Tuesday, April 28, 2009

ވާހަކަ

ވާހަކަ
ވާހަކައަކީ އަދަބިއްޔާތުގެ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. މުޖްތަމަޢެއްގެ ވިސްނުން ބައްޓަންކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ އެއްޗެކެވެ. އަދި މުޖްތަމަޢެއްގެ ފިކުރާއި ވިސްނުން ދައްކައިދޭ ލޯގަނޑެކެވެ.
މިހާރަކަށް އައިސް ދިވެހިބަހުން ލިޔެފައި ހުންނަ ގިނަ ވާހަކަތަކުގައި ހުންނަނީ ކޮންމެވެސް ލޯބީގެ ވާހަކައެކެވެ. އޭލިޔަނުންގެ ވާހަކައިން ފެށިގެން ގޮސް، ބިރުވެރި ވާހަކަތަކާއި، ކޮންމެވެސް ބޮއްޔެއްގެ ތެރެއިން ރޫޙާނީ އެއްޗެއް ނުކުންނަ ވާހަކަތައް ފަދަ ބުއްދީގެ ތަރާދުގައި އެއްވެސް ބަރުދަނެއް ނެތް ވާހަކަތައް ވަރަށް ގިނައެވެ.
މުޖްތަމަޢުގެ ވިސްނުން ބައްޓަންކުރުމުގައި ވާހަކައަށް ދެވިފައިވާ މަޤާމަކީ މިއަށްވުރެ ހަރުދަނާ މަޤާމެކެވެ. ޚުރާފާތްތަކާއި ބޯދާ ޤަބޫލުކުރުންތައް މުޖްތަމަޢުގައި އަށަގަތުމަށް މަގުފަހިވާފަދަ ވާހަކަތައް ލިޔުމުގެ ބަދަލުގައި ވާހަކަލިޔުންތެރީން ސަމާލުކަން ދޭންޖެހޭނީ މުޖްތަމަޢުގައި ހުރި އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތައް ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމަށާއި އެފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތަޞައްވުރެއް ކިޔުންތެރިންނަށް ހުށަހަޅައިދިނުމަށެވެ.
މިހާރު ދިވެހި މުޖްތަމަޢުގައި މިއޮތީ ފެންތައްތެއް ގެނެސްދޭ ހިސާބުން ފެންތަށީގައި ހިފުމުގެ ބަދަލުގައި އަތުގައި ހިފުމެއް ނޫނެވެ. އަދި އެރޭ ނިދަން އޮށޯންނަމުން ލޯ މަރާލާއިރަށް އެއްކަލަ ފެންތަށީގައި ހިފި މަންޒަރު ފީތާއެއްގެ ސިފައިގައި ރޯލުވަމުން ދިޔުމެއްވެސް ނޫނެވެ. ދިވެހި ވާހަކަތައްވެސް މިހާރު މިއަށްވުރެ ތަޞައްރަފު ފުދެން ވެއްޖެއެވެ.
ވާހަކައެއް ކިޔާލުމުން އެއީ ހަމައެކަނީ ވަޤުތު ގެއްލުމުގެ ބަދަލުގައި އެ ޤުރުބާންވެގެންދާ ވަޤުތުތަކުގެ ބަދަލުގައި ރަނގަޅު ޢިބްރަތެއް، ނުވަތަ ޙަޔާތަށް އިތުރު ކުރިއެރުމެއް، ނުވަތަ ޙަޔާތުގައި ޖެހިފައިވާ މައްސަލައިގެ ގޮށެއް މޮހާލެވޭ ނުވަތަ ޙަޔާތުގައި މަގު އޮޅިފައިވާ މީހަކު ސަރާސަރު މަގަށް ނުކުމެވޭ ފަދަ ވާހަކައަކަށް ވެއްޖެނަމަ ވާހަކައިގެ އަޞްލު މަޤްޞަދު ޙާޞިލްވީއެވެ.


No comments:

Post a Comment