށް ބަލާ އަންނަ ގޭގެ މަސައްކަތުމީހާ ލަސްވެ، އެކަނި މާއެކަނި މަގުމަތީ އެތައް އިރަކު ހުންނަކަން މަންމަމެންނަށް އެނގޭހެއްޔެވެ؟

އެހެންކުދިންގެ މައިންބަފައިން އެކުދިންގެ އަތުގައި ހިފައިގެން ގެއަށް ގެންދާ މަންޒަރު އަހަރެންނަށް ފެނުމުން އެގޮތަށް އަހަރެންނާމެދު މަންމަމެން ކަންތައްކުރަން އަހަރެންވެސް ބޭނުންވާކަން މަންމަމެންނަށް އެނގޭހެއްޔެވެ؟

ސްކޫލުގެ ބައެއްފިލާވަޅުތައް އަހަރެންނަކަށް ދޭހައެއްނުވެއެވެ. އަދި ބައެއް ތަމްރީނުތައް އަމިއްލައަށް ހަދާކަށް އަހަރެންނަކަށް ނޭނގެއެވެ.

މިކަންތަކާ ހުރެ ކުލާހުގައި އަހަރެންނަށް އަދަބުދެވެނީ ކިހާވަރަކަށްކަން މަންމަމެންނަށް އެނގޭހެއްޔެވެ؟

ކޮންމެ ދުވަހަކު ކުލާހުގައި ހުރިހާ ކުދިންގެ ކުރިމަތީގައި މުދައްރިސުން އަހަރެންނާ ސުވާލުކުރެއެވެ.

އަހަރެން ފިލާވަޅުތައް ނުހަދާއަންނާތީއެވެ.

ސުވާލުތަކަށް ޖަވާބު ނުދެވޭތީއެވެ.

މުދައްރިސުން އަހަރެންގެ މަންމައާއި ބައްޕަކޮބާހޭ ސުވާލުކުރެއެވެ.

މަންމަމެން އަހަރެންނަށް އެހީތެރިނުވަނީ، އަހަރެންގެ ފޮތްތައް ނުބަލަނީ ކީއްވެހޭ ސުވާލުކުރެއެވެ.

ހުރިހާ ކުދިންގެ ކުރިމަތީގައި މިގޮތަށް ކަންތައް ވާ ކޮންމެ ހިނދަކު އަހަރެންގެ ހިތް ކުދިކުދި ވެގެންދެއެވެ.

އަހަރެންނަށް ގިސްލާރޮވެއެވެ.

މަންމަމެންނަށް އަޅެފަހެ މިކަން އެނގޭހެއްޔެވެ.

ސްކޫލަށް ގަޑިޖެހިގެންދާތީ ސުޕަވައިޒަރުން އަހަރެންނާ ސުވާލުކުރެއެވެ؟

އެހެންކުދިން އިންޓަވަލް ކުރަން އެއްޗެހި ގެންނައިރު އަހަރެން އިންޓަވަލް ކުރަން އެއްޗެއް ނުގެންދާކަން މަންމަމެންނަށް އިނގޭހެއްޔެވެ؟

އަހަރެން ކިޔަވަނީ ކޮން ކުލާހެއްގައިކަމާއި، ކޮން ގްރޭޑެއްގައިކަން މަންމަމެންނަށް އަޅެ އިނގޭހެއްޔެވެ؟

އަހަރެންގެ ރައްޓެހިން އަހަރެން ކައިރީގައި ބުނެއެވެ. އެކުދިންގެ މަންމަމެންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރާވާހަކައެވެ. އަދި އަހަރެންގެ ކައިރިން މަންމަމެންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރަންހޭ އެކުދިން ސުވާލުކުރެއެވެ؟

ލޯބިވާ މަންމައާއި ބައްޕާއެވެ! އެފަދަ ވަޤުތުތަކުގައި އަހަރެން ވަރަށް ދެރަވެއެވެ. އެކަމަކު މަންމަމެންގެ ޤަދަރާއި އިޙްތިރާމް އެކުދިންގެ ކުރިމަތީ ގެއްލި، މަންމަމެންނަށް މަލާމާތްކޮށް އިހާނެތި ބަހެއްބުނެފާނެކަމަށްޓަކައި އަހަރެން ދޮގުހަދަމެވެ. އަހަރެންވެސް މަންމަމެންނާއެކު ފިލާވަޅުތައް މުރާޖަޢަކުރީމެވެ.

