Sunday, February 28, 2010

އޭ ލޯބިވާ މަންމައާއި ބައްޕާއެވެ


އޭ ލޯބިވާ މަންމައާއި ބައްޕާއެވެ!

އަލްއަޚް އަޙްމަދު ރިމާޒް
މިސިޓީ ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތި ދެމަފިރިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ... އޭ ލޯބިވާ މަންމައާއި ބައްޕާއެވެ!

އޭ އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ މަންމާއެވެ!

އޭ އަހަރެންގެ ހިތުގެ ވިންދު ކަމުގައިވާ ބައްޕާއެވެ!

އަހަރެން މިސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ.

މިސިޓީ ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތި ދެމަފިރިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ.

އެކަމަކު، ވަޤުތު ފާއިތުވަނީއެވެ. ވަޤުތު ފާއިތުވުމުގެ ކުރިން މަންމަމެންނަށް އަހަރެންގެ ހިތުގައިމިވާ ކެކުޅުންތައް ބަޔާންކުރަން ބޭނުމެވެ.
އަހަރެން މިދުނިޔެއަށް އުފަންވި ދުވަހަކީ މަންމައާއި ބައްޕަ އެންމެ އުފާވި ދުވަސްކަން އަހަރެންނަށް އެނގެއެވެ. މަންމަމެން އެދުވަހު ވީ އުފަލުން ލޮލޮން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔައެވެ.

އެންމެ ރީތި ހެދުންތަކާއި ކުޅޭ ސާމާނު އަހަރެންނަށް ގަނެދިނެވެ.

އެއަށްފަހު އެންމެ މަތިވެރި ތަރުބިއްޔަތަކުން އަހަރެން ތަރުބިއްޔަތު ކުރީމުއެވެ.

އަދި އެންމެ މަތިވެރިވެގެންވާ ރީތި އަޚްލާޤީ ސިފަތަކުން އަހަރެން ޒީނަތްތެރި ކުރުވީމުއެވެ.

ﷲ ތިދެމައިންނަށް އެއިލާހުގެ ތަނަވަސް ރަޙްމަތުން ރަޙްމަތްލައްވާށިއެވެ! އަދި ގިނަގުނަވެގެންވާ ޘަވާބާއި ދަރުމަ ދެއްވާށިއެވެ!

ދުނިޔެއާއި އާޚިރަތުގައި ތި ދެމައިންގެ ޤަދަރު އުފުއްލަވާށިއެވެ!

އަދި ތި ދެމައިން ސުވަރުގޭގެ އެންމެ މަތީ ފިރްދައުސްގައި ލައްވާށިއެވެ!

އެކަމަކު މަންމަމެންގެ ވަޒީފާއާއި ހުރެ މަންމަމެންގެ ލޯތްބާއި އަޅާލުމާއި އެހީތެރިކަމުން ފަހުން މަޙްރޫމްވިއެވެ.

އަހަރެންގެ ޙާލުބަލާލާނެ ވަޤުތެއް މަންމަމެންނަކަށް ނުވެއެވެ.

އަހަރެންގެ ސްކޫލުގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކޮށްލާނެ ވަޤުތެއް މަންމަމެންނަކަށް ނުވެއެވެ.

އަހަރެންގެ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްކަމެއް މަންމަމެން ނުބަލަމުއެވެ.

އަހަރެން ގެއިން ބޭރަށްދަނީ ކީއްކުރަންކަމާއި ގެއަށް އެނބުރި އަންނަނީ ކޮންއިރަކުކަން މަންމަމެން ނުބަލަމުއެވެ.

އަހަރެންގެ ސުކޫލް ފޮތްތަކާއި، ރިޕޯޓްފޮތްވެސް ބަލާލާނެ ވަޤުތެއް މަންމަމެންނަކަށް ނުވެއެވެ.

ލޯބިވާ މަންމައާއި ބައްޕާއެވެ!

އަހަރެން ސްކޫލުދޮށުށް ބަލާ އަންނަ ގޭގެ މަސައްކަތުމީހާ ލަސްވެ، އެކަނި މާއެކަނި މަގުމަތީ އެތައް އިރަކު ހުންނަކަން މަންމަމެންނަށް އެނގޭހެއްޔެވެ؟

އެހެންކުދިންގެ މައިންބަފައިން އެކުދިންގެ އަތުގައި ހިފައިގެން ގެއަށް ގެންދާ މަންޒަރު އަހަރެންނަށް ފެނުމުން އެގޮތަށް އަހަރެންނާމެދު މަންމަމެން ކަންތައްކުރަން އަހަރެންވެސް ބޭނުންވާކަން މަންމަމެންނަށް އެނގޭހެއްޔެވެ؟

ސްކޫލުގެ ބައެއްފިލާވަޅުތައް އަހަރެންނަކަށް ދޭހައެއްނުވެއެވެ. އަދި ބައެއް ތަމްރީނުތައް އަމިއްލައަށް ހަދާކަށް އަހަރެންނަކަށް ނޭނގެއެވެ.

މިކަންތަކާ ހުރެ ކުލާހުގައި އަހަރެންނަށް އަދަބުދެވެނީ ކިހާވަރަކަށްކަން މަންމަމެންނަށް އެނގޭހެއްޔެވެ؟

ކޮންމެ ދުވަހަކު ކުލާހުގައި ހުރިހާ ކުދިންގެ ކުރިމަތީގައި މުދައްރިސުން އަހަރެންނާ ސުވާލުކުރެއެވެ.

އަހަރެން ފިލާވަޅުތައް ނުހަދާއަންނާތީއެވެ.

ސުވާލުތަކަށް ޖަވާބު ނުދެވޭތީއެވެ.

މުދައްރިސުން އަހަރެންގެ މަންމައާއި ބައްޕަކޮބާހޭ ސުވާލުކުރެއެވެ.

