Monday, June 29, 2009

ލަވަޔާއި މިޔުޒިކް: މުންކަރާތްތަކަށް މަގުދައްކާ ސަމުގާއެއް


ލަވަޔާއި މިޔުޒިކް އީމާންތެރިކަން ބަލިކަށިކުރާކަމަށް ބުނުމުން ވަރަށްގިނަބަޔަކު މިކަމާދެކޮޅުހަދާނެކަމަށް އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ސަބަބަކީ މިއަދު މިޔުޒިކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބައިކަމުގަ ވެފައިވުމެވެ. އެންމެފަހުން ކަންތަށް ނިމިގެންދާނީ އެހެންބުނާމީހަކު އެއީ ބުއްދިގޯސްވެފައިވާ ސިކުނޑި ހަމަޔަށް މަސައްކަތްނުކުރާ އަދުގެދުނިޔެ ދެކެމުންމިދާ ތަހުޒީބާއި ތަރައްގީ ނުދަންނަ ކުރީޒަމާނުގެ ބޯދާ މީހެއްކަމުގައި ސިއްކަ ޖެހިގެންނެވެ. އެންމެކުޑަ ދުވަހުންފެށިގެ އަޅުގަނޑުމެންނަށް އަޑުއިވި ދަސްވެފައި މިވަނީ މިޔުޒިކަކީ ސިކުނޑީގެ ކާނާކަމުގައެވެ. ވުމާއެކު ލަވައަޑުނާހާމީހަކު މިޔުޒިކަށް ލޯބިނުކުރާމީހަކު އެމީހަކަށް ސިކުނޑީގެ ކާނާނުލިބޭނެ ދޮގެއްތޯއެވެ. ސިކުނޑީގެ ކާނާނުލިބި ސިކުނޑި މަސައްކަތެއް ނުކުރާނެ ނުންހެއްޔެވެ.

މިއަދު އަޅުގަނޑުމެންގެތެރޭގައި ލަވަޔާއި މިޔުޒިކް ދިރުވާއާލާކުރުމަށް ސަރުކާރާއި، ވަކިވަކި ފަރުދުންނާއި، ތަފާތު ކްލަބް، ޖަމުޢިއްޔާ ޖަމާއަތްތަށް ވަނީ އަތުކުރި އޮޅާލާފައެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގެއެވެ. މިކަމަށްޓަކާ ކޮންމެއަހަރަކު ބޭއްވޭ މުބާރާތްތަކާއި،ހިތްވަރު ދިނުމުގެ އިނާމާއި، ތަފާތު އެވޯޑްތަށް ހިމެނެއެވެ. ކަންކަން މައްޗަށް ގިނަވެފައި އަތުންފައިން މަސައްކަތެއް ނުކޮށްތިބޭ ޒުވާނުންނަށް އެބައިމީހުންގެ އަގުހުރި ވަގުތު ހެޔޮގޮތުގައި ބޭނުންކުރާނޭ މަގު ދައްކައިދެނީކަމުގައި ބުނަމުންނެވެ. ސްކޫލްކުދިންގެ ލަވަ މުބާރާތަކީ މިގޮތުން އަޅައިދޭ ބިންގަލެއްކަމުގައި އަޅުގަނޑުދެކެމެވެ.

މީގެ އަހަރުތަކެއްކުރިން މާލޭގައި ބޭއްވި ޝޯވއެކެވެ. "ޓާން އިން މިޔުޒިކް ޓާންއޯފް ޑްރަގްސް" މިޝިއާރުގެ ދަށުންނެވެ. ޑްރަގާއި ދުރުހެލިވެ މިޔުޒިކަށް އެނބުރި އަންނާށޭ އެވެ. މިހަރަކާތުގައި ރާއްޖޭގެ ވަރަށްގިނަ ފަންނާނުން ބައިވެރިވެ، މަސްތުވާތަކެއްޗާ ދެކޮޅަށް އަޑުއުފުލާ މީހުންހޭލުންތެރި ކުރުމަށް މަސައްކަތް ކުރިއެވެ. އޭގެތެރެއިން އެކަކީ އޭރުގެ މަޝްހޫރު އަކަސަކަ ބޭންޑްގެ ލަވަކިޔުންތެރިޔާ ސަމީއު އެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ އިވިގެންދިޔަ ޚަބަރަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ސަމީއު ހައްޔަރުކުރިވާހަކައެވެ. މިއީ ލަވަޔާއި މިޔުޒިކްގައި ދެމިހުރުމުގެ ނަތީޖާކަމުގައި ގަބޫލުކުރަނީ ކިތައް މީހުންބާއެވެ.