އާއެކެވެ.......މަންމަމެންނަށްޓަކައި އަހަރެން އެކުދިން ކުރިމަތީގައި ދޮގުހަދަމެވެ.

މަންމަމެންދެކެ އަހަރެންވާ ލޯތްބެއްގެ ސަބަބުންނެވެ. މަންމަމެން ފަޟީހަތްވެދާނެތީ އަހަރެން މިއުޅެންޖެހޭ ޙާލު މަންމަމެންނަށް އެނގޭހެއްޔެވެ؟

ފާއިތުވެގެން މިދިޔަ އަހަރުތަކުގައި އަހަރެން ކުރަމުން މިއައި ހިތާމައާއި އިޙްސާސްކުރަމުންމިދާ ހިތްދަތިކަމުގެ ސަބަބުން ހިތްމިވަނީ ހަލާކުވާން ކައިރިވެފައެވެ. އަހަރެންގެ އަޑު މިވަނީ ކުރަކި ވެފައެވެ.

އަހަރެން ބޭނުންވަނީ ހަމައެކަނި ކާނެތަކެއްޗާއި ލާނެ އަންނައުނު ހޯދައިދޭ މައިންބަފައިންނެއް ނޫނެވެ.

އަހަރެން ބޭނުންވަނީ އަހަރެންނަށް އަޅާލާ، ލޯބިދޭނެ އަދި އަހަރެންގެ އުފަލާއި ހިތާމަތަކުގައި ބައިވެރިވާނެ މައިންބަފައިންނެވެ.

އަހަރެންނަށް އޯގާތެރިވާ، ނަޞޭޙަތްތެރިވެ، އިރުޝާދުދީ، އެހީތެރިވާނެ ނަމޫނާއެއްފަދަ މައިންބަފައިންނެވެ.

އަހަރެންނާ ތަފާތު ފާޑުފާޑުގެ ކުދިންނާ ދިމާވެއެވެ. އެކުދިންތައް ފާޑުފާޑުގެ ކަންތައްތަކަށް އަހަރެންނަށް ހިތްވަރުދީ ވަސްވާސްދެއެވެ. އަހަރެންނަށް މިކުދިންނަކީ ކޮންކަހަލަ ކުދިބައެއްކަމާއި، ރަޙްމަތްތެރިންގެ ގޮތުގައި އިޚްތިޔާރުކުރާނީ ކޮންކަހަލަ ސިފަތަކެއްހުރި ކުދިންކަން ބުނެދޭނީ ކާކުބާއެވެ؟

އަހަރެން ކުރާ ޢަމަލެއްގެ ސަބަބުން މަންމަމެންނަށް ހުތުރުނަމެއް ލިބުމުގެ ކުރިން އަހަރެންނަށް ހެޔޮނުބައި ބުނެދީބަލާށެވެ. އަހަރެން މަންމަމެންނަށް އުރެދޭކަށް ބޭނުމެއްނޫނެވެ. މަންމަމެން ކުރިމަތީގައި ޒުވާބު ކުރާކަށް ބޭނުމެއްނޫނެވެ. އަހަރެން ބޭނުމީ މަންމަމެން މާދަމާ އަހަރެންނާމެދު ފަޚުރުވެރިވާ މޮޅު ކުއްޖަކަށްވާށެވެ. މައިންބަފައިންނަށް ކިޔަމަންތެރި ޞާލިޙު ދަރިއަކަށްވާށެވެ. މަންމަމެންގެ ހެޔޮކަމުގެ ތިލަފަތަށް ބަރުކުރާ ފަރާތަކަށް ވާށެވެ.

ލޯބިވާ މަންމާއެވެ! ލޯބިވާ ބައްޕާއެވެ!