މަންމަމެން އަހަރެންނަށް އެހީތެރިނުވަނީ، އަހަރެންގެ ފޮތްތައް ނުބަލަނީ ކީއްވެހޭ ސުވާލުކުރެއެވެ.

ހުރިހާ ކުދިންގެ ކުރިމަތީގައި މިގޮތަށް ކަންތައް ވާ ކޮންމެ ހިނދަކު އަހަރެންގެ ހިތް ކުދިކުދި ވެގެންދެއެވެ.

އަހަރެންނަށް ގިސްލާރޮވެއެވެ.

މަންމަމެންނަށް އަޅެފަހެ މިކަން އެނގޭހެއްޔެވެ.

ސްކޫލަށް ގަޑިޖެހިގެންދާތީ ސުޕަވައިޒަރުން އަހަރެންނާ ސުވާލުކުރެއެވެ؟

އެހެންކުދިން އިންޓަވަލް ކުރަން އެއްޗެހި ގެންނައިރު އަހަރެން އިންޓަވަލް ކުރަން އެއްޗެއް ނުގެންދާކަން މަންމަމެންނަށް އިނގޭހެއްޔެވެ؟

އަހަރެން ކިޔަވަނީ ކޮން ކުލާހެއްގައިކަމާއި، ކޮން ގްރޭޑެއްގައިކަން މަންމަމެންނަށް އަޅެ އިނގޭހެއްޔެވެ؟

އަހަރެންގެ ރައްޓެހިން އަހަރެން ކައިރީގައި ބުނެއެވެ. އެކުދިންގެ މަންމަމެންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރާވާހަކައެވެ. އަދި އަހަރެންގެ ކައިރިން މަންމަމެންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރަންހޭ އެކުދިން ސުވާލުކުރެއެވެ؟

ލޯބިވާ މަންމައާއި ބައްޕާއެވެ! އެފަދަ ވަޤުތުތަކުގައި އަހަރެން ވަރަށް ދެރަވެއެވެ. އެކަމަކު މަންމަމެންގެ ޤަދަރާއި އިޙްތިރާމް އެކުދިންގެ ކުރިމަތީ ގެއްލި، މަންމަމެންނަށް މަލާމާތްކޮށް އިހާނެތި ބަހެއްބުނެފާނެކަމަށްޓަކައި އަހަރެން ދޮގުހަދަމެވެ. އަހަރެންވެސް މަންމަމެންނާއެކު ފިލާވަޅުތައް މުރާޖަޢަކުރީމެވެ.

އާއެކެވެ.......މަންމަމެންނަށްޓަކައި އަހަރެން އެކުދިން ކުރިމަތީގައި ދޮގުހަދަމެވެ.

މަންމަމެންދެކެ އަހަރެންވާ ލޯތްބެއްގެ ސަބަބުންނެވެ. މަންމަމެން ފަޟީހަތްވެދާނެތީ އަހަރެން މިއުޅެންޖެހޭ ޙާލު މަންމަމެންނަށް އެނގޭހެއްޔެވެ؟

ފާއިތުވެގެން މިދިޔަ އަހަރުތަކުގައި އަހަރެން ކުރަމުން މިއައި ހިތާމައާއި އިޙްސާސްކުރަމުންމިދާ ހިތްދަތިކަމުގެ ސަބަބުން ހިތްމިވަނީ ހަލާކުވާން ކައިރިވެފައެވެ. އަހަރެންގެ އަޑު މިވަނީ ކުރަކި ވެފައެވެ.

އަހަރެން ބޭނުންވަނީ ހަމައެކަނި ކާނެތަކެއްޗާއި ލާނެ އަންނައުނު ހޯދައިދޭ މައިންބަފައިންނެއް ނޫނެވެ.

އަހަރެން ބޭނުންވަނީ އަހަރެންނަށް އަޅާލާ، ލޯބިދޭނެ އަދި އަހަރެންގެ އުފަލާއި ހިތާމަތަކުގައި ބައިވެރިވާނެ މައިންބަފައިންނެވެ.

އަހަރެންނަށް އޯގާތެރިވާ، ނަޞޭޙަތްތެރިވެ، އިރުޝާދުދީ، އެހީތެރިވާނެ ނަމޫނާއެއްފަދަ މައިންބަފައިންނެވެ.

އަހަރެންނާ ތަފާތު ފާޑުފާޑުގެ ކުދިންނާ ދިމާވެއެވެ. އެކުދިންތައް ފާޑުފާޑުގެ ކަންތައްތަކަށް އަހަރެންނަށް ހިތްވަރުދީ ވަސްވާސްދެއެވެ. އަހަރެންނަށް މިކުދިންނަކީ ކޮންކަހަލަ ކުދިބައެއްކަމާއި، ރަޙްމަތްތެރިންގެ ގޮތުގައި އިޚްތިޔާރުކުރާނީ ކޮންކަހަލަ ސިފަތަކެއްހުރި ކުދިންކަން ބުނެދޭނީ ކާކުބާއެވެ؟

އަހަރެން ކުރާ ޢަމަލެއްގެ ސަބަބުން މަންމަމެންނަށް ހުތުރުނަމެއް ލިބުމުގެ ކުރިން އަހަރެންނަށް ހެޔޮނުބައި ބުނެދީބަލާށެވެ. އަހަރެން މަންމަމެންނަށް އުރެދޭކަށް ބޭނުމެއްނޫނެވެ. މަންމަމެން ކުރިމަތީގައި ޒުވާބު ކުރާކަށް ބޭނުމެއްނޫނެވެ. އަހަރެން ބޭނުމީ މަންމަމެން މާދަމާ އަހަރެންނާމެދު ފަޚުރުވެރިވާ މޮޅު ކުއްޖަކަށްވާށެވެ. މައިންބަފައިންނަށް ކިޔަމަންތެރި ޞާލިޙު ދަރިއަކަށްވާށެވެ. މަންމަމެންގެ ހެޔޮކަމުގެ ތިލަފަތަށް ބަރުކުރާ ފަރާތަކަށް ވާށެވެ.

