ރޯދަވެރިޔާގެ ފާފަ ފުހެވުން..
رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
(( وَمَنْ صَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) [ متفق عليه]
"އަދި އީމާންކަމާއި އެކުގައި ޘަވާބަށް އެދިގެން ރޯދަ ހިފައިފި މީހެއްގެ ފާފަ ފުހެވިއްޖެއެވެ."
ރޯދަވެރިޔާގެ އުފާ..
ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ.
(( لِلصَّائِمِ فَرْحَتَانِ يَفْرَحْهُمَا؛ إِذَا أَفْطَرَ فَرِحَ وَإَذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ )) [ متفق عليه]
"ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. ރޯދަވީއްލާ ހިނދު (ރޯދަ ފުރިހަމަ ކުރެވުނު ކަމުގެ މައްޗަށް) އުފާވެއެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއާއި ބައްދަލުވާ ދުވަހުގައި ރޯދައިގެ (ޘަވާބާއި ދަރުމައިގެ) ސަބަބުން އުފާވާނެއެވެ."
ރޯދަވެރިޔާއަށްޓަކައި އިޖާބަ ކުރެއްވޭ ދުޢާއެއް..
رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
(( إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةٌ مَا تُرَدُّ )). [ابن ماجه]
"ހަމަކަށަވަރުން ރޯދަވެރިޔާ ކޯދޮންނަ ވަގުތުގައި ރައްދުނުކުރެވޭ ދުއާއެއް ވެއެވެ."
ރޯދަމަހުގައި ގިޔާމު ކުރުމުގެ މާތްކަން..
النَّبِيُّ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ.
(( مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) [ متفق عليه]
"އީމާނާއި ޘަވާބުގެ ނިޔަތުގައި ރޯދަމަހު ގިޔާމު ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަ ފުއްސެވިގެން ވެއެވެ."
ލައިލަތުލްގަދުރި ވިލޭރޭގައި ގިޔާމު ކުރުމުގެ މާތްކަން..
ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ.
(( مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )). [ متفق عليه]
"އީމާނާއި ޘަވާބުގެ ނިޔަތުގައި ލައިލަތުލް ޤަދުރިވިލޭރޭ ގިޔާމު ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަ ފުހެވިއްޖެއެވެ."
ޖަމާއަތުގައި ތަރާވީޙް ނަމާދު (ޤިޔާމް) ކުރުމުގެ މާތްކަން..
رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ.
(( مَنْ قَامَ مَعَ الإمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ )). [الترمذي والنسائي وابن ماجه]
"އިމާމާއި އެކުގައި އޭނާ ސަލާން ދޭންދެން ގިޔާމުކޮށްފި މީހަކަށް މުޅިރޭގަނޑުގެ އަޅުކަން ލިޔުއްވިގެން ވެއެވެ."
ހާރުކެއުމުގެ މާތްކަން..
رسولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
(( تَسَحَّرُوْا فَإِنَّ فِي السَّحُوْرِ بَرَكَةً )) [ متفق عليه]
"ހާރު ކާށެވެ. ހަމަކަށަވަރުން ހާރުގައި ބަރަކާތް ވެއެވެ."
މީހަކަށް ރޯދަ ވީއްލަން ދިނުމުގެ ޘަވާބު..
رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
(( مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا )) [الترمذي]
"ރޯދަވެރިއަކަށް ކޯދޮންނަން ދީފި މީހަކަށް، އެރޯދަވެރިޔާގެ އަޖުރުން އުނިވުމަކާއި ނުލައި، އެފަދަ ޘަވާބު ހުއްޓެވެ."
ރޯދަމަހުގައި ޢުމުރާއެއް ކުރުމުގެ މާތްކަން..
رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ.
(( عُمْرَةً فِيْ رَمَضَانَ تَقْضِيْ حَجَّةً أَوْ حَجَّةً مَعِيْ )) [متفق عليه]
"ރޯދަމަހުގައި ޢުމުރާއެއް ކުރުމަކީ ހައްޖަކާއި އެއްވަރު ކަމެކެވެ. ނުވަތަ ހަދީޘްކުރެއްވީ: "ތިމަން ރަސޫލާގެ އަރިހުގައި ހައްޖެއް ކުރުން ފަދައެވެ."
ފާފަފުހެވޭ ސަބަބުތަކެއް..
رَسُولُ اللهِ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
(( الصَّلاَةُ الْمَكْتُوْبَةُ إِلَى الصَّلاَةِ الَّتِيْ بَعْدَهَا كَفَّارَةٌ لِمَا بَيْنَهُمَا، قَالَ وَالْجُمُعِةُ إِلَى الْجُمُعَةِ، وَالشَّهْرُ إِلَى الشَّهْرِ يَعْنِيْ رَمَضَانَ إَلَى رَمَضَانَ كَفَّارَةٌ لِمَا بَيْنَ هُمَا )). [أحمد]
"ފަރުޟު ނަމާދަކީ އޭގެ ފަހުގައިވާ ނަމާދާއި ދެމެދުގެ ފާފަ ފުހެވޭ ކަމެކެވެ. އަދި އެއްހުކުރުން އަނެއް ހުކުރާއި ދެމެދުގެ ފާފަ ފުހެވެއެވެ. އަދި އެއް ރޯދަމަހަކީ އަނެއް ރޯދަމަހާއި ދެމެދުގެ ކައްފާރާއެކެވެ."
No comments:
Post a Comment