އަހަރެންގެ ޣަރަޤުވަމުން މިދާ އެކަނިވެރިކަމާއި ހިތާމައިގެ ފުންކަނޑުން އަހަރެން ސަލާމަތްކޮށް ރައްކާތެރިކަމުގެ އައްސޭރިއަށް އަހަރެން ގެންގޮސްދޭށެވެ.

އަހަރެން ހަލާކުވުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.

ގޯސްބަޔަކު އަހަރެންގެ އަތުގައި ހިފުމުގެކުރިން އަހަރެންގެ އަތުގައި ހިފައި ސަލާމަތްކޮށްދޭށެވެ.

Read more...

Monday, February 15, 2010

ވިލިނގިލީގައި އައްޝައިޚް އިލްޔާސް ޙުސެއިން ގެ ދަރުސެއް


ވިލިނގިލީގައި އައްޝައިޚް އިލްޔާސް ޙުސެއިން ގެ ދަރުސެއް



ވިލިމާލެ ޒުވާނުން އިސްނަގައިގެން 18 ފެބްރުއަރީ 2010 ވާ ބުރާސްފަތި ދުވަހުގެރޭ އެއަވަށުގައި ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "މިޢްރާޖްގެ ހަދިޔާ" މި މައުޟޫއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޙް އިލްޔާސް ހުސެއިން އެވެ. 20:45 ގައި ވިލިމާލެ ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެއްވުމަކީ ވިލިމާލެ ޒުވާނުންގެ ވަރަށްބޮޑު އެދުމެކެވެ.

އިތުރު މަޢުލޫމާތު : މުޙައްމަދު ނަސްރު 7778167


Read more...

Thursday, February 4, 2010

ސުވަރުގެއާއި އެތާގެ އަހުލުވެރިންގެ ނިޢުމަތްތައް

ސުވަރުގެއާއި އެތާގެ އަހުލުވެރިންގެ ނިޢުމަތްތައް
އަލްއަޚް މުޙައްމަދު ޝާފިޢު
ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ.

