Thursday, May 28, 2009

ރައީސް ނާސިރުގެ މަހާނަ ހިމެނިގެންދާ ގޮތަށް ޒިޔާރަތެއް ހަދައިފި


ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ މަހާނަ ހިމެނިގެންދާ ގޮތަށް ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ޒިޔާރާތެއް ހަދައިފިއެވެ. އަދި މި ޒިޔާރާތް ހެދުމަށްފަހު މިހާރުވަނީ ޢާންމުކޮށް އެތަން ހާމަކޮށްލާފައެވެ. ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވީ މި މަގުބަރާ ހެދުމާއި ގުޅިގެން "ސެންސިޓިވް އިޝޫތައް" އުޅޭ ކަމަށާއި ބައެއް ފަރާތްތަކުން އެއީ ހުންނަން ޖެހޭނެ އެއްޗެއްކަމަށް ދެކޭއިރު އެކަމާ ދެކޮޅު ހަދާ ފަރާތްތައް ވެސް އުޅޭކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނެފައިވަނީ ޒިޔާރަތުގެ ގޮތުގައި ނިސްބަތްކުރާ ބިސްތާނުތައް ހެދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެއީ މަކުރޫޙަ ކަމެއް ކަމަށެވެ. އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުالله ބިން މުޙައްމަދު އިބްރާހީމް ރާއްޖެއިސްލާމަށް ދެއްވި ބަސްދީގަތުމެއްގައި އެފަދަ ޒިޔާރަތެއް ހެދޭނޭ އެއްވެސް ގޮތެއް ދީނުގައި ނެތް ކަމަށާއި އެއީ ކަނޑައެޅިގެން ދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަމުގައެވެ. އަދި އެއީ ކަނޑައެޅިގެން ޝިރުކުގެ ވަޞީލަތެއް ކަމުގައެވެ.

ދިވެހިރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި މިފަދަ ޝިރުކަށް މަގުފަހިވާ ފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ދިވެހި އެއްވެސް ދަރިއަކު އެކަމަކަށް ރުހި ޤަބޫލުވާނޭ ކަމެއް ނޫނެވެ. ވީމާ ދިވެހިރާއްޖޭގެ މި ލޮބުވެތި މުސްލިމް ރައްޔިތުންގެ ޢަޤީދާއަށް ބުރޫއަރައި ކިލަނބުވެދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހިރާއްޖޭގެ އެންމެހައި މުސްލިމް އަޚުންނާއި އުޚްތުންގެ ނަމުގަޔާއި ރާއްޖެއިސްލާމްގެ ނަމުގައި ދިވެހި ސަރުކާރަށް ވަރަށް ހަރުކަށި ޢިބާރާތުން ގޮވާލަމެވެ.

No comments:

Post a Comment