Wednesday, May 6, 2009

އިސްލާމީ ޙުކުމްތައް އެސްޓިމޭޓް އުސޫލުން


ޙަމްދާއި ޘަނާ ހުރީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ހުރީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މި މާތް ޞަލަވާތުގައި އެކަލޭގެފާނުގެ އިތުރު އާލު އަޞްޙާބުން ޝާމިލް ކުރަމެވެ.

އިސްލާމް ދީނަކީ ކޮންމެ ކޮންމެ ބަޔަކަށް އެއާބެހޭ ގޮތުން ވާހަކަ ދެއްކެން އޮތް "ތާއްޕާހެއް" ނޫނެވެ. ކަމެއް އެސްޓިމޭޓްގެ އުސޫލުން ދޫކުރެވުނު ކަމުގައިވިޔަސް އެކަމަށް ކުރިމަތިލާނީ، އެކަމަށް އެކަށީގެންވާ މީހުންނެވެ. މާތް ﷲ މަތިވެރި ކުރެއްވި މި ދީން ބާއްވައި ލައްވަވައި އެ ފެތުރުއްވުމުގެ މަތިވެރި މަސްއޫލިއްޔަތު ދެއްވެވީ " ތާއްޕާހުގެ " އުސޫލު ގެންގުޅޭ ފަދަ ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭފަދަ، އޭރަކު ޖެހޭ އޮއިވަރަކަށް އަނގަ ހުޅުވައިގެން ހުންނަ ފަދަ މީހަކާ އެއްނޫނެވެ. އެމަތިވެރި މަސްއޫލިއްޔަތު ހަވާލު ކުރެއްވެވީ އިލާހީ ތަރުބިއްޔަތުން ތަރުބިއްޔަތު ލިބިގެންވާ މާތް މަތިވެރި ބޭކަލަކާއެވެ. އެކަލޭގެފާނު ވަނީ އެމަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމައަށް އަދާ ކުރައްވާފައެވެ. އެކަލޭގެފާނަކީ އެއީ ﷲ ގެ މި ދީން ޙިމާޔަތް ކުރެއްވުމަށް ﷲ މެދުވެރި ކުރެއްވި ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައި މިދީން ޙިމާޔަތް ކުރެއްވުމުގެ މިންނެތް މަސައްކަތާ ޙަވާލުވީ އެކަލޭގެފާނުގެ ޕްރިންސިޕަލް ކަމުގެ ދަށުން ފުރިހަމައަށް ތަޢްލީމް ޙާޞިލްކުރެއްވެވި ދަރިވަރުން، އާދެ އެކަލޭގެފާނުގެ ޞަޙަބީންނެވެ. ޞަޙާބީންގެ ތެރެއިންވެސް ކޮންމެ ކޮންމެ ބޭކަލަކީ ދީނުގެ ޙުކުމްތަކާ ބެހޭ ގޮތުން ވާހަކަ ވިދާޅުވާ ބޭފުޅެއްނޫނެވެ. ދެން އެއަށްފަހު އެކަމާއި ޙަވާލުވީ މާތްނަބިޔްޔާގެ ވާރިޘުންނެވެ. އާދެ ޢިލްމުވެރީންނެވެ.

އެހެންނަމަވެސް މިއަދު ހިތާމަ އަކީ ކޮމްޕިޔުޓަރ ސައިންސް ކިޔަވައިގެން އަންނަ މީހާ ޕާން ފިހަން އެނގެޔޭ ކިޔައިގެން ފޫގަޅައިގެން އުޅޭކަމެވެ. މިފަދަ މީހާ ފިހާ ޕާން، ވާނީ ކޮން އެއްޗަކަށް ތޯއެވެ.

ދީން ފެތުރުމަށް، ނޫނީ ދީނާ ބެހޭ ވާހަކަ ދެއްކުމަށް ﷲ ވަނީ ބަޔަކު ކަނޑަ އަޅުއްވާ އެމީހުންނަށް އެކަމުގެ ހުއްދަދެއްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ؛ (( فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ )) = ސޫރަތު އައްނަޙްލް 43 = މާނައީ؛ " ކަމެއްގައި ތިޔަބައި މީހުންނަށް އޮޅުންއަރައި، ނޭނގޭނަމަ އެކަމެއްގެ ޢިލްމު ލިބިގެންތިބި މީހުން ކައިރިން އަހާށެވެ."

މިތަނުގައި މިއޮތީ ޖެހިގެން ހުރިމީހާ ކައިރިން އަހާށޭ ހެއްޔެވެ. ނޫނީ އަޑައް ބާރުލާފައި ޞައްޙަ ޙަދީޘު ރަނގަޅަށް ކިޔާފައި ހިތުހުރި ގޮތަކަށް މާނަކުރާ މީހުން ކައިރިން އަހާށޭހެއްޔެވެ.

