Saturday, July 25, 2009

މިނިވަން ދުވަސް



މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މީހުންގެ ޝުޢޫރުތައް އެކި ގޮތްގޮތަށް ފާހަގަ ކުރަމުންދާ މަންޒަރު ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުން އެބަދެއެވެ. މިދަނޑިވަޅުގައި މިކަމާއި ގުޅިގެން އަޅުގަނޑުގެ ހިތަށް އަރާ ފައިބަމުންދާ ޝުޢޫރުތައްވެސް ފާޅުކޮށްލާ ހިތްވެއެވެ. މި ރާއްޖޭގެ އެއްދިމާލަކުން ފެންނަމުން ދަނީ އަންހެން ކުދިންތައް އެކުދިންގެ ވަނާތަކަށް އެއްވެސް އުނިކަމެއް ނާންނާނޭހެން ފަހާފައިވާ ހެދުންތައް ލައިގެން މީސްތަކުންގެ ކުރިމަތީގައި ބަނޑިޔާ ޖަހަމުންދާތަނެވެ. އަނެއްދިމާލަކުން ފެންނަމުންދަނީ އަންހެނުންނާއި ފިރިހެނުން އެކުވެ މަސްހުނިވެގެން ކުޅެފައިވާ ޑްރާމާ ނުވަތަ މަންޒަރުތަކެވެ. ދެން އެނބުރިލައިފި ކޮންމެ ދިމާލަކުން ފެންނަނީ ސްޓޭޖްތައް މަތިން ލައިވްކޮށް ނުވަތަ ވަގުތުން ގެނެސްދެމުންދާ މިއުޒިކް ޝޯވތަކެވެ. މިއިން ކޮންމެ ކަމަކާއިމެދު ވިސްނާލިކަމުގައި ވިޔަސް ސިކުނޑި ސުމަކަށް ދާވަރުވެއެވެ. އަޅެފަހެ މިއީ މުސްލިމުން އުޅޭ ތަނެއްގައި ކުރުން ހެޔޮވާވަރުގެ ކަންތައް ބާވައެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމުގެ ނަމުގައި އަންހެނުންނާއި ފިރިހެނުން އެއްވެސް ލަދެއްނެތި މީސްތަކުންގެ ތެރޭގައި ހަރަކާތްތެރި ވަމުންދާ މަންޒަރުތައް ލޮލުން ބެލުމަކީ ވެސް ނުހަނު ލަދުވެތިކަމެކެވެ. ވީއިރު މިފަދަ ޢަމަލުތައް ކުރާ މީހުންގެ ކިބައިގައި ލަދުވެތިކަން ހުންނާނީ ކިހާވަރަކަށް ބާވައެވެ. ވިސްނާލައިފި ކޮންމެ މީހަކަށް އޮޅުމެއްނެތި އިނގޭނެފަދައިން އަޅުގަނޑުމެންގެ މުޖްތަމައިން މިފެންނަމުންދާ ސިފަތަކަކީ މުސްލިމުންގެ އަޚްލާޤާއި މުޅިން އިދިކޮޅު ސިފަތަކެވެ.

އަޅުގަނޑު ހިތުން މުސްލިމުން ފާހަގަ ކުރަންވީ ރަނގަޅު ދުވަސްތަކާއި އެދުވަސްތައް ފާހަގަކުރަންވީ ރީތި ގޮތްތައް ވަނީ ވަރަށް ސާފުކޮށް ބަޔާންވެ އިނގެންށެވެ. ވީމާ އިސްލާމީ މުޖްތަމަޢެއްގައި މިފަދަ ނޭދެވޭ ގޮތްގޮތަށް ދުވަސްތަށް ފާހަގަކުރަމުން ދިޔުމަކީ ނުހަނު ހިތާމަ ހުރިކަމެކެވެ.

No comments:

Post a Comment