Thursday, May 14, 2009



މިއަދުވެސް އިއްޔެފަދައެވެ. ބަދަލެއް ނުވެއެވެ. ބަދަލުކުރާނަމޭ ބުންޏެވެ. އެތައްފަހަރަކު ބުންޏެވެ. ހަރު އަޑުން ބުންޏެވެ. ނަމަވެސް ބަދަލެއް ނުކުރެއެވެ. އޭރު އެބުނީ ކޮންކަމެއް ބަދަލުކުރާނޭ ވާހަކަބާވައެވެ؟
ބަދަލެއް ނުވެއެވެ. ބަދަލުދެކެ ބިރު ގަންނަނީ ކީއްވެބާއެވެ؟ ހަމަގައިމުވެސް ބަދަލު ނުވާނަމަ ފޫހިވެއްޖައީހެވެ. ބަދަލު ނުވާނަމަ އަބަދު ތަކުރާރުކުރުމުގެ ސަބަބުން މާޔޫސްވެއްޖައީހެވެ.
ހަމަ އެއްކުލަތަކެކެވެ. ލޮލަށް އާ ކުލަތަކެއް ނޫނެވެ. ކުރީގައި މަޑުކޮށް ހުރި ބައެއް ކުލަތައް މިހާރު ތަންކޮޅެއް ގަދަހެން ހީވެއެވެ.
ހަމަ އެއް ވާހަކަތަކެކެވެ. އެއްވެސް ތަފާތެއްނެތެވެ. ވިސްނުމާއި ފިކުރަށް ޙަލަލެއް އައިސްފިހެން ހީވާން ފަށައިފިއެވެ. ވާހަކަދައްކާ ބައެއްފަހަރު ދަނީ ސޮއްސާލައިގެންނެވެ.
ހަރު އިހާ އޮއްވައި ޅަ އިހަލުން އެ އަޅަނީ ޅަ އެއްޗިހި މާ މީރުވީމަކަމަށް ވެދާނެއެވެ.
ބަދަލާ ބައްދަލުނުވެގެން މިއުޅޭނީ ބަދަލު މާ ބާރަށް ދުވާތީބާވައެވެ؟ ނޫނީ ބަދަލު ދާ މަގުން ނޫން އެހެން މަގަކުން ދެވެނީ ބާވައެވެ؟
މިލިޔުމާމެދު ސިޔާސީ ވިސްނުމަކުން ވިސްނާނީ ވަރަށް ސިޔާސީ މީހެކެވެ. މިހާރު މީހުން ސިޔާސީވެފައި ތިބޭވަރަކީ ހޮޓަލެއްގައި ސައިބޯން އިނދެފައި ބަޖިޔާއެއް ނެގިޔަސް އޭގެ ތިންކަނަށް ނިސްބަތްކޮށް ބުނާނެއެވެ. މިއީ ވެރިކަން ހިންގުމުގެ ބާރު ، މިއީ ޤާނޫނު ހެދުމުގެ ބާރު އަދި މިއީ ޢަދުލް އިންސާފު ޤާއިމުކުރުމުގެ ބާރު، އަހަރެން މިހާރު މިއުޅެނީ ތިންބާރު ވަކިކޮށްލާށޭ ކިޔައި ބަޖިޔާ ކާލަފާނެއެވެ.
މިއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކު ބަދަލުވާނަމޭ ކިޔަކިޔާ އަދިވެސް ހުންނާތީ ހިތުގައި ހުރި ޝުޢޫރުތަކެއް މިތާނގައި ލިޔެލީއެވެ.
ބަދަލުނުވަންޏާ ބަދަލުވެއްޖެކަން ޤަބޫލުކުރާނީ ބަދަލުނުވާ މީހެކެވެ.

No comments:

Post a Comment