ސުވަރުގެ ނުވަތަ ޖަންނަތުގެ މާނައަކީ ބަގީޗާއެވެ. ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންގަތް އަޅުންނަށްޓަކައި އެއިލާހު ތައްޔާރުކުރައްވާފައިވާ ދާއިމީ ގޯއްޗެކެވެ. ދުވަހަކުވެސް އިންސާނެއްގެ ލޮލުން ނުދެކޭ، ކަންފަތަށް ނީވޭ، އަދި ހިތަށްވެސް ނުގެނެވޭ ކަންތައްތަކެއް އެތަނުގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17)
"ފަހެ އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ ލޮލަށް ފިނިކަން ދެނިވި ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."
އެތަނުގެ ބިނާތަކުގެ ގައުތައް ހުންނާނީ އެއްގައު ރަނުން އަނެއް ގައު ރިހިންނެވެ. އަދި ދެގަލުގެ ދޭތެރެ ބައްދާފައި ހުންނާނީ އަލްއަޛްފަރު (މިސްކުލް އަޛްފަރު) އިންނެވެ. އަދި އެތަނުގެ ބިމުގައިވަނީ ލުއުލުއު (އިތާ މުތް) އަދި ޔާޤޫތެވެ. އެތަނުގެ ވެއްޔަކީ ޒަޢްފަރާންއެވެ.
ސުވަރުގޭގައި ސަތޭކަ ދަރަޖަވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދޭތެރެ އުޑާއި ބިމާ ދެމެދުހާވެއެވެ. އޭގެ ތެރެއިން އެންމެ މަތީ ދަރަޖައަށް ކިޔަނީ ފިރުދައުސްއެވެ. އަދި އެތަނުގައި އޮހޮރިއަރާ ފެންއާރުތައް ވެއެވެ. ރަހަ ތަޣައްޔަރުވެމެއް ނެތް ފެނުގެ ކޯރުތަކެވެ. އަދި އޭގެ ރަހައަށް ބަދަލު ނާންނަ ކިރުގެ ކޯރުތައް ވެއެވެ. އަދި ބޯމީހުންނަށް މީރު މަސްތުވުމެއްނެތް ރަލުގެ ކޯރުތައްވެސް ވެއެވެ. އަދި މާމުއިގެ ކޯރުތައްވެސް ވެއެވެ.
ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ. އެމީހުންގެ އަނގާގައި ކުޅެއް ނުހުންނާނެއެވެ. އަދި ސޮންޖެއްވެސް ނުހުންނާނެއެވެ. އަދި އަރިދަފުސްވެސް ނުހުންނާނެއެވެ. އެމީހުން ބޮޑުކަމުދާން ނުޖެހޭނެއެވެ. އަދި ކުޑަކަމުދާން ނުޖެހޭނެއެވެ. އެމީހުންގެ ގައިން ބޭރުވަނީ ފެނެކެވެ. އަހަރެމެން މިދުނިޔޭގައި ދާހިތްލާފަދައެވެ. އަދި އެމީހުން ވާލެއްވުމާއެކު އެމީހުންގެ ޙާޖަތްފުދެއެވެ. އެމީހުންގެ ހަށިގަނޑުން ބޭރުވާ ފެނުގެ ވަހަކީ މިސްކެވެ.
އެތަނުގެ ތެލިތަށިވަނީ އެތެރެފެންނަ ރަނުންނާއި ރިހިންނެވެ. އެތަނުގެ އަންނައުނަކީ ފަށުވިއެވެ. އެތަނުގެ ގަހަނާއަކީ ރަނާއި މުތެވެ. އެތަނުގެ ތަޅަމަކީ ނުވަތަ ކާރޕެޓަކީ އިސްތަބްރަޤް (ތުނިފަށުވި) އެވެ. ކޮންމެ މީހަކަށް އެމީހެއްގެ ދެ އަނބީންކަމުގައި، ދުނިޔޭގައި ލިބިފައިވާ އަނބީންގެ އިތުރަށް ދެ ޙޫރުލްޢީނުން ވެއެވެ. ޝަހީދުންނަށް 70 ޙޫރުލް ޢީނުންވެއެވެ.
ސުވަރުގެ ވަންނަ ހުށީ ކޮންމެ 1000 މީހެއްގެ ތެރެއިން އެކަކެވެ. އަނެއް 999 މީހުންވާހުށީ ނަރަކާގައެވެ. ސުވަރުގޭގައި ފިރިހެނުންނަށް ރަނާއި ރިއްސާއި ފަށުވިވެސް ހުއްދައެވެ. އެމީހުން އެތަކެތީން ޒީނަތްތެރިވާނެތެވެ. ސުވަރުގޭގައި މީހަކާ ނީންނަ އެއްވެސް މީހަކު (އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް ނުވެއެވެ). އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. އެމީހުންގެ ލޮލުގެ ކޮއި ކަޅުކަން ގަދަވެފައި ލޮލުގެ ހުދުބައި ހުދުކަން ގަދަވާނެއެވެ. އަދި އެމީހުންގެ އިސްތަށިގަނޑު ރޭގަނޑުފަދައެވެ. އެމީހުން އެއްވެސް ފިރިހެނަކަށް ނުބަލާނެއެވެ. އެމީހުން މިހާރުވެސް ތިބޭނީ އެމީހުންނަށްޓަކައި ވާ މީހުންގެ އިންތިޒާރުގައެވެ. އެއީ ބިކުރުވެރިންނެވެ. އެއްފަހަރު ގުޅުން ހިންގުމަށްފަހު އަނެއްފަހަރު ގުޅުން ހިންގަންވާއިރަށް އެމީހުންނަށް ބިކުރުވެރިކަން ރުޖޫޢާވާނެއެވެ. އެމީހުންނަކީ ސާފުޠާހިރު ބަޔެކެވެ. އެމީހުން ބަލިނުވާނެއެވެ. ޙައިޟެއް ނުވާނެއެވެ. ބޮޑުކަމު ނުދާނެއެވެ. ކުޑަކަމު ނުދާނެއެވެ. ނިފާސްވެރި ނުވާނެއެވެ. އެމީހުންނަށްޓަކައި ވާ ފިރިހެނާނޫން އެހެން އެއްވެސް މީހަކާ ދިމާއަށް ނުވެސް ބަލާނެއެވެ. މޫނު އަލިވާނެއެވެ. މޫނު ހުދުކަން ގަދަވެފައި ލޮލުގެ ކަޅުކަން ގަދަވާނެއެވެ. ވަރަށް ރީތިވާނެއެވެ.
ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީ 33 އަހަރެވެ. ތިބާ ސުވަރުގެއަށް ވަންނައިރު ތިބާގެ ޢުމުރަކީ 33 އަހަރެވެ. ސުވަރުގޭގައި ތިބޭ ޙޫރުލް ޢީނުންގެ ޢުމުރަކީވެސް އެއީ އެވެ. އެކަމަކު އެމީހުން ހީވާނީ ޒުވާން ކަމުންގޮސް ޅަ ކުދިންކޮޅެއް ހެންނެވެ. ސާދަ ފަނަރަ އަހަރުގެ ކުދީން ފަދައިންނެވެ.
ސުވަރުގޭގެ އަހުލުވެރީންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތެވެ. އެ ނިޢުމަތް ލިބޭ ހިނދު އެ ނިޢުމަތުގެ މަތިވެރިކަމުގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ލިބިފައިވާ އެހެން ހުރިހާ ނިޢުމަތްތަކުގެ މަތީން ހަނދާން ނެތިގެން ދާނެއެވެ.
ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވެއްދުމަށްޓަކައި ނަރަކަ ގެނެވޭ ހިނދު ނަރަކައިގެ ދޮރުތައް ވަނީ ބަންދުކުރެވިގެންނެވެ. އެހެންނަމަވެސް ސުވަރުގޭގެ ދޮރުތައް ވަނީ ހުޅުވިގެންނެވެ. މީގެން ދޭހަވަނީ ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި ވާ މެހެމާންދާރީގެ އަވަސްކަމެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފުރިހަމަ ނިޢުމަތްތައް ލިބޭހުށީ ﷲ އަށް ބިރުވެތިވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވެ، މައިންބަފައިންނަށް އިޙްސާންތެރިވެ، ފަރުޟު ފަސްނަމާދު އޭގެ ވަޤުތުގައި ޤާއިމުކޮށް، ޒަކާތްދީ، ރޯދަހިފައި، ޞާލިޙް ޢަމަލުކޮށް، ﷲ ގެ މަގުގައި ހޭދަކޮށް، ފާފަތަކާއި މުންކަރާތްތަކުން ރައްކާތެރިވާ މީހުންނަށެވެ.
ސުވަރުގެއަށް ޝައުޤުވެރިވާށެވެ. އަހަރެމެންގެ ޙަޤީޤީ މަންޒިލަކީ އެއީއެވެ. ނަމަވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލަށް ދިޔުމަށްޓަކައި މި ހިނގެނީ ވަރަށް މަޑުންނެވެ. މިވަރަށް ހިނގައިގެން ދުވަހަކުވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލާ ހަމައަށް ވާޞިލްވެވިދާނެ ހެއްޔެވެ؟ މިދުނިޔޭގެ ޙަޔާތަކީ ކުރު ޙަޔާތެކެވެ. އެހެންކަމުން ސުވަރުގެއަށް އެދޭށެވެ. ތިބާގެ ޢަމަލުތައް ސުވަރުގެއަށް އެދޭ މީހެއްގެ ޢަމަލުތަކަކަށް ބަދަލުކޮށްލާށެވެ. ނިޔަތް ޚާލިޞްކުރާށެވެ. ދާއިމީ ގޮވައްޗަކީ އަދި ޙަޤީޤީ ހިތްހަމަޖެހުމުގެ މަރުކަޒަކީ ސުވަރުގެނޫން ދެވަނަ ތަނެއް ނޫނެވެ.

Read more...