Saturday, October 10, 2009

ދުނިޔެއަށް މަޝްހޫރު އިސްލާމީ ދާޢީ އައްޝައިޚް ސަޢީދު އައްޒަޔާނީ ކުއްލި ޙާދިޡާއެއްގައި ނިޔާވެއްޖެ



އައްޝައިޚް ސަޢީދު އައްޒަޔާނީ - ރަޙިމަހުﷲ

ދުނިޔެއަށް މަޝްހޫރު އިސްލާމީ ދާޢީ އައްޝައިޚް ސަޢީދު އައްޒަޔާނީ ކުއްލި ޙާދިޡާއެއްގައި ނިޔާވެއްޖެ


ބުރާސްފަތި ދުވަހުގެ ހަވީރު މަޝްހޫރު އިސްލާމީ ދާޢީ އައްޝައިޚް ސަޢީދު އައްޒަޔާނީ ސަޢްދީ ޢަރަބިއްޔާއިން އެމިރޭޓްސްއަށް ވަޑައިގެން މަގުމަތީ އަބޫދާބީގެ ކައިރިން ހިނގާދިޔަ ކާރު އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ. ޝޭޚްގެ މައްޗައްކުރެވޭ ޖަނާޒާ އޮންނާނީ މިއަދުގެ ޢަސްރުނަމާދައްފަހު އައްޝާރިޤާ ގެ މަސްޖިދުއްޞަޙާބާގައެވެ.

އަައްޝާރިޤާއަކީ އެމެރޭޓްސްގައި ޝޭޚް ދިރިއުޅުއްވަމުން ގެދެވި އަވަށެވެ. ޝޭޚް އުފަންވެ ވަޑައިގެންފައިވަނީ އައްރިބާޠޭ ކިޔޭ މަޣްރިބް (މޮރޮކޯ) ގެ ރަށެއްގައެވެ. ޝޭޚަކީ ކުރިން ޓީވީ އަދި ރޭޑިޔޯގެ ޕްރޮގްރާމްތަކުގައި މަޝްހޫރު ފަންނާނެއްގޮތުގައި އުޅުމަށްފަހު ﷲގެ ރަޙްމަތުން ތެދުމަގަށް ރުޖޫޢަވެ ދީނުގެ މަތިވެރި ޢިލްމު ޙާޞިލްކުރައްވާ އިސްލާމްދީނުގެ ދަޢްވަތު ފެތުރުއްވުމަށް މުޅި އިސްލާމީ އުއްމަތުގައި ބުރަމަސައްކަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ދާޢީ އެކެވެ. މިގޮތުން ޤަޠަރު ސަރުކާރުގެ ނޫސް މަޖައްލާތަކާއި ރޭޑިޔޯ ޓީވީގެ ޕްރޮގްރާމްތަކުގައި ދީނީ ވަޢުޒު ނަޞޭޙަތް ދެއްވުމާއި ސަރުކާރުގެ ޚަޠީބެއްގޮތުން 1993ން ފެށިގެން ޙަރަކާތްތެރިވެ ލައްވާފައިވެއެވެ. އޭގެ އިތުރުން ޝޭޚްގެ ނަޝާޠަށްޓަކައި ( ހީވާގިކަމަށްޓަކައި) ޤަޠަރު ސަރުކާރުން އެޤައުމުގެ ޖިންސިއްޔަތު (ރައްވެހިކަން) ދެއްވާފައިވެއެވެ. މީގެ އިތުރުން އެންމެފަހުން ދިރިއުޅުއްވަމުންގެންދެވި އެމެރޭޓްސްގެ ޝާރިޤާގައި ވަރަށްގިނަ ޙަރަކާތް ތަކެއްހިންގަވަމުން ގެންދެވިއެވެ. ވޭތުވެދިޔަ 25 ށް އަހަރުގެ ތެރޭގައި ޝޭޚްގެ ޚިދްމަތް އިސްލާމީ އުންމަތަށް ލިބިލިބި ހުއްޓެވެ.

މީގެ 10ވަރަކަށް އަހަރު ކުރިން ސަޢޫދީ ޢަރަބިއްޔާގެ އޭރުގެ މުފްތީ ސަމާޙަތުއް ޝައިޚް އަލްޢައްލާމާ ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ގެ ޖަނާޒާގައި ބައިވެރިވެލެއްވުމަށްފަހު މައްކާއިން އެނބުރި ޤަޠަރަށް ވަޑައިގެންނެވުމުގެ ތެރޭގައި ސަޢްދީ ޢަރަބިއްޔާގެ ޠާއިފްކައިރިން ހައިވޭއެއްގައި ޝޭޚް ދުއްވަމުންގެންދެވި ކާރުގެ ފުރޮޅު ފަޅައިގެންދިއުމުގެ ޙާދިޡާއެއްގައި ވަނީ ޠާއިފްގެ މަލިކް ފައިޞަލް ހޮސްޕިޓަލުގައި 4ދުވަހުގެ މުއްދަތައް އެޑްމިޓްކުރެވި ފަރުވާދެވިފައެވެ. އެމުއްދަތުގެ ތެރޭގައި ޝޭޚްގެ ޑޮކްޓަރުންގެ ގޮތުގައި ޙަރަކާތްތެރިވި ޢިލްމާނީ ( ސެކިއުލަރ) ފިކުރުގެ 2 ޑޮކްޓަރުން ވަނީ ޝޭޚްގެ މުޢާމަލާތްތަކާއި ނަޞޭޙަތުގެ ސަބަބުން ތައުބާވެ އިސްލާޙްވެފައެވެ.

އެފަހަރުގެެ އެކްސިޑެންޓް ހިނގާދިޔަދުވަހުގެ ކުރީން އެރޭ ޝޭޚްގެ އަނބިކަނބަލުންނަަށް ހުވަފެނުގައި ޝޭޚް އެކްސިޑެންޓްވެ ބޮޑެތި އަނިޔާތަކެއް ވެގެންއުޅޭތަން ފެނިފައެވެ.. އޭގެ 10 އަހަރުފަހުން ޝޭޚް މިވަނީ ކާރްއެކްސިޑެންޓެއްގައި ﷲގެ ރަޙްމަތަށް ދަތުރުކޮށްފައެވެ.

އިސްލާމީ އުންމަތައް ޝޭޚް ކޮށްދެއްވާފައިވާ މިންނަތް މަސައްކަތް ، ޝޭޚްގެ ހެޔޮކަމުގެ ތިލަފަތުގައި ލައްވާށިއެވެ. ޝޭޚްގެ ފުރާނަޔަށް ﷲ ތަޢާލާ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވާށިއެވެ. އާމީން



ކުރީފަހަރުގެ އެކްސިޑެންޓް ހިނގާދިޔައިރު ޝޭޚް ދުއްވަމުންގެންދެވި ކާރު

No comments:

Post a Comment