އޮޅުވާލަން ނޫޅޭށެވެ. އަޅުގަނޑުމެންގެ މަސްތަށް ކޮށާ ކައްޓާ ވަކިކޮށްފަ ބެހެއްޓި ކަމުގައިވިޔަސް އިރާދަ ކުރެއްވިއްޔާ "އިސްލާމް އިސްލާމް" މިހެން ގޮވަމުން މާތް ﷲގެ އެއްކައުވަންތަ ކަމުގެ ކަލިމަ " لا إله إلا الله " ގޮވަމުން ގެންދާނެއެވެ. ފެއިލްވާނީ ހަމަ ފުރައްސާރަ ކުރާ މީހުންނެވެ. ކުރިންވެސް ފެއިލްވީ ފަދައިންނެވެ. އިސްލާމްދީންގެ ވާހަކަ ދެއްކޭނީ އެސްޓިމޭޓުންވެސް އަދި އެނޫން ގޮތަކުންވެސް އެކަމުގެ އަހުލުވެރީންނަށެވެ. ހަނދާން ކުރާށެވެ. ހިސާބު ޢިލްމަށް މޮޅުވިޔަސް ތަރިކަ މުދާ ބަހާކަށް ނޭނގޭނެއެވެ. އެކަމާ ޙަސަދަވެރިވެ " ޖޭ " ނުވާށެވެ.

" އެންމެ ފުރިހަމަ މުސްލިމުން، މެދުމިނުގެ މުސްލިމުން، ކުޑަކޮށް މުސްލިމުން، ކިރިޔާ މުސްލިމުންގެ ރަހަ ޖެހިފައިތިބި މުސްލިމުން" މުނާފިގު މުސްލިމުން، މި އޮތީ ޔަހުޔާ ކާޅުހިފާ އުސޫލުން ނޫނީ ކަނުމީހަކު އެއްލި ގާގަޑެއް އޭނަ ބޭނުންވާ ތަނުގައި ޖެހޭ ފަދައިން މިފަހަރު މިއޮތީ ހެޔޮ ވާހަކައެއް އޮޅިގެންނަމަވެސް ބުނެވިފައެވެ.

މީ މިކަން އިލާހީ ހަޒުރަތުގައިވެސް ވާގޮތެވެ. ސުވަރުގޭގައި ތަފާތު ދަރަޖަ ތައް ކަނޑަ އަޅުއްވާފައި ވަނީ އެކި މީހުންގެ " މުސްލިމް " ކަމާއި " މުއުމިން" ކަމާ ތަފާތު ވީމާކަން ކަށަވަރެވެ. މާތް ﷲ ވަޙީކުރެއްވިއެވެ؛ ((أُولَئِكَ هُمُ الْمُؤْمِنُونَ حَقًّا لَهُمْ دَرَجَاتٌ عِنْدَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ )) = ސޫރަތުލް އަންފާލް 04 = މާނައަކީ؛ = " ޙައްގު ގޮތުގައި ތިބި ތެދުވެރި މުއުމިނުންނަކީ ހަމަ އެބައި މީހުންނެވެ. މަތިވެރި ދަރަޖަތަކާއި ފާފަ ފުއްސެވުމާއި ދީލަތި ދެއްވުންތައް އެކަލާނގެ ޙަޒުރަތުގައި އެބައިމީހުންނަށް ވެއެވެ." އަދި މާތް ނަބިއްޔާ މުޙަމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِيْ الدُّنْيَا فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا " މާނައަކީ؛ " ދުނިޔަވީ ޙަޔާތުގައި ޤުރްއާނަށް އަހައްމިއްޔަތުކަން ދިން، ޤުރްއާނުގެ އަހުލުވެރީންނަށް ޤިޔާމަތްދުވަހުން ބުނެވޭ ހުއްޓެވެ. ކިޔަވަމުން މައްޗަށް އަރަމުން ގެންދާށެވެ. ފަހެ ހަމަ ކަށަވަރުން ތިބާގެ އެންމެ ފަހު އާޔަތް ކިޔަވައި ނިމޭހިސާބަކީ ތިބާގެ މަންޒިލެވެ." މި ދަލީލުތަކުން ވަރަށް ސާފްކޮށް ސުވަރުގޭގައި ދަރަޖަތަށް ވާކަން އެބަ އެނގެއެވެ.

ނަރަކައިގެވެސް ވަނީ އެކި ދަރަޖަތަކަށް ބަހާލެވިފައެވެ. ތިޔަބުނާ ގޮތަށް ނުބެހި އޮންނަނަމަ ހެޔޮ ކަމުގައި ކުރިއަރައި ނުގޮސް ތިޔަކަހަލަ، " މީހުން އަޑުއަހާ ހިއްވާ ހަގީގަތާއި ޚިލާފު " ވާހަކަތައް ދައްކަ ދައްކާ ތިބެންވީ ނޫން ހެއްޔެވެ.