ލޯބިވާ މަންމާއެވެ! ލޯބިވާ ބައްޕާއެވެ!

އަހަރެންގެ ޣަރަޤުވަމުން މިދާ އެކަނިވެރިކަމާއި ހިތާމައިގެ ފުންކަނޑުން އަހަރެން ސަލާމަތްކޮށް ރައްކާތެރިކަމުގެ އައްސޭރިއަށް އަހަރެން ގެންގޮސްދޭށެވެ.

އަހަރެން ހަލާކުވުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.

ގޯސްބަޔަކު އަހަރެންގެ އަތުގައި ހިފުމުގެކުރިން އަހަރެންގެ އަތުގައި ހިފައި ސަލާމަތްކޮށްދޭށެވެ.

Read more...

Monday, February 15, 2010

ވިލިނގިލީގައި އައްޝައިޚް އިލްޔާސް ޙުސެއިން ގެ ދަރުސެއް


ވިލިނގިލީގައި އައްޝައިޚް އިލްޔާސް ޙުސެއިން ގެ ދަރުސެއް



ވިލިމާލެ ޒުވާނުން އިސްނަގައިގެން 18 ފެބްރުއަރީ 2010 ވާ ބުރާސްފަތި ދުވަހުގެރޭ އެއަވަށުގައި ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "މިޢްރާޖްގެ ހަދިޔާ" މި މައުޟޫއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޙް އިލްޔާސް ހުސެއިން އެވެ. 20:45 ގައި ވިލިމާލެ ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެއްވުމަކީ ވިލިމާލެ ޒުވާނުންގެ ވަރަށްބޮޑު އެދުމެކެވެ.

އިތުރު މަޢުލޫމާތު : މުޙައްމަދު ނަސްރު 7778167


Read more...

Thursday, February 4, 2010

ސުވަރުގެއާއި އެތާގެ އަހުލުވެރިންގެ ނިޢުމަތްތައް

ސުވަރުގެއާއި އެތާގެ އަހުލުވެރިންގެ ނިޢުމަތްތައް
އަލްއަޚް މުޙައްމަދު ޝާފިޢު
ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ.