މިއަދު މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ވަނީ އޭރު އެހަރަކާތުގައި ބައިވެރިވި މީހުންގެތެރެއިން ކިތަށް ކިތަށް ފަންނާނުން، މިޔުޒިކްކުޅުންތެރިން ތޯއެވެ. އަޅުގަނޑުގެ ނަސޭހަތަކީ މަސްތުވާތަކެއްޗާ ދުރުހެލިވާން ބޭނުންނަމަ މިޔުޒިކާވެސް ދުރުހެލިވާށެވެ. އަދި ފުރިހަމައަށް ދީނަށް ރުޖޫއަވާށެވެ.

މީގެކުޑަދުވަސްކޮޅެއް ކުރިން މާލެތެރޭގައި މާރާމާރިއާއި ވަށްކަންކުރުން ގިނަވެގެންދިއުމުން އެކަން ހައްލުކުރުމަށްޓަކާ މާލޭގެ އެކިހިސާބުތަކުގައި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހުނެވެ. އަޅުގަނޑު ހިތަށްއަރަނީ މިގޮތަށް މިކަން ހައްލުކުރެވިދާނެބާއެވެ. މީގެކުރީގައި ހިންގުނު މިފަދަ ޕްރޮގްރާމްތަކުން އިބްރަތް ހާސިލްކޮށްގެން ކުރިއަށް ދިއުން ނެތީތޯއެވެ. މީގެ އަހަރުތަކެއް ކުރިން މާލޭގައި 'ހަފްތާނިންމުން' މިނަމުގައި، ދެކުނު ހާބަރުގައި ބާއްވަމުން އައި ޝޯވ އެކެވެ. މި ޝޯވ ބަލަން ދާމީހުންގެ ތެރެއިން ކޮންމެވެސް ދެބައިމީހެއްގެ މެދުގައި ހަމަނުޖެހުމެއް، މާރާމާރި އެއް ނުހިނގާ އެންމެރެއެއްވެސް ދިޔަތޯއެވެ. ނުވަތަ އެތަނުގައި ރޭޕްކޭސް އެއް ފެންމަތިނުވެ އެންމެ ޝޯވއެއްވެސް ނިންމާލެވުނުތޯއެވެ.

މިއަދު އޅުގަނޑުމެންގެތެރޭގައި ކަންހިނގާމަގަކީ ކޮންމެކަމަކާ ގުޅުވައިގެންވެސް ލަވައެއް ހަދަންއެބަ ޖެހެއެވެ. ސިޔާސީ ޕާޓީއެއް، ކްލަބް ޖަމމުޢިއްޔާއެއް ވިއަސް ޕާޓީގެ ނުވަތަ ޖަމްޢިއްޔާގެ ލަވަ ފާސްކުރަން އެބަޖެހެއެވެ.

އަޅުގަނޑުގެ ކުރީގެ ރައްޓިއްސަކު މިޔުޒިކްގައި ޖެހި، އުޅުމާއި ގުޅުން ބަދަލުވީ ހީވެސްނުކުރާހާ އަވަހަށެވެ. އެންމެ ފުރަތަމަ ފޯނުން ލަވަ އަޑުއަހަންފެށީއެވެ. އޭގެފަހުން (ލަވަޔާއި މިޔުޒިކާއި ގުޅޭ) ޢިލްމުވެރިންގެ ބަސް ދޮގުކުރީއެވެ. އަދި ބުނަންފެށިއެވެ. މިޔުޒިކްގެ ސަބަބުން އެއްވެސް ކަމެއް ނުވެއެވެ. އަހަރެންވެސް މިހިރީނުންހެއްޔެވެ. މާގިނަދުވަސްތަކެއްނުވެ، އަޅުކަން ކުރުމުގައި ފަރުވާކުޑަވެ، ނަމާދު އަޅަން ފެށިއެވެ. އަދި ދީނާއި ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ. މީހާމުޅިން ބަދަލުވެއްޖެއެވެ. ކުރީގައި އޭނާގެ މޫނުމަތިން މާތް ނަބިއްޔާ(ސ.އ.ވ)ގެ ސުންނަތް ވިދާބަބުޅައެވެ. ނަމަވެސް އެއީ މާޒީއެވެ. މިހާރު އެއީ "އެންމެ މިޒަމާނުގެ" ޒުވާނެކެވެ. ފޯނުން ލަވައެއްޖަހައިގެން މިޔުޒިކާއެއްވަރަށް މުޅިމީހާތެޅެމުން، ހަތަރުފަސް ސިނގިރޭޓް ހުލިކުރާއިރު ހުންނާނީ ވަރަށްވެސް ހަމަޖެހިފަ ދޮގެއްތޯއެވެ.

1 comment: