Tuesday, October 20, 2009

އޭ ރައީސް މުޙައްމަދު ނަޝީދުއެވެ. ތިޔަ ދިޔައީ ހައްދު ފަހަނައަޅައެވެ.


އޭ ރައީސް މުޙައްމަދު ނަޝީދުއެވެ. ތިޔަ ދިޔައީ ހައްދު ފަހަނައަޅައެވެ.
އަލްއަޚް އިބްނި ނޫޙް
އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު އެންމެ ބާރަށް ދެކެވޭ ވާހަކައިގެ ތެރެއިން އެއް ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދާދިފަހުން ދެއްވި ރޭޑިޔޯ ޚިތާބެއްގައި ﷲގެ ޙުކުމް ތަކުގެ ތެރެއިން 2 ޙުކުމެއް އަޅުގަނޑުމެންގެ ޤާނޫނު އަސާސީގައި...
އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު އެންމެ ބާރަށް ދެކެވޭ ވާހަކައިގެ ތެރެއިން އެއް ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދާދިފަހުން ދެއްވި ރޭޑިޔޯ ޚިތާބެއްގައި ﷲގެ ޙުކުމް ތަކުގެ ތެރެއިން 2 ޙުކުމެއް އަޅުގަނޑުމެންގެ ޤާނޫނު އަސާސީގައި އިނުމަށް ނުފެންނަ ވާހަކަ ވިދާޅުވި ވިދާޅުވުމެވެ. މި މައްސަލައިގެ ތެރެއަށް އަޅުގަނޑު ކުޑަކޮށް ފީނައި ލުމުން އަޅުގަޑަށް އެނގުނީ މިއީ ވަރަށް ޙައްސާސް މައްސަލައެއްގެ ގޮތުގައެވެ. ސަބަބަކީ އަޅުގަނޑަކީ ނުކިޔަވާހުރި ޖާހިލަކަށް ވީތީ ދީނީ މިފަދަ ބޮޑެތި މައްސަލައިގެ ތެރެއަށް އަޅުގަނޑު ބޯކޮއްޕާލައިފިއްޔާ ދަމައިގަންނަން ނޭގިދާނެތީއެވެ. ނަމަވެސް މިލިޔުން ލިޔެ ދުނިޔޭގެ ސަމާލުކަން އަޅުގަނޑު ހޯދުމަށް ފިންސާއި މޫނުމަތި އަޅައިގެން ފީނައިގަންނަން މި ޖެހުނީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ކުރިޔަށް ވިދާޅުވަމުން ވަޑައިގަންނަވާށެވެ.

" 30 އަހަރު ދުވަހުގެ ޚުދްމުޚްތާރު ވެރިކަން " ޝިޢާރަކަށް ހައްދަވައިގެން ކެމްޕެއިން ކުރައްވަމުން އެކިއެކި ފަންތީގެ އެކިއެކި ޤަބީލާ ތަކުގެ ސަޕޯޓަރުންގެ ހިތްތައް ކަތިލައްވަމުން ގެންދެވި ދުވަސްވަރު ތިމަންނާއަކީ އެއްވެސް ޙާލެއްގައި ދީނީ މީހެއް ނޫންކަމާއި އަދި ދީނީ ކަންކަމާއި ބެހި ލަފާދީ ޚިޔާލުދޭނީ ދީނީ މީހުން ކަމަށް ވަރަށް ޖޯޝާއި ފޯރީގައި ވިދާޅުވަމުން ގެންދެވީމު ނޫންތޯއެވެ. މިއީ ޢާއްމުން ވަރަށް ގަޔާވި ވާހަކަ ތަކަކަށްވިއެވެ. ސަބަބަކީ ޙަޤީޤަތުގައިވެސް 30 އަހަރު ދުވަހު ވެރިކަން ކުރި މީހަކު ވެރިކަން ކޮށްފައިވަނީ " ދީނާއި ދުނިޔެއާއި އަދި ދުނިޔޭގައި ވާހާތަކެއްޗަކީ އޭނާގެ އަމިއްލަ އެއްޗެއް ކަމުގައި ދެކިގެންނެވެ."

\ގިނަބަޔަކު ސިފަކުރި ގޮތުން ބޮޑު އަނިޔާވެރިކަމެއްގެ ސަބަބުން އަޅުގަނޑުމެން ދިވެހިން ސަލާމަތްވެ ، މުޅިން އާދުވަހެއްގެ އިރު އެރި ވަގުތު ގިނަބައެއްގެ ލޯތައް ވަނީީ އެކަމުގެ އުފަލުގައި ގޮސް ފެންކަޅިވެފައެވެ. ދަންނަވަންތޯއެވެ. އަޅުގަނޑަކީ ހަމައެކަނި ލޮލުން ފެންކަޅިވި މީހެއްނޫނެވެ. އުފަލުންގޮސް ﷲއަށް ސަޖިދަކުރި ވަގުތު ނުހިފެހެއްޓިގެން ރޮވުނު މީހަކީމެވެ. އަނިޔާވެރިކަމުން ސަލާމަތްވެވުނީތީއެވެ. ﷲގެ ދީނަށް މަލާމާތާއި ފުރައްސާރަކޮށް މާތް ނަބިއްޔާގެ ސުންނަތަށް އުޅެން މަސައްކަތްކުރި މީހުން ހަމައެކަނި އެކަމާއި ހެދި ޖަލަށްލައި އަނިޔާކޮށް އަދި ﷲގެ މަތިވެރި ޙުކުމްފުޅު ތަކަށް ގޮތް ކިޔައި ހެދި މީހަކު ﷲ ތިރި ކުރެއްވީތީއެވެ. އިސްލާމީ ޝަރީޢަތް ދެކެ ރުޅިއަންނަވަރު ސީދާ ތިމާގެ ދުލުން މީޑިއާ މެދުވެރިކޮށް އެތަކެއްފަހަރުވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން ހަމަ އެންމެ ވާހަކައެއް ދަންނަވާލާނަމެވެ. ކެންޕޭނު ދުވަސްވަރު މަރަށް މަރުހިފުމަށް (ޤިޞާޞްހިފުމަށް) ދީނުގައި އޮންނަ އޮތުމަށް ގޮންޖަހައި މަލާމަތްކޮށް ޖޯކު ޖަހަމުން ދިޔައިރު ކުޅިބަލަން ތިބި އެތައްސަތޭކަ ބަޔަކު އެ ފުރައްސާރައިގާ އޭނާޔާއެކު ބައިވެރި ވުމުގެ ގޮތުން ހީގަތް މަންޒަރަކީ އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު ހިތުގައި ހުރިމީހަކަށް ކެއްވާނެކަމެއްނޫނެވެ. މި މީހަކު ދެކެ ދިވެހިން ރުޅި އައިސް ފޫހިވެ އެމީހާ ސައިޒަށް ތިރިކޮށްފައިވަނީ މިފަދަ ހައްދުފަހަނައެޅުން ތަކުގެ ސަބަބުންނެވެ.

މިހުރިހާ ކަމެއް އަދި ރަނގަޅަށް ހަނދާނުން ނުފިލާ ތިއްބާ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވެސް އެއްކަލަ ހައްދު ފަހަނައަޅައިދިޔަ މީހާ ދިޔަމަގަށް ކައްސައިލާން އުޅޭކަމުގެ ސިގްނަލްތައް މިއަދު މިއޮށްގެން ފެންނަންފެށީއެވެ. މިކަމަކީ ކުރިޔަށް އޮތް 5 އަހަރުގައި އެކަމުގެ ވޭންދެނިވި ނަތީޖާއާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އަޅުގަނޑު ގަންނަ ކަމެކެވެ. މަނިކުފާނުގެ ރޭޑިޔޯ ޚިތާބުގައި އަތްކެނޑުމާއި މަރަށް މަރު ހިފުމަކީ ޤާނޫނުގައި އިނުމަށް ނުފެންނަ ކަމެކޭ ވިދާޅުވި ވިދާޅުވުމަކީ "30 އަހަރު ދުވަހުގެ ޚުދްމުޚްތާރު ވެރިކަން" ބަދަލުކޮށް ﷲގެ ހެޔޮ ރަޙްމަތުން މި އައި ހެޔޮބަދަލަށް ކިލަނބުކަމެއް ގެނުވާ އެކަމުގެ ސަބަބުން މަނިކުފާނަށް ލިބުނު 25ހާސް ވޯޓް ،ހަމަ އެންމެ 25އަށް ބަދަލުވެދާނެ ވަރުގެ ނުރައްކާތެރި ކަމެކެވެ. ތިމާއަކީ ދީނީ ޢިލްމުވެރިއެއް ނޫނޭ ކިޔައި ތިޔަ ވިދާޅުވެލެއްވި ބަސްފުޅަކީ އާދައިގެ ކުޑަ އެއްޗެއްނޫން އިނގޭތޯއެވެ.އެކަމަކީ ކުރުމާއި ނުކުރުމާއި އަދި އިތުރު ޚިޔާލެއް ދިނުމުގެ ބާރެއްވެސް އެއްވެސް އިންސާނަކަށް އަދި ކިއެއް، އެއްވެސް މަޚްލޫޤަކަށްވެސް ލިބިގެން ނުވާވަރުގެ ބޮޑު ކަމެކެވެ. އެއީ މަތިވެރި ﷲ ކަނޑައަޅުއްވާފައިވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا / سورة الأحزاب/36