ސުވަރުގެ ނުވަތަ ޖަންނަތުގެ މާނައަކީ ބަގީޗާއެވެ. ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންގަތް އަޅުންނަށްޓަކައި އެއިލާހު ތައްޔާރުކުރައްވާފައިވާ ދާއިމީ ގޯއްޗެކެވެ. ދުވަހަކުވެސް އިންސާނެއްގެ ލޮލުން ނުދެކޭ، ކަންފަތަށް ނީވޭ، އަދި ހިތަށްވެސް ނުގެނެވޭ ކަންތައްތަކެއް އެތަނުގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17)
"ފަހެ އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ ލޮލަށް ފިނިކަން ދެނިވި ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."
އެތަނުގެ ބިނާތަކުގެ ގައުތައް ހުންނާނީ އެއްގައު ރަނުން އަނެއް ގައު ރިހިންނެވެ. އަދި ދެގަލުގެ ދޭތެރެ ބައްދާފައި ހުންނާނީ އަލްއަޛްފަރު (މިސްކުލް އަޛްފަރު) އިންނެވެ. އަދި އެތަނުގެ ބިމުގައިވަނީ ލުއުލުއު (އިތާ މުތް) އަދި ޔާޤޫތެވެ. އެތަނުގެ ވެއްޔަކީ ޒަޢްފަރާންއެވެ.
ސުވަރުގޭގައި ސަތޭކަ ދަރަޖަވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދޭތެރެ އުޑާއި ބިމާ ދެމެދުހާވެއެވެ. އޭގެ ތެރެއިން އެންމެ މަތީ ދަރަޖައަށް ކިޔަނީ ފިރުދައުސްއެވެ. އަދި އެތަނުގައި އޮހޮރިއަރާ ފެންއާރުތައް ވެއެވެ. ރަހަ ތަޣައްޔަރުވެމެއް ނެތް ފެނުގެ ކޯރުތަކެވެ. އަދި އޭގެ ރަހައަށް ބަދަލު ނާންނަ ކިރުގެ ކޯރުތައް ވެއެވެ. އަދި ބޯމީހުންނަށް މީރު މަސްތުވުމެއްނެތް ރަލުގެ ކޯރުތައްވެސް ވެއެވެ. އަދި މާމުއިގެ ކޯރުތައްވެސް ވެއެވެ.
ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ. އެމީހުންގެ އަނގާގައި ކުޅެއް ނުހުންނާނެއެވެ. އަދި ސޮންޖެއްވެސް ނުހުންނާނެއެވެ. އަދި އަރިދަފުސްވެސް ނުހުންނާނެއެވެ. އެމީހުން ބޮޑުކަމުދާން ނުޖެހޭނެއެވެ. އަދި ކުޑަކަމުދާން ނުޖެހޭނެއެވެ. އެމީހުންގެ ގައިން ބޭރުވަނީ ފެނެކެވެ. އަހަރެމެން މިދުނިޔޭގައި ދާހިތްލާފަދައެވެ. އަދި އެމީހުން ވާލެއްވުމާއެކު އެމީހުންގެ ޙާޖަތްފުދެއެވެ. އެމީހުންގެ ހަށިގަނޑުން ބޭރުވާ ފެނުގެ ވަހަކީ މިސްކެވެ.
އެތަނުގެ ތެލިތަށިވަނީ އެތެރެފެންނަ ރަނުންނާއި ރިހިންނެވެ. އެތަނުގެ އަންނައުނަކީ ފަށުވިއެވެ. އެތަނުގެ ގަހަނާއަކީ ރަނާއި މުތެވެ. އެތަނުގެ ތަޅަމަކީ ނުވަތަ ކާރޕެޓަކީ އިސްތަބްރަޤް (ތުނިފަށުވި) އެވެ. ކޮންމެ މީހަކަށް އެމީހެއްގެ ދެ އަނބީންކަމުގައި، ދުނިޔޭގައި ލިބިފައިވާ އަނބީންގެ އިތުރަށް ދެ ޙޫރުލްޢީނުން ވެއެވެ. ޝަހީދުންނަށް 70 ޙޫރުލް ޢީނުންވެއެވެ.
ސުވަރުގެ ވަންނަ ހުށީ ކޮންމެ 1000 މީހެއްގެ ތެރެއިން އެކަކެވެ. އަނެއް 999 މީހުންވާހުށީ ނަރަކާގައެވެ. ސުވަރުގޭގައި ފިރިހެނުންނަށް ރަނާއި ރިއްސާއި ފަށުވިވެސް ހުއްދައެވެ. އެމީހުން އެތަކެތީން ޒީނަތްތެރިވާނެތެވެ. ސުވަރުގޭގައި މީހަކާ ނީންނަ އެއްވެސް މީހަކު (އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް ނުވެއެވެ). އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. އެމީހުންގެ ލޮލުގެ ކޮއި ކަޅުކަން ގަދަވެފައި ލޮލުގެ ހުދުބައި ހުދުކަން ގަދަވާނެއެވެ. އަދި އެމީހުންގެ އިސްތަށިގަނޑު ރޭގަނޑުފަދައެވެ. އެމީހުން އެއްވެސް ފިރިހެނަކަށް ނުބަލާނެއެވެ. އެމީހުން މިހާރުވެސް ތިބޭނީ އެމީހުންނަށްޓަކައި ވާ މީހުންގެ އިންތިޒާރުގައެވެ. އެއީ ބިކުރުވެރިންނެވެ. އެއްފަހަރު ގުޅުން ހިންގުމަށްފަހު އަނެއްފަހަރު ގުޅުން ހިންގަންވާއިރަށް އެމީހުންނަށް ބިކުރުވެރިކަން ރުޖޫޢާވާނެއެވެ. އެމީހުންނަކީ ސާފުޠާހިރު ބަޔެކެވެ. އެމީހުން ބަލިނުވާނެއެވެ. ޙައިޟެއް ނުވާނެއެވެ. ބޮޑުކަމު ނުދާނެއެވެ. ކުޑަކަމު ނުދާނެއެވެ. ނިފާސްވެރި ނުވާނެއެވެ. އެމީހުންނަށްޓަކައި ވާ ފިރިހެނާނޫން އެހެން އެއްވެސް މީހަކާ ދިމާއަށް ނުވެސް ބަލާނެއެވެ. މޫނު އަލިވާނެއެވެ. މޫނު ހުދުކަން ގަދަވެފައި ލޮލުގެ ކަޅުކަން ގަދަވާނެއެވެ. ވަރަށް ރީތިވާނެއެވެ.
ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީ 33 އަހަރެވެ. ތިބާ ސުވަރުގެއަށް ވަންނައިރު ތިބާގެ ޢުމުރަކީ 33 އަހަރެވެ. ސުވަރުގޭގައި ތިބޭ ޙޫރުލް ޢީނުންގެ ޢުމުރަކީވެސް އެއީ އެވެ. އެކަމަކު އެމީހުން ހީވާނީ ޒުވާން ކަމުންގޮސް ޅަ ކުދިންކޮޅެއް ހެންނެވެ. ސާދަ ފަނަރަ އަހަރުގެ ކުދީން ފަދައިންނެވެ.
ސުވަރުގޭގެ އަހުލުވެރީންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތެވެ. އެ ނިޢުމަތް ލިބޭ ހިނދު އެ ނިޢުމަތުގެ މަތިވެރިކަމުގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ލިބިފައިވާ އެހެން ހުރިހާ ނިޢުމަތްތަކުގެ މަތީން ހަނދާން ނެތިގެން ދާނެއެވެ.
ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވެއްދުމަށްޓަކައި ނަރަކަ ގެނެވޭ ހިނދު ނަރަކައިގެ ދޮރުތައް ވަނީ ބަންދުކުރެވިގެންނެވެ. އެހެންނަމަވެސް ސުވަރުގޭގެ ދޮރުތައް ވަނީ ހުޅުވިގެންނެވެ. މީގެން ދޭހަވަނީ ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި ވާ މެހެމާންދާރީގެ އަވަސްކަމެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފުރިހަމަ ނިޢުމަތްތައް ލިބޭހުށީ ﷲ އަށް ބިރުވެތިވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވެ، މައިންބަފައިންނަށް އިޙްސާންތެރިވެ، ފަރުޟު ފަސްނަމާދު އޭގެ ވަޤުތުގައި ޤާއިމުކޮށް، ޒަކާތްދީ، ރޯދަހިފައި، ޞާލިޙް ޢަމަލުކޮށް، ﷲ ގެ މަގުގައި ހޭދަކޮށް، ފާފަތަކާއި މުންކަރާތްތަކުން ރައްކާތެރިވާ މީހުންނަށެވެ.
ސުވަރުގެއަށް ޝައުޤުވެރިވާށެވެ. އަހަރެމެންގެ ޙަޤީޤީ މަންޒިލަކީ އެއީއެވެ. ނަމަވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލަށް ދިޔުމަށްޓަކައި މި ހިނގެނީ ވަރަށް މަޑުންނެވެ. މިވަރަށް ހިނގައިގެން ދުވަހަކުވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލާ ހަމައަށް ވާޞިލްވެވިދާނެ ހެއްޔެވެ؟ މިދުނިޔޭގެ ޙަޔާތަކީ ކުރު ޙަޔާތެކެވެ. އެހެންކަމުން ސުވަރުގެއަށް އެދޭށެވެ. ތިބާގެ ޢަމަލުތައް ސުވަރުގެއަށް އެދޭ މީހެއްގެ ޢަމަލުތަކަކަށް ބަދަލުކޮށްލާށެވެ. ނިޔަތް ޚާލިޞްކުރާށެވެ. ދާއިމީ ގޮވައްޗަކީ އަދި ޙަޤީޤީ ހިތްހަމަޖެހުމުގެ މަރުކަޒަކީ ސުވަރުގެނޫން ދެވަނަ ތަނެއް ނޫނެވެ.

