Monday, April 19, 2010

ނަމާދު ވަޤުތުތަކަށް ފިހާރަތައް ބަންދުނުކުރަނީ ކީއްވެ؟


އަލްއަޚް އިބްނި ނޫޙް
ނަމާދަށް ބަންގިގޮވީމައި ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް ހުއްޓާލާފައި ނަމާދަށް ދިއުމަކީ ދުނިޔޭގެ ހުރިހާ މުސްލިމް ވިޔަފާރިވެރިން ކުރާކަމެކެވެ. ކުރަންޖެހޭނޭވެސް ކަމެކެވެ. ސަބަބަކީ މުސްލިމުންނަށް ނަމާދަށްވުރެ އިސްކަމެއްދޭންޖެހޭ އެހެންއެއްވެސް ކަމެއް ނޯންނާތީއެވެ.
ބަންގިގޮވީމާ ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް ހުއްޓާލާފައި ނަމާދަށް ދިއުމަކީ މިރާއްޖޭގައިވެސް ކުރާކަމެކެވެ. އަދި ނަމާދު ވަޤުތު ފިހާރަތައްފަދަ ބައެއް އެހެނިހެން ވިޔަފާރިތައް ކުރުމަކީ ކުރީގެ މައުމޫނު ސަރުކާރުން މަނާކޮށްފައިވާކަމެކެވެ. އަދި މިހާރުވެސް މަނާކަމެކެވެ. ނަމަވެސް ހިތާމައާއެކު ދަންނަވަންޖެހެނީ ބަންގިގޮވީމައި ވިޔަފާރިތައް ކުރުމުގެ އިތުރުން އެންމެންނަށް އެނގޭނޭހެން ދޮރުގައި އޯޕަން ބޯޑުޖަހައިގެން ވަރަށްގިނަ ފަރާތްތަކުން ވިޔަފާރިކުރަމުން މިހާރު ދާކަމެވެ. މިކަން މިގޮތަށް ހުއްދަކުރިކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގާފައެއް ނުވެއެވެ. އެހެންވެއްޖެކަމަށްވަންޏާ އެކުރަނީ މަނާކަމެކެވެ. އަދި ޤާނޫނީ ކުށެކެވެ. މިހެން ދެންނެވުމުން ބައެއްބޭފުޅުން ބުނެފާނެއެވެ. މަނާކަންތައް ނުކުރަނީ ކާކުހެއްޔެވެ. އޭގެ ޖަވާބުގައި ދަންނަވަންޖެހެނީ ކިތަންމެ ގިނަބަޔަކު ކުރިއަސް މަނާކަމެއްވާނީ ހަމަ މަނާކަމަކަށެވެ.

ޙަޤީޤަތަށް ދަންނަވަންޏާ ނަމާދުވަގުތަށް ފިހާރަތަކާއި ބައެއް އެހެނިހެން ވިޔަފާރި ކުރާތަންތަން ބަންދުކުރާގޮތަށް ހެދިކަމީ ކުރީގެ މައުމޫނު ސަރުކާރުން ކުރި ވަރަށްވެސް ރަނގަޅުކަމެކެވެ. އެގޮތަށް އެކަން ކޮށްފައިއޮތުމުން ވަރަށް ގިނަވިޔަފާރިވެރިން ނަމާދަށް ދެއެވެ. ނަމަވެސްމިހާރު ބަންގިގޮވީމައި ފިހާރަތައް ބަންދުނުކުރިއަސް އަޅާލާނެ ސަރުކާރެއް ނެތީމާ ވިޔަފާރިކުރުމުގައި މަޝްޣޫލުވެފައި ތިބެނީއެވެ. މިއީވަރަށް ހިތާމަހުރި ކަމެކެވެ. އެއްގޮތަކުންވިއްޔާ ބަންގިގޮވުމުން ހަމަ ވަގުތުން ވިޔަފާރި ހުއްޓާލާފައި ނަމާދަށް ދާންޖެހެއެވެ. އެއީ މުސްލިމަކަށް ވަންޏާއެވެ. އަނެއްގޮތަކުން ނަމާދަށް ނުދިޔަކަމުގައިވިޔަސް ފިހާރަ ބަންދު ކުރަންޖެހެއެވެ. އެއީ ފިހާރައިގައި އިނީ ކާފަރަކަށްވެފައި އަދި އިތުރަށް ސަރުކާރުން މަނާކޮށްފައިވާތީއެވެ.

އަޅުގަނޑުމެންގެ ފިހާރަތަކުގައި މިހާރު ސޭޓުންނަށް ގިނައިން ތިބެނީ "ބަންގާޅީން"ނެވެ. ގިނައީ މުސްލިމް ބަންގާޅީންނެވެ. ބަންގިގޮވީމައި ގިނަމީހުން ނަމާދަށްދާން ބޭނުންވެއެވެ. ނަމަވެސް "ބޮޑު" މީހާ ރުޅިއައިސްފާނެތީ ބަންދުކުރަން ނުކެރެނީއެވެ. އަދި ބަންގިގޮވީމައި ފިހާރަ ބަންދުކުރުން މަނާކޮށްފައިވެސް އޮންނަނީއެވެ.

މިއީ "މިރާއްޖޭގެ" ޙާލަތެވެ. ކުރާނެކަމެއްނެތެވެ. މިހާރުދެން މިއޮތީ އަނެއްކާވެސް އެހެން ރާއްޖެއެއް ފެނޭތޯ ފަތައިގަންނަން ޖެހިފައެވެ.

No comments:

Post a Comment