މާނައީ: މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް ﷲއާއި އެކަނލާގެ ރަސުލާ ކަމެއްގައި ގޮތެއް ކަނޑައެޅުއްވުމަށްފަހު އެކަމާއި ގޮތްކިޔައި ބަސްބުނުމުގެ އެއްވެސް އިޚްތިޔާރެއް ލިބިގެން ނުވެއެވެ. އަދި ﷲއާއި އެކަނލާގެ ރަސޫލާއަށް އުރެދޭމީހާ ހަމަކަށަވަރުން އަނދިރި މަގުފުރެދުމަކުން މަގު ފުރެދިއްޖެކަން ކަށަވަރެވެ.

ވިމާ މިވަރުގެ ބޮޑުކަމަށް އަނގަބާނައި އަދި އެބުނިބަހަށް ތައުބާ ނުވެ ހުންނަން ކެރޭނީ ހާދަހާވާ ވިސްނުންކޮށި ކިބުރުވެރި ނިކަމެތި އިންސާނަކަށެވެ. އަދި ކިއެއްހެއްޔެވެ. ހައްދުފަހަނައެޅުމުގައި ހާދަ ކުރިއަރައި ދެވުނީމައެވެ. ﷲ ކަނޑައަޅުއްވާފައިވާ ހައްދުން ބޭރަށް ތިމާގެ ދޫ ނެރެ ﷲގެ ޝަރީޢަތަށް ގޮތްކިޔައި ލެވޭނީ މި އީމާންކަމޭ ބުނާއެތި ހިތުގެ ތެރެއިން ހާދަހާވާ ބޮޑަކަށް ނެރެ އެއްލާލައިގެންނެވެ. އެހެންނޫންނަމަ އެފަދަ ނިކަމެތި ބަހެއް ޚާއްސަކޮށް މުސްލިމުގައުމެއްގެ ވެރިކަމުގެ ޝަރަފު ލިބިފައިވާ މީހެއްގެ ދުލުން ބުނާނީ ކޮންފަދައަކުން ހެއްޔެވެ.

ކޮންމެއަކަސް މީހެއްގެ ގޮތް އެނގޭނީ އެމީހަކާއެކު އެއް އޮޑިއެއްގައި ދަތުރުކޮށްލުމުންނޭ މުސްކުޅިވެރިން ބުނެއުޅޭތީ އަޑުއިވެއެވެ. މުޙައްމަދު ނަޝީދު (އައްނި) އަކީ އަޅުގަނޑުމެން ވަރަށް ގަޔާވި އަދި އޭނާގެ ވާހަކަތަކަށް ވަރަށް ބާރަށް އަތްތިލަބަޑި ޖަހާ އަޅުގަނޑުމެންގެ ރުހުން ދިންމީހެކެވެ. ވެރިކަމަށް އަދި މިވީ ހަމަ ކިރިޔާ އަހަރެކެވެ. ދައުރުގެ ބޮޑުބައި އަދި އޮތީ ގައުމުގެ ރައްޔިތުން ދެން ކަންތައް ކުރާނީ ކިހިނެއްކަންވެސް ނޭގޭހާ ދުރުގައެވެ. ކިބުރުވެރިކަމާއި ބޮޑާކަމާއި އަދި ހައްދުފަހަނައެޅުން ދޫކޮށްނުލައިފިނަމަ ދައުރު ފުރިހަމަ ކުރެވޭނެ ކަމާއި މެދު ހަމަ ގައިމުވެސް އަޅުގަނޑު ޝައްކު ކުރަމެވެ.

No comments:

Post a Comment