Read more...

Monday, December 28, 2009


ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ.

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد.

ކޮންމެ ދުވަހެއްގެ އިރު، އަރައި އޮއްސެނީ އިންސާނާއަށް މެސެޖްތަކެއްދެމުންނެވެ. ކޮންމެ އެއްޗަކަށް ވެސް އަޖަލެއް ކަނޑައެޅިފައިވާކަމުގެ މެސެޖެވެ. އެ އަޖަލު ޖެހުމާއެކީ އިންސާނާގެ އިރުވެސް އޮއްސޭނޭ ކަމުގެ މެސެޖެވެ. ނަމަވެސް މި މެސެޖްތަކުން ޢިބްރަތް ލިބިގަންނަނީ ފަހެ ކޮންބައެއްބާވައެވެ!

އާދެ! ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔެއަށް އަޅުގަނޑުމެން ފޮނުއްވެވީ ވަކި މުއްދަތަކަށެވެ. އަޅުގަނޑުމެންގެ ތެރެއިން ހެޔޮޢަމަލުކުރަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا " އެއިލާހަކީ މަރާއި ދިރުން ލެއްވެވި އިލާހެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން ހެޔޮޢަމަލު ކުރަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ." އެ މުއްދަތު ހަމަވުމާއެކީ އަޅުގަނޑުމެން މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހޭނެއެވެ. އެއީ ކިތަންމެ ޢުމުރުން ހަގު މީހެއް ކަމުގައި ވިއަސްމެއެވެ. إِذَا جَاء أَجَلُهُمْ فَلاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ " އެބައިމީހުންގެ އަޖަލުޖެހޭހިނދު، ފަހެ ހިނދުކޮޅެއްވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އަވަހެއްވެސް ނުމެކުރެވޭނޭމެއެވެ." ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟

މީސްތަކުން މިވަނީ ޣާފިލުކަމުގެ ނިދިން ނިދާފައެވެ. ދުނިޔޭގެ ކެހިވެރި މަޅީގައިޖެހިފައެވެ. މަރު މަތިން ހަނދާންނައްތާލާފައެވެ. އެހެން ޙަޔާތެއް ވާކަން އެބައިމީހުން ނުދަންނަކަހަލައެވެ. އެބައިމީހުން މިދުނިޔޭގައި ވޭތުކުރާ ކޮންމެ ސިކުންތަކީ އެއާ ބެހޭގޮތުން ސުވާލުވެވޭނޭ ސިކުންތެއްކަން އެބައިމީހުންނަށް ނޭނގޭކަހަލައެވެ. ކިޔަމަންތެރި އަޅުންނަށް ސުވަރުގެ، އަދި ނުކިޔަމަންތެރި އަޅުންނަށް ނަރަކަ ވާކަން އެބައިމީހުން ނުދަންނަކަހަލައެވެ. މިއީ އަޅުގަނޑުމެން ނިހާޔަތަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ދުނިޔޭގެ ޙަޔާތަކީ ދާއިމީ ޙަޔާތެއް ނޫނެވެ. މިއީ އިމްތިޙާން ހޯލެކެވެ. މިއީ ދާއިމީ ޙަޔާތް (އުޚްރަވީ ޙަޔާތް) ބާއްޖަވެރި ކުރުމަށްޓަކައި މަސައްކަތްކުރުމަށް އޮތް ޢަމަލުގެ ގޮވައްޗެވެ. އެހެންވީމާ ދާއިމީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މަަސައްކަތްކުރައްވަވާށެވެ. އެޙަޔާތަށްޓަކާ އަޅުގަނޑުމެން ތައްޔާރުކޮށްފައިވަނީ ކޮން އެއްޗެއްތޯ ބައްލަވާށެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲ އަށް ބިރުވެތިވާށެވެ. އަދި މާދަމާއަށްޓަކާ ކޮންމެނަފްސެއްވެސް ތައްޔާރުކޮށްފައިވަނީ ކޮން އެއްޗެއްތޯބަލާށެވެ. އަދި ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ޢަމަލުތައް ﷲ މޮޅަށްދެނެވޮޑިގެންވެއެވެ." މިއަދު (ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. މާދަމާ (ޤިޔާމަތްދުވަހު) އޮތީ ޙިސާބެވެ. ޢަމަލެއްނެތެވެ. އެހެންކަމުން ބުއްދިވެރިންނަކީ (މުއުމިނުންނަކީ)، ދާއިމީ ޙަޔާތަށްޓަކާ މިފަނާވަނިވި ދުނިޔޭގައި ގަދައަޅާ މަސައްކަތް ކުރާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. ليس للمؤمن راحة دون لقاء الله " ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުން(މަރު) ފިޔަވައި މުއުމިން އަޅާއަށް އަރާމެއްނުވެއެވެ." އަދި ރަސޫލުﷲ ޞައްލަﷲ ޢަލއިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. العبد المؤمن يستريح من تعب الدنيا وأذاها إلى رحمة الله " މުއުމިނުއަޅާއަށް، ދުނިޔޭގެ ވަރުބަލިކަމާއި ދަތިއުނދަގުލުން ސަލާމަތްވެ، އަރާމުލިބެނީ ﷲ ގެ ރަޙްމަތަށް އެނބުރިދިއުމުންނެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިދުނިޔޭގައި ދަތުރުވެރިއެއްގެ ގޮތުގައި ނުވަތަ މަގެއް ހުރަސްކުރާ މީހެއްގެ ގޮތުގައި އުޅުއްވަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ( كن في الدنيا كأنك غريب أو عابر سبيل ) " ދަތުރުވެރިޔެއް ފަދައިން ނުވަތަ މަގެއް ހުރަސްކުރާ މީހެއްފަދައިން ދުނިޔޭގައި އުޅޭށެވެ." ކޮންމެ ވަގުތެއްގައިވެސް މިދުނިޔެ ދޫކޮށް ދާއިމީ ޙަޔާތަށް ދާންޖެހިދާނެކަމަށް ވިސްނަވައި ތައްޔާރުވެލައްވަވައިގެން ހުންނަވާށެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ބަސްފުޅެއްގައި ވެއެވެ. إذا أمسيت فلا تنتظر الصباح، وإذا أصبحت فلا تنتظر المساء. " ހަވީރުވެއްޖެއްޔާ (ހެނދުނުވަންދެން ހުންނާނޭކަމަށް އުއްމީދުކޮށް) ހެދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ހެދުނުވެއްޖެއްޔާ (ހަވީރުވަންދެން ހުންނާނޭކަމަށް އުއްމީދުކޮށް) ހަވީރަށް އިންތިޒާރު ނުކުރާށެވެ." އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މި ޙަޔާތުގައި ލިބޭ ކުޑަކުޑަ ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އުއްމަތަށް ނަޞީޙަތް ދެއްވަވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. اغتنم خمسا قبل خمس " ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. " އޭގެ ތެރެއިން އެއް ކަމަކަށް އެކަލޭގެފާނު ޙަދީޘްފުޅުކުރައްވަވާފައިވަނީ حياتك قبل موتك " މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފަނާވަނިވި ދުނިޔޭގެ ކުޑަކުޑަ އުފަލަކަށްޓަކާ، ފަނާވުމެއްނެތް ދާއިމީޙަޔާތް ގެއްލެނި ނުކުރައްވަވާށެވެ. ތަޢާލާގެ ވަޙީ ބަސްފުޅެއްގައި ވެއެވެ.فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ " ފަހެ ދުނިޔަވީޙަޔާތް، ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ. އަދި ކެހިވެރީން(ޝައިޠާނުން)، ތިޔަބައިމީހުން ﷲ އާއިމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ." އަދި ޝައިޠާނާއަކީ އަޅުގަނޑުމެންގެ ޢަދުއްވެއްކަން ހަނދުމަފުޅު ބަހައްޓަވާށެވެ. އަޅުގަނޑުމެން ނާކާމިޔާބު އަޅުންތަކެއްކަމުގައި ހެދުމަކީ އެސޮރުގެ މަޤްޞަދެވެ. قَالَ فَبِمَا أَغْوَيْتَنِي لأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ * ثُمَّ لآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَآئِلِهِمْ وَلاَ تَجِدُ أَكْثَرَهُمْ شَاكِرِينَ " އޭނާ (އިބްލީސް) ބުންޏެވެ. އިބައިލާހު އަހަރެން ތެދުމަގުން އެއްކިބާކުރެއްވިފަދައިން ، އެބައިމީހުން (އިންސާނުން) އިބައިލާހުގެ ސީދާވެގެންވާމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. އެއަށްފަހު (ވަސްވާސްދިނުމަށް) އެބައިމީހުންގެ ކުރިމަތިންނާއި ފުރަގަހުންނާއި ކަނާތްފަރާތުންނާއި ވާތްފަރާތުން އަންނަހުށީމެވެ. އަދި އޭގެތެރެއިން ގިނަމީހުންނަކީ ޝުކުރުނުކުރާ އަޅުންތަކެއްކަމުގައި އިބައިލާހަށް ފެންނާނެތެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ގިނަގިނައިން މަރުމަތީން ހަނދުމަކުރައްވަވާށެވެ. އެހެނީ ގިނަގިނައިން މަރުހަދާންކުރުމަކީ މި ދުނިޔޭގެ ކެހިވެރިމަޅިތަކުން ސަލާމަތްވުމަށްޓަކައި ވާ މަގެކެވެ. އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތަށް ވަދެވަޑައިގެންނެވިއިރު ދުނިޔަވީ (ބޭކާރު) ވާހަކަތަކެއްގެ ތެރެއަށް ގެއްލިފައިތިބި ބަޔަކު އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު އެބައިމީހުންނަށް ޙަދީޘްފުޅުކުރެއްވިއެވެ. أما أنكم لو أكثرتم من ذكر هادم اللذات لشغلكم عما أرى فأكثروا ذكر هادم اللذات. " ދުނިޔޭގެ ލައްޒަތު ކަނޑުވާލާ (މަރު) މަތިން ހަނދާންކުރުން ތިޔަބައިމީހުން ގިނަކުރާނަމަ، ތިމަންކަލޭގެފާނަށް މި ފެނިވަޑައިގަންނަވާ ކަންތަކުން ތިޔަބައިމީހުން ދުރުކޮށް، އެހެންކަމެއްގައި ތިޔަބައިމީހުން މަޝްޣޫލުކުރުވީހެވެ. ފަހެ ދުނިޔޭގެ ލައްޒަތާއި މަލައްޒާތު ކަނޑުވާލާ (މަރު) މަތިން ގިނަގިނައިން ހަނދާންކުރާށެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަރަކީ އަޅުގަނޑުމެން ކޮންމެ މީހަކާވެސް ބައްދަލުކުރާނޭ އެއްޗެކެވެ. كُلُّ نَفْسٍ ذَائِقَةُ الْمَوْتِ " ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ." މިއަދު ޖަނާޒާ އުފުލަންތިބަ މީހުންގެ ޖަނާޒާ މާދަން އުފުލޭނެއެވެ. މިއަދު މައްޔިތާ ވަޅުލުމަށްފަހު އެނބުރި ގެއަށް އައިމީހުން މާދަމާ ވަޅުލެވޭނެއެވެ. އަދި ތިމަންނައަށްވީ އެންމެ ވިހިއަހަރޭ ނުވަތަ ތިރީސްއަހަރޭ ބުނެ އުޒުރެއް ނުދެއްކޭނެއެވެ. އެމީހެއްގެ އަޖަލު ހަމަވުމާއެކީ އޭނާގެ ފުރާނަ ގެންދެވޭނެއެވެ. ކިތަންމެވަރަކަށް ފިލަން މަސައްކަތް ކުރިކަމުގައިވިޔަސްމެއެވެ. قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ " ކަލޭގެފާނުވިދާޅުވާށެވެ. ހަމަކަށަވަރުން އެކަމަކުން ފިލަން ތިޔަބައިމީހުން މަސައްކަތްކުރާ މަރު، ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކާއިވެސް ބައްދަލުކުރާނެތެވެ." ކިތަންމެވަރަކަށް ގާޑުންނާއި ދޮރުފާރަވެރިން ބޭތިއްބި ކަމުގައި ވިޔަސް ސަލާމަތް ނުވެވޭނެއެވެ. أَيْنَمَا تَكُونُواْ يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ " ކޮންމެތަނެއްގައި ތިބި ކަމުގައިވިއަސް ތިޔަބައިމީހުންނާއި މަރު ބައްދަލުކުރާނެއެވެ. އެއީ އުސް ވަރުގަދަ ކިއްލާތަކެއްގައި ތިޔަބައިމީހުން ތިބި ކަމުގައިވީނަމަވެސް މެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެއްވެސް މަޚްލޫޤަކަށް މަރުން މިންޖުނުވެވޭނެއެވެ. އެއީ ﷲގެ ޙަޟްރަތުގައި ކިތަންމެ މާތް މަޚްލޫޤެއްކަމުގައި ވީނަމަވެސްމެއެވެ. އެއްވެސް މަޚުލޫގަކަށް މިންޖުވެވޭނޭނަމަ، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިންޖުވެވުނީހެވެ. އެކަލޭގެފާނަށްވެސް މަރާއި ބައްދަލުކުރައްވަވައި މި ދުނިޔެއަށް އަލްވަދާޢުކިޔުއްވަން ޖެހިވަޑައިގެންނެވީއެވެ. މަރުގެ ސަކަރާތާއި ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވީއެވެ. މަރަށް ޙާޟިރުވެވަޑައިގެންނެވި ވަގުތު އެކަލޭގެފާނުގެ ޠާހިރު ހަށިކޮޅުގައި ފެންލައްވަވަމުން އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. لا إله إلا الله إن للموت لسكرات " ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއްނުވެއެވެ. ހަމަކަށަވަރުން މަރަކީ ވޭންދެނިވި އެއްޗެކެވެ. " މީއީ ﷲ ގެ ޙަބީބް މަރަށް ޙާޟިރުވެވަޑައިގެންނެވި އިރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅެވެ. އެބޭކަލެއްގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާފައިވާ ކަލޭގެފާނު ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވި ކަންތަކެވެ. އެހެންވިމާ އަޅުގަނޑުމެންފަދަ، ﷲ ޙަރާމްކުރައްވަވާފައިވާ ކަމެއް އޮތްނަމަ އެކަމެއް ކުރަމުންދާ، ނިކަމެތިއަޅުންގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަރަކީ ވޭންދެނިވި އެއްޗެކެވެ. މުއުމިންއަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާ ދިއުމުގެ ފަސޭހަކަމާ އެކުވެސް އޭނާ މަރުގެ ސަކަރާތާއި ވޭން ތަޙައްމަލުކުރަންޖެހޭނެއެވެ. މިކަން އަޅުގަނޑުމެންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވެވަޑައިގެންނެވި ވަގުތު "މަރަކީ ވޭންދެނިވި އެއްޗެކެވެ" މިހެން ޙަދީޘްފުޅުކުރެއްވުމުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. ދެން އެހެންވީމާ ނުކިޔަމަންތެރި އަޅުން ކުރިމަތިލާން ޖޭހޭނޭ ވޭނާ މެދު ފިކުރުކުރައްވަވާށެވެ.

