ޒަވާޖީ ޙަޔާތުގެ ނައު ދެވަނަ ބައި
4- ލޯބި
ކައިވެނީގެ ހަޔާތް އުފާވެރިކަމާއި އެކު ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ އެކައްޗަކީ ދެމަފިރީންގެ ދެމެދުގައިވާ ވަރުގަދަ ލޯތްބެވެ. ލޯބި ވަރަށް ގިނަގޮތްގޮތަށް މީހުން މާނަކޮށް އުޅެއެވެ. " ލޯތްބަކީ އެއީ ދެމަފިރީން އެކަކުއަނެކަކަށް އިޚުލާސް ތެރިވުން" މިއީ އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅު މާނައެވެ. ތިމާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ ކުރިމައްޗަށް ގޮސް ލޯބިވާކަން ބަޔާން ކުރާށެވެ. ދުލުންބުނާށެވެ. ދެން އޯގާތެރިވެ ކަމޭހިތާށެވެ.
މުޙައްމަދުގެ ޒަވާޖީ ހަޔާތުގެ ނައު ދުއްވުމަށްޓަކައި ރިޔާބޭނުމެއް ނުކުރެވެ. ރިޔަލަކީ ވައިން ދޯނި ދުއްވުމަށްޓަކައި ބޭނުންކުރާ ވަސީލަތެކެވެ. އެއީ ދޯނީގެ ބޭރުން އަންނަ އެއްޗެއް ކަމަށް ވާތީއެވެ. އެހެންނަމަވެސް މުޙައްމަދުމެން ދެމަފިރީންގެ ޒަވާޖީ ޙަޔާތުގެ ނައު ދުވަނީ ބޭރުން އަންނަ އެއްޗެއްގެ ސަބަބަކުންނޫނެވެ. މުޖުތަމައުގެ ނުފޫޒަކުންނޫނެވެ. ކައިވެނީގެ ޙަޔާތް ކުރިއަށް ދަނީ މުޖުތަމައުދެކެ ގަންނަ ލަދަކުން ވެސް ނުމެނޫންމެވެ.
ކޮންމެއަކަސް މުޙައްމަދާއި ފާތުންގެ ނައު ނެރުން ނެރެ ދަތުރު ފަށައިފިއެވެ. ފާތުން ގޮސް ދުރުމި ނެގިއެވެ. ދުރުމި ނަގައި ކުރިމަތީން ފެންނަންއޮތް ރަށާދިމާއަށް ބަލާލިއެވެ. މުޅި ޖައްވު ފެނުނީ ރަތްކުލައިގައެވެ. މުހައްމަދު ވެސް ދުރުމި އަޅާލިއެވެ. ތެދެކެވެ. ފެންނަނީ ރަތް ކުލައިގައެވެ. މުޙައްމަދު ދުރުމީގެ ކުރީ ބިއްލޫރިގަނޑު ބަލާލިއެވެ. އޭގައި ހުރީ މަހުލޭ އުނގުޅިފައެވެ. ލޭތައް ފޮހެލުމަށް ފަހުބަލާލިއެވެ. ވަރަށް ސާފުކޮށް އެރަށް ފެންނަން އޮތެވެ.
5- އަނެކާގެ ލޮލުން ބަލާށެވެ.
ތިމާގެ ހަޔާތުގެ ބައިވެރިޔާ ކަންކަމާމެދު ދެކޭގޮތް ނުވަތަ ހާލަތު ދެނެގަތުމަށްޓަކައި އެންމެފުރަތަމަ ބައިވެރިޔާ ތަސައްވަރު ކުރާގޮތް ބަލާށެވެ. މިއީ ކައިވެނީގެ ހަޔާތް އުފާވެރިކަމާއި އެކު ގެންދިޔުމަށްޓަކައި އެންމެސަމާލުވާންޖެހޭ އެއްކަމެވެ.
އަޅުގަނޑު އެއްދުވަހަކު މަދީނާގެ ގެއަކަށް ކުރަހައިދޭން ދިޔައީމެވެ. އަޅުގަނޑުދިޔައީ ދިވެހިރާއްޖޭގެ ރީތިމަންޒަރުތައް ހުރި ޕޯސްޓުކާޑުތަކެއް ހިފައިގެންނެވެ. އަޅުގަނޑު އެގޭގެ ވެރިމީހާއަށް އެ ޕޯސްޓުކާޑުތަށް ދެއްކީމެވެ. އޭނާ އޭގެތެރެއިން އެންމެގަޔާވީ އިރުއޮއްސޭ މަންޒަރާއެވެ. އެގެއެއްގައި ކުރަހާނީ އެގެއެއްގެ ވެރިމީހާއަށް ރީތިއެއްޗެކެވެ. އޭނަގެ ލޮލަށް ރީތި މަންޒަރެކެވެ. އަޅުގަނޑަކަށް އެގޭގައި ކުރަހާނެ އެއްޗަކާ މެދު މާގިނައިރަކު ވިސްނާކަށް ނުޖެހުނެވެ.
އަދި އެއްދުވަހަކު އަޅުގަނޑު ރެސްޓޯރަންޓަކަށް ދިޔައީމެވެ. އަޅުގަނޑުމެންނަށް ޚިދުމަތް ކޮށްދޭން އައީ ބަނގްލަދޭޝްގެ ވޭޓަރެކެވެ. ނަމާއި ރަށާ، އޭނާ ޝައުގުވެރިވާ މިފަދަ ސުވާލުތަކާއި ވާހަކަތަށް އަޅުގަނޑު އޭނާޔާ ދެއްކީމެވެ. އޭނާވަރަށް ޝައުގުވެރިކަމާއެކު އަޑުއެހިއެވެ. އަދި އަޅުގަނޑުމެންނަށް އޭނާގެ ޚަރަދުގައި ކޮފީ އަކަށް ދައުވަތުވެސް ދިނެވެ.
ކޮންމެ އަކަސް މުޙައްމަދުގެ ނައު ކަނޑުގައި ދަތުރުކުރަމުން ދެއެވެ. މުޙައްމަދު މާސިންގާ ކަނޑަށް ނަޒަރު ހިންގާލިއެވެ. މުޙައްމަދުގެ ނަޒަރުގޮސް ހުއްޓުނީ މާވަހަރެއް ކަހަލަ އެއްޗަކާ ދިމާއަށެވެ. އޭނާ ނަވަށް އެއެއްޗެއް ނެގިއެވެ. އަސްތާ! އެއީ މާވަހަރެކެވެ. މާވަހަރަކީ މަހެއްގެ ބަނޑުން ނުކުންނަ އެއްޗެކެވެ. އެމަހަށް އެއީ އެއްވެސް އަގެއް ހުންނަ އެއްޗެއް ކަމަކަށް ނުވެއެވެ. އެކަމަކު އިންސާނުންނަށްއެއީ ވަރަށް އަގުހުރި އެއްޗެކެވެ.
No comments:
Post a Comment