އެހެންނަމަވެސް މިދުނިޔޭގައި އިންސާނާ ލައްވަވާ، މަރުވުމާއި ދިރުއްވުން ލެއްވެވީ އެއްމެ ހެޔޮ ޢަމަލު ކުރަނީ ކޮންބައެއްތޯ ބައްލަވައި ވޮޑިގަތުމަށްޓަކައިނޫންތޯއެވެ. މާތް ﷲ ވަޙީ ކުރެއިވި އެވެ. (( الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً )) = ސޫރަތުލް މުލްކް 02 = މާނައަކީ؛ " އެކަލާނގެ ތިޔަބައިމީހުންގެ ތެރެއިން އެއްމެ ހެޔޮ ޢަމަލު ކުރަނީ ކޮން ބައެއްތޯ ބެއްލެވުމަށްޓަކައި މަރުވުމާއި ދިރުއްވުން ލެއްވެވިއެވެ. "

އިސްލާމްދީނުގައި ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކަނީ އެކަމަކާ އެންމެ މުނާސަބު ވަގުތު ބަލާފައެވެ. ހަމަ ސްޓޭޖަކުން ޖާގަ ލިބޭހާ އަވަހަކަށް ހުރިހާވާހަކައެއް ދެއްކުން އެއީ އިސްލާމްދީނުގެ ސިޔާސަތެއްނޫނެވެ. މާތް ނަބިއްޔާ 360 ބުދު ގެފުޅުވަށައިގެން ހުރި އިރުގަ ޠަވާފުކުރެއްވިކަން އެނގިފައި ނެތީތޯއެވެ. މޫސާގެފާނާއި ހާރޫނުގެފާނަށް ފިރުޢައުނާ ރީތިބަހުން މުޚާޠަބުކުރަން ހަތް އުޑު މަތިން ވަޙީގެ މަތިވެރި ބަސްފުޅު އައިކަން ނޭގެނީ ތޯއެވެ. ދެންވެސް ކުށް ގަބޫލުކޮށް ތައުބާވެ ފައިކުރި ތަނބި ކައްޓާ ހަމައަށް ނޫނީ އެއަށް ވުރެ މައްޗަށް ބަހައްޓާށެވެ. އެއީ އެކަން ދީނުގައި އޮތްގޮތެވެ. އެކަމަށް ހަޖޫ ނުޖަހާށެވެ. ކޮންމެ ސިފައެއްގައި ތިރި ކުރިކަމުގައި ވިޔަސް ވަޢީދުގެ އެކި މޭރުމުން ވާރިދު ވެފައިވާ ޢަޛާބުން ޢަޛާބެއް ލިބޭނެތީއެވެ.

މިއަދު ބޮޑާވެގެން، 100 ވަރަކަށް އަހަރު ގިނަވެގެން އުޅެލެވިދާނެއެވެ. އެކަމަކު ދެންދާން އޮތް ޙަޔާތުގެ " ކައުންޓް ޑައުން " ( ދުވަސްތައް ގުނާނީ ) ކޮން ހިސާބެއް ބޭނުންކޮށްގެން ތޯއެވެ.

ތަނބިކައްޓަށް ވުރެ މަތީގައި އިޒާރު ބެހެއްޓުމަށް އަމުރު ކުރެއްވީ ބަކަރި ގުއި އުނގުޅޭތީ ކަމަށް ތިޔަ ހީކުރަނީ އޮޅިގެންނެވެ. ހަމަ އެދުވަސްވަރު ލޮބުވެތި ޖިންސުއްލަޠީފުންނަށް ތަނބިކަށިން ފެށިގެން މުށަކަށް ހެދުން ދިގުކުރައްވަންވެސް އަމުރު އައެވެ. މިވަރުން ވެސް ނުފުދޭ ހެއްޔެވެ. ދީނަށާއި މާތް ނަބިއްޔާ ގެ ސުންނަތަށް ހަޖޫ ޖެހިޔަސް އަމިއްލަ ނަފްސަށްމެނުވީ އެކަމުން ގެއްލުމެއް ނުކުރާނެއެވެ. ﷲ ވަޙީކުރެއްވިއެވެ؛ (( إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ )) = ސޫރަތުލް ޙިޖްރް 95 = މާނައަކީ؛ " ކަލޭގެފަނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ކަލޭގެފާނުސަލާމަތް ކުރައްވައި ފުއްދަވައި ދެއްވަމެވެ."

މާތް ނަބިއްޔާގެ އެ ހެޔޮ ޢަމަލު ފުޅު ހުރިގޮތުން އެކަމާ ނާއުއްމީދުވީ މީހުންވެސް މިލިޔަނުން ގުނާލެވެއެވެ. = މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.=

2 comments:

  1. salam. i have posted ur blog's link on my blog

    salaam

    ReplyDelete
  2. salam!k thanks jazaakallah
    salaam

    ReplyDelete