އާދެ! މުއުމިނު އަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާނޭގޮތް ބަޔާންކޮށް ދެއްވަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.( إِنَّ الْعَبْدَ الْمُؤْمِنَ ، إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا ، وَإِقْبَالٍ مِنَ الاخِرَةِ ، نَزَلَ إِلَيْهِ مَلائِكَةٌ مِنَ السَّمَاءِ ، بِيضُ الْوُجُوهِ كَأَنَّ وُجُوهَهُمُ الشَّمْسُ ، مَعَهُمْ كَفَنٌ مِنْ أَكْفَانِ الْجَنَّةِ ، وَحَنُوطٌ مِنْ حَنُوطِ الْجَنَّةِ حَتَّى يَجْلِسُوا مِنْهُ مَدَّ الْبَصَرِ ، ثُمَّ يَجِيءُ مَلَكُ الْمَوْتِ عَلَيْهِ السَّلام حَتَّى يَجْلِسَ عِنْدَ رَأْسِهِ ، فَيَقُولُ : أَيَّتُهَا النَّفْسُ الطَّيِّبَةُ ، اخْرُجِي إِلَى مَغْفِرَةٍ مِنَ اللَّهِ وَرِضْوَانٍ ، قَالَ : فَتَخْرُجُ تَسِيلُ كَمَا تَسِيلُ الْقَطْرَةُ مِنْ فِي السِّقَاءِ) " ހަމަކަށަވަރުން މުއުމިނުއަޅާ މި ދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަށް ކުރިމަތިލާންޖެހޭ ވަގުތު ޖެހުމުން، އެބޭކަލުންގެ މޫނު އިރުފަދައިން އަލިވެގެންވާ މަލާއިކަތް ބޭކަލުންތަކެއް،ސުވަރުގޭގެކަފުނާއި ހުވަދު ހިއްޕަވައިގެން އުޑުން ފައިބައިވަޑައިގެން އެ އިންސާނާގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި އޭނާގެ ލޮލުގެ ކޮޅަށް ކިރިޔާ ފެންނަ ހިސާބަށް އެބޭކަލުންގެ ސަފުދެމިގެންދާނެއެވެ. އެއަށްފަހު މަލަކުލްމައުތު ޢަލައިހިއްސަލާމް ވަޑައިގެން އޭނާގެ ބޮލުގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި ވިދާޅުވާނެއެވެ. އޭ ރަނގަޅު ( ހެޔޮލަފާ ) ފުރާނައާއެވެ. ﷲ ގެ މަޣުފިރަތާއި ރުހިވޮޑިގަތުމަށް ނިކުމެގެން އަންނާށެވެ. ދެން އެހިނދު އޭނާގެ ފުރާނަ، އެއްޗަކުން ފެން އޮހޮރިގެން އަންނަފަދައިން، އޭނާގެ ނަފްސާއި ވަކިވެގެންދާނެއެވެ." އަދި ނުކިޔަމަންތެރި އަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާނޭގޮތް ބަޔާންކޮށް ދެއްވަވައި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ.( وَإِنَّ الْعَبْدَ الْكَافِرَ ، إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا ، وَإِقْبَالٍ مِنَ الاخِرَةِ ، نَزَلَ إِلَيْهِ مِنَ السَّمَاءِ مَلائِكَةٌ سُودُ الْوُجُوهِ ، مَعَهُمُ الْمُسُوحُ ، فَيَجْلِسُونَ مِنْهُ مَدَّ الْبَصَرِ ، ثُمَّ يَجِيءُ مَلَكُ الْمَوْتِ ، حَتَّى يَجْلِسَ عِنْدَ رَأْسِهِ ، فَيَقُولُ : أَيَّتُهَا النَّفْسُ الْخَبِيثَةُ اخْرُجِي إِلَى سَخَطٍ مِنَ اللَّهِ وَغَضَبٍ ، قَالَ : فَتُفَرَّقُ فِي جَسَدِهِ ، فَيَنْتَزِعُهَا كَمَا يُنْتَزَعُ السَّفُّودُ مِنَ الصُّوفِ الْمَبْلُولِ ) " އަދި ހަމަކަށަވަރުން (ނުކިޔަމަންތެރި) ކާފިރުއަޅާ މި ދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަަށް ކުރިމަތިލާންޖެހޭ ވަގުތު ޖެހުމުން، އެބޭކަލުންގެ މޫނުތައް އަނދިރިވެގެންވާ މަލާއިކަތްބޭކަލުންތަކެއް، ނަރަކައިގެ ކަފުން ހިއްޕަވައިގެން އުޑުން ފައިބައިވަޑައިގެން އެ އިންސާނާގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި އޭނާގެ ލޮލުގެ ކޮޅަށް ކިރިޔާ ފެންނަ ހިސާބަށް އެބޭކަލުންގެ ސަފުދެމިގެންދާނެއެވެ. އެއަށްފަހު މަލަކުލްމައުތު ޢަލައިހިއްސަލާމް ވަޑައިގެން އޭނާގެ ބޮލުގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި ވިދާޅުވާނެއެވެ. އޭ ނުބައި ( ކާފިރު) ފުރާނައާއެވެ. ﷲ ގެ ޢަޒާބާއި ކޯފާއަށް ނިކުމެގެން އަންނާށެވެ. އެ ހިނދު އޭނާގެ ޖިސްމުގެ އެކިތަންތަނަށް އެ ފުރާނަ ފެތުރިގަންނާނެއެވެ. ދެން ތެތްކަފަގަނޑެއްގެތެރެއިން ކަށިއުލެއް ދަމާ ނެރޭ ފަދައިން އޭނާގެ ހަށިގަނޑުން (ގަދަކަމުން) އޭނާގެ ފުރާނަ ދަމާ ނެރެވޭ ހުއްޓެވެ. "

ތަޢާލާ ، އަޅުގަނޑުމެންނީ މަރު މަތިން ގިނަގިނައިން ހަނދުމަކުރާ މުއުމިނު އަޅުންތަކެއްކަމުގައި ލައްވާށިއެވެ. އަދި ފުރާނަ ފަސޭހަކަމާއެކު ހަށިގަނޑުން ވަކިވެގެންދާ ޞާލިޙު އަޅުންތަކެއްކަމުގައި ލައްވާށިއެވެ. އާމީން...

و صلى الله وسلم على نبينا وحبيبنا محمد وعلى آله وصحبه أجمعين. و الحمد لله رب العالمين.


Read more...